އެސްއޯއީ ކޮމެޓީ

ސްކޭމް ހުއްޓުވަން މަލްޓި-އެޖޭންސީ ޓާސްކް ފޯސްއެއް ހަދަން ކޮމެޓީން ފާސްކޮށްފި

ސްކޭމް ކޯލްތަކާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް ހައްލުކުރުމަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިސްނެގުމަށް މަލްޓި-އެޖޭންސީ ޓާސްކް ފޯސްއެއް އެކުލަވާލަން އަންގަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން ފާސްކޮށްފި އެވެ.

އެސްއޯއީ ކޮމިޓީން މިގޮތަށް ފާސްކުރީ އެ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކެއް ދިރާސާކުރުމަށްފަހު އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ވެރިފަރާތްތަކަށް ނޭނގި އެ އެކައުންޓްތަކުން ފައިސާ ކެނޑެމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ އެވެ.

މެންބަރު އަބްދުލްމުޣުނީ ހުށަހެޅުއްވި މައްސަލާގައި އެކައުންޓު ބްރީޗްވިކަން ނޭނގި އެހެން އެކައުންޓްތަކަށް ފައިސާ ޓްރާންސްފާވާ ކަމަށާއި ބޭންކުން އެކައުންޓްތައް ފްރީޒްކުރަމުންދާ ކަމަށް ބުނެފައިވެ އެވެ. އަދި އެކިއެކި ސްކޭމްތަކުގެ ސަބަބުން އެކައުންޓްތަކުގެ ވެރިފަރާތްތަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށްވެސް މެންބަރު އަބްދުލްމުޣުނީ ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓްތަކުން ވެރި ފަރާތަށް ނޭނގި ފައިސާ ކެނޑެމުންދާ ކަމަށް ބުނެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވި މައްސަލަ އާއި ރައްޔިތުންގެ އެކައުންޓްތަކުން ފައިސާ ގެއްލެމުންދާ ގޮތް ދެނެގަތުމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހެޅުއްވި މައްސައަކީ ގުޅުންހުރި މައްސަލަތަކެއްކަން ފާހަގަކޮށް ތިން މައްސަލައެކުގައި ބެލުމަށް ނިންމީ ކަމަށް އެސްއޯއީން ކޮމިޓީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

މަލްޓި-އޭޖެންސީ ޓާސްކް ފޯސްއެއް އެކުލަވާލުމަށް އަންގާ މި އިދާރާތައް ގުޅިގެން މަސައްކަތް ކުރެވޭނެ ނިޒާމެއް ކަނޑައެޅުމަށް އެންގުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ. އަދި މައްސަލަތަކަށް އަވަހަށް ފިޔަވަޅުތައް އަޅައި ހައްލުކުރުމަށް އެކަށީގެންވާ ނިޒާމެއް ކޮމިޓީ ރިޕޯޓު މަޖިލީހުން ފާސްކުރާތާ 15 ދުވަސް ތެރޭގައި ގާއިމުކުރަން އެންގުން ހިމެނެ އެވެ.

ދިވެހިރާއްޖޭގެ ބޭންކިންގްއާބެހޭ ގާނޫނާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނާއި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ އިތުރުން ހެއްކާބެހޭ ގާނޫނު އިސްލާހުކުރަން އެ ޓާސްކް ފޯސްއަށް ފާހަގަކުރެވޭނަމަ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކޮށް އެ ބަދަލުތައް ގެންނަން އެންގުމަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

ކޮމިޓީން ނިންމި ކަންތައްތަކުގެ ތެރޭގައި މަކަރާއި ހީލަތް ހުއްޓުވުމަށް ބޭންކްތަކުގެ އެތެރޭގެ ސިޔާސަތުތައް ހަރުދަނާކޮށް އެ ސިޔާސަތުގެ ދަށުން މަކަރާއި ހީލަތްތައް ހުއްޓުވުމާއި ފާހަގަކުރުމާއި ތަހުގީގުކުރުމާއި ރިޕޯޓްކުރުންފަދަ ކަންކަން ހަރުދަނާ ކުރުމަށް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް އަދި ބީއެމްއެލްއަށް އެންގުން ހިމެނެ އެވެ.

ސްކޭމްގެ ކުށްތައް މައިގަނޑުކޮށް ފެށިގެން އަންނަނީ ކ. މާފުށީ ޖަލުގައި ތިބޭ ގައިދީންގެ ފަރާތުންކަން ކޮމިޓީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. ގައިދީންނަށް ލިބޭ ގަވާއިދާ ހިލާފު ތަކެތި ޖަލަށް ވެއްދުން ކޮންޓްރޯލް ކުރުމަށް ނިޒާމުތައް ހަރުދަނާކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް އެންގުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ރާއްޖޭގައި ބޭނުންކުރާ ހުރިހާ ނަންބަރުތަކަކީ ރަޖިސްޓަރީކުރެވިފައިވާ ނަންބަރުތަކެއްކަން ކަށަވަރުކޮށް މޮބައިލް ނަންބަރުތަކުގެ ވެރިފަރާތް ފަސޭހައިން ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއަށް އެންގުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.

މި ރިޕޯޓު މަޖިލީހުން ފާސްކުރާތާ 15 ދުވަސް ތެރޭގައި މޯބައިލް ސިމް ކާޑުގެ އެކްސެސް ވަކި އަދަދަކަށް ލިމިޓްކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީއަށް އެންގުމަށްވެސް އެސްއޯއީ ކޮމިޓީން ވަނީ ނިންމާފަ އެވެ.