މިނިސްޓްރީ އޮފް އެޑިއުކޭޝަން

12 ސްކޫލަކަށް ޕްރިންސިޕަލުން ހޯދަނީ

Nov 27, 2021
4

ބައެއް ރަށްތަކުގެ ސްކޫލުތަކުގައި ޕްރިންސިޕަލެއް ނެތި އެތައް މަހެއް ހޭދަވެ އާންމުންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް ގިނަ ސްކޫލުތަކަކަށް ޕްރިންސިޕަލުން ހޯދަން އިއުލާންކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި 12 ސްކޫލަކަށް ޕްރިންސިޕަލުން ހޯދަން ނިންމާފައިވާ ކަން ހާމަކޮށްފައިވެ އެވެ.

ޕްރިންސިޕަލުންގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 1:30ގެ ނިޔަލަށެވެ.

ޕްރިންސިޕަލުން ހޯދާ ސްކޫލުތައް

  • ހއ. ފިއްލަދޫ ސްކޫލް
  • ހއ. ބާރަށު ސްކޫލް
  • ހއ. ވަށަފަރު ސްކޫލް
  • ހދ. ހިރިމަރަދޫ ސްކޫލް
  • ހދ. ނޭކުރެންދޫ ސްކޫލް
  • ހދ. އަތޮޅު ތަޢުލީމީ މަރުކަޒު
  • ށ. ގޮއިދޫ ސްކޫމް
  • ނ. މަގޫދޫ ސްކޫލް
  • ރ. ފައިނު ސްކޫލް
  • މ. އަތޮޅު ތަޢުލީމީ މަރުކަޒު
  • ގއ. ކޮނޑޭ ސްކޫލް
  • ވާދޫ ޖަމާލުއްދީން ސްކޫލް

ޕްރިންސިޕަލުން ހޯދަން އިއުލާންކޮށްފައިވަނީ އެކި ރޭންކްތަކުން ކަމަށްވާތީ މަގާމުގެ އަސާސީ މުސާރަ އަދި ސަޕޯޓިން ކޯ އެލަވަންސް އެކި ރޭންކްތަކަށް ތަފާތެވެ. އިއުލާންކޮށްފައިވާ ޕްރިންސިޕަލުންގެ ރޭންކްތަކަށް ބަލާއިރު އެންމެ ދަށް ރޭންކް ކަމަށްވާ އެމްއެސްޓޫ ރޭންކުގެ ޕްރިންސިޕަލަކަށް މަގާމުގެ އަސާސީ މުސާރައިގެ ގޮތުގައި ލިބެނީ މަހަކު 6،295 ރުފިޔާ އެވެ. އެންމެ މަތީ ރޭންކް ކަމަށްވާ އީއެކްސް ހައެއް ރޭންކުގެ ޕްރިންސިޕަލަކަށް މަގާމުގެ އަސާސީ މުސާރައިގެ ގޮތުގައި ލިބެނީ މަހަކު 15،560 ރުފިޔާ އެވެ. ނަމަވެސް ސާވިސް އެލަވަންސްގެ ގޮތުގައި ހުރިހާ ރޭންކަކަށް ވެސް ދޭން ނިންމާފައިވަނީ މަހަކު 2،500 ރުފިޔާ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ޕްރިންސިޕަލްގެ މަގާމަށް އެންމެ ގާބިލް ފަރާތެއް ހޮވުމުގައި ހާސިލްކޮށްފައިވާ ތައުލީމާއި، ތަމްރީނަށާއި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ގާބިލްކަން ކަށަވަރުކުރުމަށް ބާއްވާ އިންޓަވިއުގައި ހޯދާ މާކްސް އަށް ބަލާނެ ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ޕްރިންސިޕަލުން ހޯދަން މިއަދު އިއުލާންކޮށްފައިވާ ބައެއް ސްކޫލުތަކަކީ މީގެކުރިން ވެސް ޕްރިންސިޕަލުން ހޯދަން އިއުލާންކޮށްފައިވާ ސްކޫލުތަކެކެވެ.