ދުނިޔެ

ނެގެވް ސަމިޓަކީ މެދުއިރުމަތީގައި އަލުވާލި އަނދުނެއް

އިޒްރޭލުގެ ސަހަރާ އަވަށެއް ކަމަށް ބުނެވޭ ނެގެވްގައި، އަބްރަހަމް އެކޯޑްސްގެ ބައިވެރިން ހޯމަ ދުވަހު ބައްދަލު ކޮށްފި އެވެ.

މެދުއިރުމަތީގައި އިޒްރޭލަށް ހައިސިއްޔަތެއް ހޯދައި ދިނުމުގެ މަކަރުވެރި ރޭވުމެއްގައި އެމެރިކާ އިސްނަގައިގެން އުފެއްދި އަބްރަހްމް އެކޯޑްސްގައި ހިމެނޭ ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި މޮރޮކޯ، މިސްރާއި އަދި ބަހްރެއިންގެ ފޮރިން މިނިސްޓަރުން އިޒްރޭލަށް ވަޑައިން، އިޒްރޭލުގެ ފޮރިން އެފެއާޒް މިނިސްޓަރު ޔައީރު ލަޕީދު އާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއާ ވަނީ ބައްދަލު ކުރައްވާފަ އެވެ.

ނެގެވް ސަމިޓްގެ މައިގަނޑު އަމާޒަކީ އީރާން އެވެ. އިޒްރޭލަށާއި މެދުއިރުމަތިގެ އަރަބި ގައުމުތަކަށް އީރާންގެ ސަބަބުން ނުރައްކާތެރި ކަމެއް މެދުވެރި ވެދާނެ ކަމަށް ކުރިއާލައި ވިސްނައި ތައްޔާރު ތިބުމަށް ސަމިޓްގައި ސައްލާކުރި އެވެ.

އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަކީ ހަމައެކަނި އިޒްރޭލަށް އޮތް ބިރުވެރި ކަމެއް ނޫނެވެ.

ދޯހާ ސަމިޓްގައި ވާހަކަ ދައްކަވަމުން ގަތަރުގެ ފޮރިން މިނިސްޓަރު މުހައްމަދު ބިން އަބްދުއްރަހްމާން އައްސާނީ ވެސް ވަނި ވެސް ވަނީ މި މޭރުމުން ބަސްވިދާޅުވެ އީރާނާއެކު ނިއުކްލިއާ އެއްބަސްވުމެއް އޮންނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އެއީ ބާރުގަދަ ގައުމަކުން ނިކަމެތި ގައުމަކަށް އަނިޔާވެރި ވެދާނެ ކަމަށް ފެނިވަޑައި ގަންނަވާތީ ކަމަށް ވަޒީރު ވިދާޅުވި އެވެ. ޔުކްރޭންގެ ހަނގުރާމައިން ފެންނަނީ ދާދި އެއް މަންޒަރެއް ކަމަށް ވެސް ބިން އަބްދުއްރަހްމާން ވިދާޅުވި އެވެ.

ނެގެވް ސަމިޓްގެ އަމާޒަކީ އީރާން ކަމަށް ދުނިޔެއަށް ދެއްކި ނަމަވެސް، މި ސަމިޓްގައި އެމެރިކާ ބައިވެރިވުމުން ސުވާލު އުފެދޭ ސުވާލުތައް ގިނަ އެވެ.

މަޝްރަހު ދިރާސާކުރާ މީހުން ގަބޫލުކުރާ ގޮތުގައި އެމެރިކާގެ ބޭނުމަކީ އިހާނެތިކޮށް ހިތިފައި ތިބ އަރަބި ދުނިޔެއަށް އަޅާލާކަން ދެއްކުމެވެ. އެއީ އެގައުމުތަކުގެ އެއްބާލުން ލިބިގެން ނޫން ގޮތަކަށް އެމެރިކާއަށް ޖެހިފައި ހުރި ހާޖަތުތަކަށް ހައްލެއް ނެތުމުންނެވެ.

ރަޝިއާއިން ޔުކްރޭނަށް އަރައިގަނެ ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް އެމެރިކާ އާއި ބައިވެރިން ވަނީ ރަޝިއާއާ އިގުތިސޯދީ ގުޅުން ކަނޑާލާފަ އެވެ. އަދި ރަޝިއާގެ އުފެއްދުންތައް ބޭނުން ނުކުރަން ވައުދުވެފަ އެވެ.

އެމެރިކާ އާއި ޔޫރަޕަށް ރަޝިއާއިން ތެޔޮ އެތެރެ ކުރަން ޖެހުމަކީ ވެސް ހާލަތަށް ބަލާއިރު ލަދުވެތި ކަމެއް ކަމަށް އެމީހުން ދެކެ އެވެ. އެއީ ރަޝިއާއަށް ދަތިކުރަން ފިޔަވަޅު އަޅައި އަދި ތެޔޮ ގަތުމަށް ރަޝިއާއަށް ކަމުކިޔަން ޖެހިފައި ވާތީ އެވެ.

ނެގެވް ސަމިޓްގެ ހަވާސާގައި އެންތަނީ ބްލިންކެން އަރަބި އެކުވެރިންނާ ބައްދަލު ކުރައްވައި ސަޕޯޓް ހޯއްދެވުމަށް މަޝްވަރާ ކުރެއްވި އެވެ.

ޔުކްރޭން ހަނގުރާމައިގައި އެމެރިކާ އޮތް ކޮޅަށް އަރަބި ގައުމުތަކުން ޖެހުމަކި މެދުއިރުމަތިން ތެޔޮ ހޯދަން ފަސޭހަވާނެ އުކުޅެއް ކަމަށް ބްލިންކެން އަށް ގަބޫލު ކުރެވޭތީ އެވެ.