އިލެކްޝަންސް ކޮމިޝަން

އެކުވެރި ސުވަދީބު ޕާޓީއަށް ހުއްދައެއް ނުދިން

Nov 26, 2021

ސިޔާސީ ޕާޓީއެއްގެ ގޮތުގައި "އެކުވެރި ސުވަދީބު ޕާޓީ" އުފެއްދުމުގެ ހުއްދަ ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުނ ނިންމައިފި އެވެ.

އެކުވެރި ސުވަދީބު ޕާޓީ އުފެއްދުމުގެ ހުއްދަ އަށް މިދިޔަ މަހުގެ 15 ދުވަހު ހުށަހެޅުއްވީ މުހައްމަދު ޔާސީން ނަމަކަށް ކިޔާ މީހެކެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެކުވެރި ސުވަދީބު ޕާޓީ، އެ ނަމުގައި އުފެއްދުމަށް ހުއްދަ ނުދިނީ އެއީ ރާއްޖޭގެ ވަކި ސަރަހައްދަކަށް ނިސްބަތްވާ ނަމަކަށް ވެފައި ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމަކަށް ނުވާތީ ކަމަށެވެ.

ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ވަކި މީހެއްގެ ނަމެއް ނުވަތަ ރާއްޖޭގެ ވަކި ސަރަހައްދަކަށް ނިސްބަތްކޮށް ނަން ނުކިޔޭނެ ކަމަށް ބުނެފައިވެ އެވެ.

މީގެކުރިން ވެސް ބައެއް ނަންނަމުގައި ބައެއް ޕާޓީތައް ރަޖިސްޓްރީ ކުރަން ހުއްދައަށް އެދުމުން ހުއްދަ ދީފައެއް ނުވެ އެވެ. އެގޮތުން "ކަރިޝްމާ ޕާޓީ"ގެ ނަމުގައި އުފެއްދުމަށް މަސައްކަތް ކުރި ޕާޓީއަކަށް ހުއްދަ ދީފައެއް ނުވެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިވަގުތު 11 ސިޔާސީ ޕާޓީއެއް އޮތް އިރު އެންމެ ފަހުން ރަޖިސްޓްރީ ކޮށްދީފައިވަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އެވެ.