އަބްދުﷲ ޝާހިދު

އާންމު މަޖިލީހުގެ ރައީސް، ޗައިނާގެ ފޮރިން މިނިސްޓަރާ ބައްދަލުކޮށްފި

Nov 26, 2021

އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ހާރިޖީ ވަޒީރު އަދި ސްޓޭޓް ކައުންސިލާ ވާންގް ޔީ އާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި މޫސުމީ ބަދަލުތަކާއި މަލްޓިލޭޓަރަލިޒަމް އާއި އދގެ ހިންގުން ހަރުދަނާކުރުން އަދި ޗައިނާގެ ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް އާ ބެހޭ ގޮތުން މަޝްވަރާކުރެއްވިކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އުއްމީދުގެ ރިޔާސަތަށް ޗައިނާގެ ތާއީދު އެބައޮތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި މިއަދު ވަނީ ޗައިނާގައި ގާއިމްކޮށްފައިވާ އދގެ އޮފީސްތަކުގެ ޓީމްތަކާ ބައްދަލުކުރައްވާފައެވެ. އަދި ޗައިނާގެ ފޮރިން އެފެއާޒް ޔުނިވާސިޓީގައި ޒުވާން ޑިޕްލޮމެޓުންނާއެކު ވަރޗުއަލްކޮށް ބައްދަލުކުރައްވައި ވާހަކަ ދެއްކެވިއެވެ. މީގެ އިތުރުން އޯލް ޗައިނާ ވިމެން ފެޑެރޭޝަންއާއިވެސް މިނިސްޓަރު ޝާހިދު އިއްޔެ ބައްދަލުކުރެއްވިއެވެ. ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމަކީ މިނިސްޓަރު ޝާހިދުގެ ރިޔާސަތުގައި ހާއްސަ އިސްކަމެއް ދެއްވާ ކަންތައްތަކެކެވެ.

ކޮވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރު ކުރީކޮޅު ޗައިނާއިން ބޭރުގެ އިއްޒަތްތެރިންނަށް މަރުހަބާ ކިޔުން މަޑުޖައްސާލި ފަހުން މިނިސްޓަރު ޝާހިދަކީ އެ ގައުމުން ބޭރުގެ އިއްޒަތްތެރިއަކަށް މަރުހަބާކީ ފުރަތަމަ އެއް ބޭފުޅާއެވެ. ޗައިނާ ސަރުކާރުގެ ދައުވަތަކަށް މިނިސްޓަރު ޝާހިދު މިކުރައްވާ ދަތުރުފުޅަކީ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ.
ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޗައިނާއަށް މިނިސްޓަރު ޝާހިދު ދަތުރުކުރައްވައ، ފޮރިން މިނިސްޓަރު ވާންގް ޔީ ގެ އިތުރުން އެ ގައުމުގެ ނައިބު ރައީސް އާ ބައްދަލުކުރެއްވިއެވެ.