ލައިފްސްޓައިލް

ދަރިފުޅު ގޮވައިގެން މަޖިލީހަށް ދިއުން ހޫނު ބަހުސަކަށް

އިނގިރޭސި ވިލާތުގެ ޕާލަމެންޓް މެންބަރުންގެ ތެރެއިން އަންހެން މެމްބަރަކު އެ ގައުމުގެ ޕާލަމެންޓުގެ ދަށުގެ "ހައުސް އޮފް ކޮމަންސް" އަށް އޭނާގެ ތިން މަހުގެ ދަރިފުޅު ގޮވައިގެން ދިއުމުން އެކަމާ އޮންލައިންކޮށް ހޫނު ބަހުސެއް ކުރަމުން އެބަ ދެއެވެ.

މި ބަހުސް ހޫނުވާން މެދުވެރިވީ ދަރިފުޅު ގޮވައިގެން ޕާލަމެންޓަށް ވަޑައިގެންނެވި ލޭބާ ޕާޓީގެ އެމްޕީ ސްޓެލާ ކްރީސީ ކުރެއްވި ޓުވިޓެއްގައި އޭނާއަށް ޕާލަމެންޓުގެ އިސް އޮފިޝަލުން ފޮނުވާފައިވާ އީމެއިލެއް ޝެއާ ކުރެއްވުމާ ގުޅިގެންނެވެ. އެ މެއިލްގައި ބުނެފައިވާ ގޮތުގައި ޕާލަމެންޓުން އަލަށް ހަދާފައިވާ ގަވާއިދެއްގެ ދަށުން މެމްބަރުންގެ ގޮނޑިކޮޅުގައި މެންބަރާއެކު ކުޑަ ކުއްޖަކު އިނުމަކީ މަނާ ކަމެކެވެ.

ކްރީސީގެ ޓުވީޓުގައި ވިދާޅުވެފައިވާ ގޮތުގައި އޭނާގެ ބަސް އަހައިގެން ނިދާފައި އޮންނަ ދަރިފުޅު ގޮވައިގެން ޕާލަމެންޓަށް ހާޒިރު ވުން މަނަލެވެ. ނަމަވެސް މާސްކް ނާޅާ އުޅޭ ޕޮލިސީއަކަށް ބަދަލެއް ނާދެ އެވެ.

މި މައްސަލައިގައި ސްޓެލާ އަށް ތާއީދުކޮށް އޭނާއާއެކު މަސައްކަތްކުރާ އަންހެން އެމްޕީއެއް ކަމަށްވާ ކެރޮލީން ލޫކަސް ވާހަކަފުޅު ދައްކަވާފައި ވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ޕާލަމެންޓް މެމްބަރުންނަށް ވުރެ ތުއްތު ކުދިން މާ މަތިވެރި ކަމަށެވެ.

މިކަމުގައި ގިނަ ބަޔަކު ކްރީސީ އާ އެއްކޮޅަށް ވާހަކަ ދެއްކިޔަސް އޭނާ އާ ދެކޮޅު މީހުން ވެސް އެބަ ތިއްބެވެ.

"އެއްވެސް މަންމަޔަކު އޮފީހަށް ދާއިރު އޭނާގެ ތުއްތު ދަރިފުޅު ގޮވައިގެން ދޭތަ؟ ސްޓެލާ ކްރީސީ ވެސް ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ނަގައިގެން ގޭގައި ހުރީމަ ނިމުނީނު. އޭރުން މުސާރަ ވެސް އެއްކޮށް ލިބިފައި ދަރިފުޅު ވެސް މާ އުފާވާނެ،" ކްރީސީއަށް ފާޑުކީ މީހަކު ލިޔެފައި ވެއެވެ.

ފާޑުކީ އެހެން މީހަކު ބުނީ ކްރީސީ އުޅެނީ މީހުންނަށް ކަން ދައްކަން ކަމަށެވެ. އެއީ ކޮންމެހެން ދަރިފުޅު ދެކެ ވާ ލޯބިން ކުރި ކަމެއް ނޫން ކަމަށެވެ.