ކުޑަކުދިން ކުޅެން ގެންގުޅޭ ޕްލާސްޓިކް ވިސްލް (ފުމޭ ކަށިގަނޑެއް) 12 އަހަރުގެ ކުއްޖެއްގެ ފުއްޕާމޭގައި ތާށިވެފައި އިންނަތާ 11 މަސް ފަހުން ސާޖަރީ ހަދައިގެން އެ ކަށިގަނޑު ނަގައިފި އެވެ.
އިންޑިޔާގެ ކޮލްކަތާގައި ދިރިއުޅޭ މި ކުއްޖާއަށް ކަށިގަނޑު ދިރުވާލެވުނީ ޕޮޓޭޓޯ ޗިޕްސް ކަމުން ގޮސް އޮޅިގެން ޗިޕްސްކޮޅެއް ކަމަށް ހިތަ އެވެ.
ބަރުއިޕޫރު ކިޔާ ރަށެއްގައި ދިރިއުޅޭ ރައިހާން ލަސްކަރް އަށް ކަށިގަނޑު ދިރުވާލެވިފައިވަނީ މިދިޔަ ޖެނުއަރީ ގައެވެ. އޭރުއްސުރެ މި ކަށިގަނޑު އިނީ ކުއްޖާގެ ފުއްޕާމޭގައި ތާށިވެފައި ވެއެވެ. އަދި ކުއްޖާ ވާހަކައެއް ބުނަން އަނގަ ހުޅުވާލާ ކޮންމެ ފަހަރަކު އެ ކަށިގަނޑު ފުމުމުން ގޮވާ އަޑު އަނގައިގެ ތެރެއިން ނުކުމެ އެވެ.
ފުރަތަމަކޮޅު މިކަމުގެ ސަބަބުން ރައިހާންގެ ސިއްހަތަކަށް މާ ބޮޑު އަސަރެއް ނުކުރެ އެވެ. އެހެންވެ މައިންބަފައިންނަކަށް އޭނާގެ ތަކުލީފުތަކެއް ނޭނގެ އެވެ. ނަމަވެސް އެ ގެޔާ ކައިރީގައި އޮންނަ ފެންގަނޑަކަށް ފަތަން އެރިފައި އިރުކޮޅަކު ވެސް މޫނު އަޑިއަށް ލައިގެން ނޯވެވިގެން އުޅޭތަން މައިންބަފައިންނަށް ވެސް ފެނެ އެވެ. މިއީ ކުރިން އޭނާ އުޅޭ ގޮތެއް ނޫން ވީމަ އެކަން އެމީހުންނަށް ވަރަށް ބޮޑަށް ފާހަގަ ކުރެވެން ފެށި އެވެ.
ކަށިގަނޑު ދިރުވާ ލެވުނީއްސުރެ މޭގައި ރިއްސުމާއި ނޭވާލާން އުނދަގޫވުމުގެ މައްސަލަތައް ރައިހާން އަށް ކުރިމަތިވަމުން އައިކަމަށް އޭނާގެ ސާޖަރީ ހެއްދެވި ޑޮކްޓަރު ވިދާޅުވެފައި ވެއެވެ.
"މި އެކްސިޑެންޓް ހިނގި ވާހަކަ ދަރިފުޅު ހުރީ ނުބުނެ. އޭނަ އަހަރެމެން ކައިރީ އެ ވާޙަކަ ބުނީ ނޭވާލާން އުނދަގޫވާން ފެށީމަ. އަހަރެމެން އަވަހަށް އޭނާ ގޮވައިގެން މެޑިކަލް ކޮލެޖަށް ދިޔައިމަ އެތާގަ ތިބި ޑޮކްޓަރުން ބުނި އެތަނަކުން އެކަމެއް ނުވާނޭ. އޭރު ދަރިފުޅުގެ ހާލު ވަރަށް ބޮޑަށް ގޯސްވާން ފަށައިފި. އެހެންވެ ޝަހަރުގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލަށް ފަހުން ދަރިފުޅު ގޮވައިގެން ދިޔައީ،" ރައިހާންގެ ބައްޕަ ބުންޏެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައިހާންގެ ސާޖަރީ ހަދާދިނީ އެފަދަ ސާޖަރީތަކަށް ޚާއްސަ އިންސްޓިޓިއުޓެއްގެ ޕްރޮފެސަރެއް ކަމަށްވާ އަރުނާބާ ސެންގުޕްތާ އެވެ.
"އަހަރެމެން އެކްސްރޭ އާއި ސީޓީ ސްކޭން ހަދައިގެން ފުރަތަމަ ބެލީ ކުއްޖާގެ ފުއްޕާމޭގައި އެ ކަށިގަނޑު ތާށިވެފައި އިން ހިސާބު. އެއަށްފަހު އޭނަގެ ހާލު ރަނގަޅުކުރަން ބޭސް ދިނީ. ސާޖަރީ ހަދައިގެން އެ ކަށިގަނޑު ނެގީ އޭގެ ފަހުން. އަހަރެމެން ބްރޮނޮސްކޮޕީ ހަދައި އޮޕްޓިކަލް ފޯސެޕްސް އަކުން އެ ކަށިގަނޑު ނެގީ،" ޑޮކްޓަރު ވިދާޅުވި އެވެ.