އެމްޑަބްލިއުއެސްސީ

ހިޔާ ފްލެޓްތަކަށް މާދަމާ ފެން ބިލް ފޮނުވަނީ

Nov 27, 2021

ހިޔާ ފްލެޓްތަކަށް މާދަމާ އިން ފެށިގެން އަލުން ފެން ބިލް ފޮނުވަން ނިންމައިފި އެވެ.

ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި މިއަދު ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވީ ފްލެޓްތަކަށް މާދަމާ ފެން ބިލް ފޮނުވަން ފަށަނީ މީގެކުރިން ފްލެޓްތަކަށް ފެން ބިލް ފޮނުވުމުން ބައެއް ފްލެޓްތަކުން ފާހަގަކުރި މައްސަލަކާ ގުޅިގެން އެ މައްސަލަތައް ބަލައި ދިރާސާކުރުމަށްފަހު ކަމަށެވެ.

ޝާހް ވިދާޅުވީ ފެން ބިލްގެ މައްސަލަތައް ބެލުމުން 4،000 އެއްހާ ފްލެޓްގެ ބިލްގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މާދަމާ އިން ފެށިގެން ބިލް ފޮނުވާނީ މައްސަލަތައް ނެތް ފްލެޓްތަކަށް ކަމަށެވެ.

ހިޔާ ފްލެޓްތަކަށް މާދަމާ ބިލް ފޮނުވަން ނިންމާފައިވަނީ ތިން މަހުގެ ބިލް އެއްފަހަރާ އެވެ. ނަމަވެސް ބައިބަޔަށް ބަހާލައިގެން ބިލްތަކަށް ފައިސާ ދެއްކުމުގެ ފުރުސަތު ދީފައިވެ އެވެ. ބިލްތަކަށް ފައިސާ ދައްކަން އެއްބަސްވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައިފިނަމަ ޖޫރިމަނާ ނުނަގަން އެމްޑަބްލިއުއެސްސީން ވަނީ ނިންމާފަ އެވެ.

ޝާހް ވިދާޅުވީ ހިޔާ ފްލެޓްތަކުގައި އަދިވެސް ރަޖިސްޓްރީ ނުކުރާ މީޓަރުތަކެއް ހުރިކަން ފާހަގަވާ ކަމަށެވެ. އެހެންވެ އަވަހަށް ރަޖިސްޓްރީ ކުރުމަށްވެސް އިލްތިމާސް ކުރެއްވި އެވެ. އެކަމަށް ފަސޭހަކޮށްދިނުމަށްޓަކައި ފްލެޓްތަކުގެ ކައިރީގައި ހާއްސަ ޑެސްކެއް ބެހެއްޓުމަށްވެސް ނިންމާފައިވެ އެވެ.

ހިޔާ ފްލެޓުތަކުގައި ހުރި ބައެއް ފެން މީޓަރުތަކުގައި މައްސަލަތަކެއް އުޅޭތީވެ އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ޝާހް ވިދާޅުވި އެވެ. އެކަމަކު ފެލްޓުތަކުގައި ބޭނުން ކޮށްފައިހުރި ފެން ހޮޅިތަކެއްގެ ސަބަބުން މެއިންޓެނެންސް މަސައްކަތެއް ކުރަން ޖެހިއްޖެ ނަމަ މުޅި ފްލޯއިން އެއްކޮށް ފެން ކަނޑާލައިގެން ނޫނީ މަސައްކަތް ނުކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ޝާހް އިތުރަށް ވިދާޅުވީ ހިޔާ ފްލެޓްތަކުގައި ބޭނުން ކޮށްފައި ހުރީ އެމްޑަބްލިއުއެސްސީ ބޭނުންކުރާ ބާވަތުގެ ހޮޅި ކަމަށް ނުވާތީ މައްސަލައެއް ދިމާވެއްޖެ ނަމަ ހޮޅިތައް މަރާމާތުކުރުމަށް ބޭނުންވާ ސާމާނު ވެސް އެ ކުންފުނީގައި ނެތް ކަމަށެވެ. ބައެއް ފްލެޓްތަކުގެ ފެން ބިލް ބޮޑުވާ މައްސަލާގައި ޝާހް ވިދާޅުވީ ހިޔާ ފްލެޓްތަކުގައި ބޭނުންކުރާ ގިނަ މީޓަރުތަކެއްގައި މައްސަލަ އެބަހުރި ކަމަށާއި ފެން ބިލް ބޮޑުވަނީ އެތަނުގައި ބޭނުންކޮށްފައި ހުރި ހޮޅިއާއި މީޓަރުތަކެއްގެ ކަމުގެ ސަބަބުން ކަމަށެވެ.