ސީރިއާ އަރަބި ލީގުގައި އަލުން ބައިވެރި ކޮށްފާނެ ކަމަށް ބެލެވެން ފަށައިފި އެވެ. އަލްޖީރިއާގެ ރައީސް އަބްދުލް މަދުޖިދު ތަބޫން ވިދާޅުވީ އަރަބި ލީގުގެ ޖަލްސާތަކުން ސީރިއާ ފެންނަން ޖެހޭ ކަމަށެވެ.
ސީރިއާ ވަނީ 2011 ވަނަ އަހަރުން ފެށިގެން އަރަބި ލީގުން މަނާ ކޮށްފަ އެވެ. އެއީ އެ ގައުމުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ދިގު ލައިގެން ދިއުމުގެ އިތުރުން އާންމުންނާ ދެކޮޅަށް ސަރުކާރުން ހިންގާފައި ހުރި އަނިޔާވެރި އަމަލުތަކުގެ ސަބަބުންނެވެ.
އަލްޖީރިއާގެ ގައުމީ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އަންނަ އަހަރު އަލްޖީރިއާގައި އޮންނަ އަރަބި ސަމިޓްގައި ސީރިއާ ބައިވެެރި ވެދާނެތޯ ދެންނެވުމުން އަބްދުލް މަދުޖިދު ވިދާޅުވީ ސީރިއާއަކީ ޖަލްސާތަކުން ފެންނަ ޖެހޭ ގައުމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އަބްދުލް މަދުޖިދުގެ މި ޖުމުލަ މީޑިއާއިން ތަރުޖަމާ ކޮށްފައި އޮތީ އަންނަ އަރަބި ސަމިޓްގައި ސިރިއާ ބައިވެރިވާނެ ކަމަށް ބަލައިގެނެވެ. ޚަބަރުތައް ބުނާ ގޮތުން އަރަބި ގައުމުތަކުގެ ހަރަކާތްތަކުގައި ސީރިއާ އަލުން ބައިވެރި ކުރަން މަޝްވަރާ ކުރެވެ އެވެ.
އަލްޖީރިއާގެ ރައީސް ވިދާޅުވީ އަރަބި ސަމިޓަށް ހުރިހާ ބައިވެރިން ޖަމާވާން ޖެހޭ ކަމަށާއި އަރަބިން އެއްގަލަކަށް އަރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން އިންތިޒާމްކުރާ ކަމެއްގައި ހުރިހާ ގައުމަކަށް ދައުވަތު ދޭނަށް،" އަބްދުލް މަދުޖިދު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އަލްޖީރިއާއަކީ ބައިބައިވުން ނައްތާލަން މަސައްކަތްކުރާ ގައުމެއް ކަމަށާއި އެކުވެރިންގެ މެދުގައި ބާރު ގޮށެއް ޖަހަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަރަބި ލީގު މެމްބަރުން ނޮވެމްބަރު 12، 2011 ގައި ބައްދަލުވުމެއް ބޭއްވި އެވެ. އެއީ އާންމުންނާ ދެކޮޅަށް ސީރިއާ ސަރުކާރު އިސްވެ އޮވެ އިންގާ ޖަރީމަތަކާ ގުޅިގެން ސީރިއާއާ މެދު ގޮތެއް ނިންމުމަށެވެ.
އެ ބައްދަލުވުމުގައި މެމްބަރުންގެ އިއްތިފާގުން ނިންމީ އަރަބި ލީގުން ސީރިއާ ވަކިކޮށް އިސްލާހު ވާން ފުރުސަތު ދިނުމަށެވެ.
އެހެން ނަމަވެސް މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު އަރަބި އެހެން ގައުމުތަކާ އެއް ހަމައެއްގައި ސީރިއާ ލިސްޓް ކުރުމަށް ގައުމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އުރުދުން އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި މިސްރުން ވެސް ވަނީ ސީރިއާއާއެކު ބައްދަލުވުންތައް ބާއްވައި ޝަރުތުތަަކަށް މަޝްވަރާ ކުރަމުންނެވެ.