އަރަބި ދުނިޔެ ސީރިއާއާ ގާތްވަމުން އަންނަތަން އެބަ ފެނެ އެވެ. މިއީ ހުޅަނގަށް ބަލަން ކެތްކުރެވޭ ވަރުގެ މަންޒަރަކަށް ނުވާނެ އެވެ. އަރަބި ދުނިޔެ އެކުވުމުން ވިލާތަށާއި ހުޅަގަށް އަރާނެ ލޮޅުން އެވެރިންނަށް އަންދާޒާ ކުރެވެ އެވެ.
ބަހުރޭނުން 2012 ގައި ދިމިޝްގާ ޑިޕްލޮމެޓިކް ގުޅުން ފެންވަރު ދަށްކުރި އެވެ. އެއީ އަސަދުގެ ސަރުކާރުން އެގައުމުގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިއުލާން ކުރުމެއް ނެތި އަސްކަރިއްޔާ މެދުވެރިކޮށް ހަލަމާދޭން ފެށުމާ ގުޅިގެންނެވެ.
އެއަށް ފަހު ދެގައުމުގެ ދެމެދުގައި އޮތް ލޮނުމަޑު ގުޅުމެއް އޮންނަތާ 10 އަހަރު ފާއިތުވެގެން ދިޔައީ އެވެ
ޚަބަރުތައް ބުނާ ގޮތުން ބަހްރޭނުން ސީރިއާއަށް ކަނޑައެޅި ސަފީރު ލަސްތަކެއް ނުވެ މަސްއޫލިއްޔަތްތަކަށް ނުކުމެ ވަޑައިގަންނަވާނެ އެވެ.
ބަހްރޭން ނިއުސް އޭޖެންސީއާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން ސީރިއާއަށް ސަފީރުންގެ ފެންވަރުގައި ބޭފުޅަކު އައްޔަންކުރެއްވުމަށް ރަސްގެފާން ހަމަދު ބިން އީސާ އަލްޚަލީފާ ވަނީ އަމުރުކުރައްވާފަ އެވެ. އަދި ވަހީދު މުބާރަކު ސައްޔާރަށް ވަނީ މަސްއޫލިޔަތު ހަވާލުކުރައްވާފަ އެވެ.
ބައްޝާރުގެ ސަރުކާރުން އާންމު ރައްޔިތުންނާ މެދު 2011 ގައި އަމަލުކުރި ގޮތުން މުޅި އަރަބި ދުނިޔެ ނުރުހުންވި އެވެ. އަރަބި ގައުމުތަކުން އެއިރު ބޭނުންވީ ބައްޝާރު އިސްލާހުވުމަށް ދާންދެން ގާތް ގުޅުމެއް ނުބޭއްވުމަށެވެ. އެގޮތުން އެއްވިސްނުމެއްގައި ބަސްބުނި ގައުމުތަކަކީ އޮމާނާއި ބަހްރޭނާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް، ގަތަރު، ސައޫދީ އަރަބިއްޔާ އަދި ކުވޭތު އެވެ.
އަރަބި އެހެން ގައުމުތަކަށް ވުރެ ކުރިން ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ސީރީއާ އެމްބަސީ ހިންގަފެށި އެވެ. އަދި ޑިސެމްބަރު 27، 2018 ގައި ބަދަލު ސަފީރެއް ކަނޑައެޅި އެވެ. އޮމާނުން ވެސް ދިމޝްގަށް އޮކްޓޯބަރު 5، 2020 ގައި ސަފީރަކު ފޮނުވި އެވެ.
ސީރީއާ އާއެކު އަރަބި ގައުމުތަކުން ގުޅުން ބަދަހިކުރަމުން އަންނައިރު މިސްރާއި ޖޯޑަން އަދި ޔޫއޭއީން ވަނީ އަސަދާ އެކު ބަދަހި މަޝްވަރާތަކެއް ވެސް ކޮށްފަ އެވެ.
އެމިރޭޓްސްގެ ފޮރިން މިނިސްޓަރު ޝެއިޚް އަބްދުﷲ ބިން ޒައިދު އައްނަހްޔާން ފާއިތުވި އަހަރު ނޮވެމްބަރުގައި ސީރިއާއަށް ވަޑައިގެން ސިއްރު މަޝްވަރާތަކެއް ކުރެއްވި އެވެ. ބައްދަލުވުުމުގެ މަދު މިންވަރެއް މީޑިއާތަކަށް ލިބުނެވެ.