އެސްއޯއީ ކޮމެޓީ

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެސްއޯއީތަކަށް ނުދޭން ފާސްކޮށްފި

Nov 26, 2021
2

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން ހަވާލުކުރުން މަނާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ -- އެސްއޯއީ ކޮމިޓީން ފާސްކޮށްފި އެވެ.

ކޮމިޓީން އެގޮތަށް ނިންމީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިދިޔަ ސަރުކާރުގައި ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ކުރިމަތިވެފައި ހުރި މައްސަލަތައް ބަލައި ދިރާސާކުރުމަށްފަހު އެވެ. ކޮމިޓީގެ ނިންމުން ފާސްކުރީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ބުނެފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ނުވަތަ އެސްއޯއީ ތަކަކީ ވަކި މަގުސަދުތަކެއް ހާސިލްކުރަން އުފައްދާފައިވާ ކުންފުނިތަކެއް ކަމަށެވެ. މަގުސަދާ ފުށުއަރާ މަސައްކަތްތައް ކުންފުނިތަކުން ކުރުމާއި އެފަދަ ކަންކަމަށް ކުންފުނީގެ ވަސީލަތްތައް ބޭނުންކުރުމާއި ހަރަދުކުރުމަކީ ކޭޝްފްލޯ އަށް އަސަރުކުރާނެ ކަމެއް ކަމަށް ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުން އެންމެ ރަނގަޅީ އެކަމަށް ހާއްސަކޮށްފައިވާ ކުންފުނިތަކުން ކަމަށް ބުނެފައިވެ އެވެ.

ރިޕޯޓްގައި ބުނެފައިވަނީ ކުންފުނިތަކުން ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަށްފަހު އެ ތަންތަން މެނޭޖުކުރުމާއި ބެލެހެއްޓުމާ ހަވާލުވުމަކީ ވެސް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އަދި ކުންފުނީގެ މަގުސަދާ ނުގުޅޭ ކަންކަމަށް ލޯން ނެގުމަކީ ކުންފުނިތަކުގެ މާލީ ހާލަތަށް އަސަރު ފޯރާނެ ކަމެއް ކަމަށެވެ.

އެސްއޯއީ ތަކުން އަޅާ ފްލެޓްތައް ކުންފުނިތަކުގެ މުވައްޒަފުންނަށް ދޫކުރާއިރުު ފައިސާ ދެއްކޭނެ އަދި ފައިނޭންސް ކުރެވޭނެ ފަސޭހަ ގޮތްތަކެއް ހަމަޖައްސަން ރިޕޯޓްގައި ލަފާ ދީފައިވެ އެވެ. އެސްއޯއީ ކުންފުނިތަކުން މިހާރު ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ފާހަގަކުރެވޭ މައްސަލަތައް، ފްލެޓް އެޅުމުގެ މަސައްކަތް އަދި ފަށާފައި ނުވާ ކުންފުނިތަކުން އެ މަސައްކަތްތައް ފަށާނަމަ މަސައްކަތް ފެށުމުގެ ކުރިން ހައްލުކުރުމަށް ލަފާ ދިނުމަށްވެސް ނިންމާފައިވެ އެވެ.

ކޮމިޓީ ރިޕޯޓްގައި ވަނީ ފްލެޓް އަޅާ ނިމޭއިރު އެފަދަ ތަނަކުން ލިބެންޖެހޭ ހުރިހާ ހިދުމަތްތަކެއް ލިބެން ހުންނަ ގޮތަށް މަޝްރޫއު ފުރިހަމަ ކުރުމަށް އަންގަން ވެސް ނިންމާފަ އެވެ. އަދި ފްލެޓް ލިބޭ މީހުން ކަނޑައަޅާއިރު ހައުސިން މިނިސްޓްރީގެ ގައުމީ ބޯހިޔާވެހިކަމުގެ ސިޔާސަތާ އެއްގޮތަށް އުސޫލު ބައްޓަންކުރުމަށް ލަފާ ދިނުމަށްވެސް ނިންމާފައިވެ އެވެ. ކުންފުނިތަކުން ފްލެޓްތައް ދިނުމުގައި އެ ކުންފުނިތަކުގައި ދިގު މުއްދަތަކަށް މަސައްކަތްކޮށްފައިވާ ދާއިމީ މުވައްޒަފުންނަށް އިސްކަން ދިނުމަށް އަންގަންވެސް ކޮމިޓީން ނިންމާފައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް 15 އެސްއޯއީ އަކަށް ބިން ދޫކޮށްފައިވެ އެވެ. ނަމަވެސް މިހާތަނަށް މަޝްރޫއުތައް ފަށާފައިވަނީ ހަ ކުންފުންޏަކުންނެވެ. އެހެންވެ މަސައްކަތްތައް ފަށާފައި ނުވާ ކުންފުނިތަކަށް ދޫކޮށްފައިވާ ބިންތައް އަނބުރާ ނެގުމަށް އެޗްޑީސީ އަށް އެންގުމަށްވެސް ކޮމިޓީން ފާސްކޮށްފައިވެ އެވެ.

ކުންފުނިތަކުން މުވައްޒަފުންނަށް ދޫކުރާ ފްލެޓްތަކުގެ ތެރެއިން ފްލެޓެއް ބާކީވާނަމަ ސަރުކާރަށް ދޫކުރެވެން އޮތް ފްލެޓެއް ސަރުކާރަށް ދޫކުރުމަށްފަހު ބާކީ ފްލެޓްތައް ވިޔަފާރި އުސޫލުން ވިއްކާލުމަށް ލަފާ ދިނުމަށްވެސް ފާސްކޮށްފައިވެ އެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް އެސްއޯއީ ތަކަށް ދޫކޮށްފައިވާ ބިންތަކާ އެ މަޝްރޫއުތަކާ ގުޅޭގޮތުން އެސްއޯއީ ކޮމިޓީން ގޮތްތަކެއް ނިންމާފައި މިވަނީ އެސްއޯއީތައް ކޮމިޓީ އަށް ހާޒިރުކޮށް މައުލޫމާތު ސާފުކުރުމަށްފަހު އެވެ.