ހަބަރު

ކުރިމަތިލީ 72 މުވައްޒަފުންނަށް ފްލެޓު ޔަގީން: ފެން ކުންފުނި

ފެން ކުންފުނީގެ ހިޔާ ފްލެޓުތަކަށް ކުރިމަތިލީ މީހުންގެ ތެރެއިން، ހުރިހާ މީހުންނަށްވެސް ފްލެޓު ލިބޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.

މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ހިޔާ މަޝްރޫއުގެ ދަށުން ސަކާރުން ހިންގާ ކުންފުނިތަކަށް ވަނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ހިއްކި ބިމުގައި ޓަވަރުތަކެއް އެޅުމުގެ ފުރުސަތު ދީފަ އެވެ. މި ޕްރޮގްރާމްގެ ދަށުން މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ވަނީ 384 އެޕާޓްމަންޓް ހިމެނޭ 15 ބުރީގެ ދެ ޓަވަރު އެޅުމަށް ނިންމާފަ އެވެ. ޓަވަރުތައް އަޅަން ފެން ކުންފުނިން ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޓްވެންޓީ ތާޑް މެޓަލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑް އޮފް މިނެމެޓަލްސް އަށެވެ.

މި މަޝްރޫއާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ކުރިއަށްގެންދިޔަ ޕްރެސް ކޮންފަރެންސް އެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ، މި ފްލެޓުތަކަށް ކުރިމަތިލީ 72 މީހުން ކަމަށާއި އެ އެންމެންނަށްވެސް މިހާރު ވަނީ ފްލެޓު ޔަގީންވެފައި ކަމަށެވެ. އަދި ކުރިމަތިލީ މީހުންގެ ތެރެއިން ގިނައިން ކުރިމަތިލާފައި ވަނީ ދެ ރޫމާއި ތިން ރޫމުގެ އެޕާޓްމަންޓުތަކަށް ކަމަށެވެ.

ޝާހު ވިދާޅުވީ، 15 ބުރީގެ ދެ ޓަވަރުގެ ތެރެއިން އެ ކުންފުނިން އެންމެ ފުރަތަމަ މަސައްކަތް ފެށީ އެއް ޓަވަރު ނިންމަން ކަމަށެވެ. މިހާރު ހުރީ އެ ޓަވަރުގެ ސްޓްރަކްޗާ އެއްކޮށް ނިމި 55 ޕަސެންޓާއި 60 ޕަސެންޓަށް މަސައްކަތް ނިމިފައި ކަމަށާއި އަންނަ އަހަރު ޖޫން ހިސާބުގައި ފްލެޓަށް ވަދެވޭނެ ކަމަށް ވިދާޅުވި އެވެ.

"ކޮންކްރީޓު މަސައްކަތް ނިމުމަށްފަހު ދެން ކުރިއަށްދާނީ އިމާރާތުގެ ރޭނުގެ މަސައްކަތް. މަސައްކަތް ޝެޑިއުލް ކުރެވިފައި އޮތް ގޮތުން އަޅުގަނޑުމެން މި ބަލަނީ މި މަސައްކަތް 2021 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ނިމެނޭ ކަމަށް. އެހެންނަމަވެސް، މި ދުވަސްކޮޅަކީ ކޮވިޑް-19ގެ ޕެންޑެމިކްގެ ހާލަތުގެ ސަބަބުން، ކޮންޓްރެކްޓަރު އެބަ ވިދާޅުވޭ މެޓީރިއަލް ސޯސް ކުރުމުގައި ލަސްތަކެއް ދިމާވަމުންދާ ކަމަށް. އެކަމަކު، އަދި ޝެޑިއުލްގައި އިނީ މިއަންނަ އަހަރުގެ ޖޫންގެ ތެރޭގައި ފްލެޓުތަކަށް މީހުން ވައްދާލެވޭނެ ކަމަށް" ޝާހު ވިދާޅުވި އެވެ.

އިތުރަށް ފާހަގަ ކުރެއްވީ، އެ ކުންފުނީގެ ޓަވަރުތައް އަޅާ ސަރަހައްދަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މުހިންމު ސަރަހައްދެއް ކަމަށާއި ޓަވަރުތަކުގައި ހުންނަ އެޕާޓުމެންޓުތަކަކީ ސައިޒުގެ ގޮތުން ތަނަވަސް ތަންތަނަށް ވާނެ ކަމަށެވެ.

އެޕާޓްމަންޓުތަކުގެ ސައިޒު

  • އެއް ކޮޓަރި - 393.95 އަކަފޫޓާއި 405.18 އަކަފޫޓާ ދެމެދުގެ އެޕާޓްމަންޓުތަކެއް
  • ދެ ކޮޓަރި - 692.63 އަކަފޫޓާއި 701.28 އަކަފޫޓާ ދެމެދުގެ އެޕާޓްމަންޓުތަކެއް
  • ތިން ކޮޓަރި - 734 އަކަފޫޓާއި 720.08 އަކަފޫޓާ ދެމެދުގެ އެޕާޓްމަންޓުތަކެއް

ފްލެޓު ލިބޭ މުވައްޒަފުންނަށް ފްލެޓަށް ފައިސާ ދެއްކުމުގެެ ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާ ވާހަކަ ދައްކަމުން ގެންދާކަމަށްވެސް ޝާހު ވިދާޅުވި އެވެ.