އަމީތާބު ބައްޗަން ހޯސްޓްކުރާ ސޮނީ ޓީވީގެ ޝޯ "ކޯން ބަނޭގާ ކްރޯޅްޕަތީ" (ކޭބީސީ) ގެ ސީޒަން 13 ގެ އެޕިސޯޑެއްގައި ޖޯން އަބްރަހަމް ވަނީ ބައިވެރިވެފަ އެވެ. ޖޯން ކޭބީސީގައި ބައިވެރިވީ އޭނާގެ އާ ފިލްމު "ސަތިޔަމޭވް ޖައިތޭ 2" ޕްރޮމޯޓް ކުރުމަށެވެ.
މި ޝޯގެ ޝާންދާރް ޝުކުރުވާރް އެޕިސޯޑަކީ އަބަދުވެސް ސެލެބްރިޓީންނަށް ހާއްސަކުރާ އެޕިސޯޑެކެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ދެއްކި އެޕިސޯޑުގައި ބައިވެރިވީ ޖޯން އާއި ޑައިރެކްޓަރު ނިކިލް އަދުވާނީ އެވެ.
މި ޝޯއިން ލިބޭ ފައިސާ އޭނާ ހަދިޔާ ކުރާނީ ކޮން ކަމަކަށްތޯ އަމީތާބު އެހުމުން ޖޯން ވަރަށް ބޮޑަށް ޖަޒުބާތުގައި ޖެހި ޖަނަވާރުން ދެކެ އޭނާ ވަރަށް ލޯބިވާ ކަމަށާއި އެސޮރުމެންނަށް އަނިޔާވެރިކޮށް ކަންތައް ކުރާ މީހުން ދެކެ ވަރަށް ނަފްރަތުކުރާ ކަމަށް ބުންޏެވެ. އަދި އޭނާއަށް މި ޝޯއިން އެއްކުރެވޭ ފައިސާ އެނިމަލް ވެލްފެއާ ޓްރަސްޓަށާއި އެނިމަލް ޝެލްޓާއަށް ހަދިޔާ ކުރަން ބޭނުންވާ ކަމަށް ޖޯން ބުންޏެވެ.
ޖޯން ފައިސާ ހަދިޔާކުރާ ޝެލްޓާގެ ވީޑިއޯއެއް އަމީތާބު ވަނީ އޯޑިއަންސް އަށް ދައްކާފަ އެވެ. އެ ވީޑިއޯގައި ކުއްތާ އާއި ބުޅަލާއި ގެރި ފަދަ ޖަނަވާރުތަކަށް އެކި ކަހަލަ އަނިޔާތައް ލިބި ވަރަށް ހާލުގައި ތިއްބާ ފެނެ އެވެ. ކުޑަކުއްޖެއްހެން ޖޯން އަށް ރޯން ފެށުނީ މި މަންޒަރު ބަލާފަ އެވެ.
ޖޯން ނޫނަސް މި ވީޑިއޯ ބެލި އެންމެންވެސް ވީޑިއޯ ނިމުމުން ވެސް އަނގައިން ބުނަން ނޭނގި މުޅިން ހަމަހިމޭން ވެފައި ތިއްބެވެ. އަދި އެމީހުންނަށް ފެނުނު އަނިޔާވެރި މަންޒަރުތައް ގަބޫލު ކުރަން ދައްޗޭ ބުނާ ފަދަ ގޮތަކަށް އެ ވަގުތު ގިނަ މީހުން ބޯ ވެސް ހަލުވާލި އެވެ.
ޖޯން ރޯތަން ފެނިފައި އަމީތާބު އޭނާގެ ގޮނޑިން ތެދުވެގެން ގޮސް ފެނާއި ޓިޝޫ ޖޯންއަށް ދިނެވެ. އަދި އޭނާ ހިތްހަމަޖައްސައި ދޭން މަސައްކަތްކުރާ މަންޒަރު ވެސް ފެނުނެވެ.
އަމީތާބު ބުނީ މި މަންޒަރުތައް ފެނުނު އެންމެން ވެސް މީގެ ފަހުން ޖަނަވާރުނަށް އަނިޔާ ނުކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
މި ޝޯގައި ޖޯން ވަނީ އޭނާއަށް ލިބިފައިވާ ވަރަށް ބޮޑު އަނިޔާއެއްގެ ވާހަކަ ވެސް އަމީތާބަށް ކިޔައިދީފަ އެވެ. ގަމީހުގެ ގޮށްތައް ނައްޓާލާފައި މޭ މަތީގައި ހުރި ބޮޑު ޒަޚަމެއްގެ ލަކުނެއް ދައްކާލަމުން އެ ބޮޑު ލަކުނުލީ ގޮތް ޖޯން ކިޔައިދިނެވެ.
ޖޯން ބުނި ގޮތުގައި ކޮލެޖުގައި ކިޔެވިއިރު އޭނާ ޓައިކޮންޑޯގެ ތަމްރީނުތަކަށް ހެދި އެވެ. އަދި ފައިސާ ހޯދުމުގެ ބޭނުމުގައި އޭނާ ތައިލެންޑަށް ގޮސް އެ ގައުމުގައި އޮތް ކިކް ބޮކްސިން މުބާރާތެއްގައި ބައިވެރިވި އެވެ. މޭމަތީގައިވާ ލަކުނަކީ އެ މުބާރާތުގައި ބޮކްސިން ތަޅަނިކޮށް އިދިކޮޅު މީހާ ޖެހި އެތިފަހަރެއް މެޔަށް އެރުމުން ލިބުނު އަނިޔާގެ ލަކުނު ކަމަށް ޖޯން ކިޔައިދިނެވެ.
"އެވަގުތު އަހަރެންގެ މޭގެ ކަށިތައް ފަޅަފަޅައިގެން ދިޔަ. އަދި ވަރަށް ވޭނުގައި ގިނަ ދުވަސްތަކަކު އުޅުނިން،" ޖޯން ބުންޏެވެ.