ދެއްވަދޫ

ދެއްވަދޫއަށް ސެލްފް ސާވިސް އޭޓީއެމް

ބީއެމްއެލްއިން ގއ. ދެއްވަދޫގައި ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ތައާރަފު ކޮށްފި އެވެ.

ދެއްވަދޫގައި މި ހިދުމަތް ތައާރަފްކުރުމާއެކު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާ ކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް އެ ރަށުން ލިބޭނެ އެވެ.

ދެއްވަދޫއާއެކު އެ އަތޮޅުގެ އަށް ރަށެއްގައި މިހާރު ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް ގާއިމްވެފައި ވެއެވެ. އޭގެ ތެރޭގައި ކޮލަމާފުއްޓާއި ދާންދޫ އާއި މާމެންދޫ އާއި ނިލަންދޫ އާއި ގެމަނަފުއްޓާއި ކޫއްޑޫ އަދި ވިލިނގިލި ހިމެނެ އެވެ.

ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިންގެ ހިދުމަތް ފުޅާ ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ދެއްވަދޫގައި އޭޓީއެމްގެ ހިދުމަތް ދޭން ފެށުމަކީ އުފަލެއް ކަމަށެވެ. އަދި މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކިންގެ ހިދުމަތް ހޯދަން އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު ބީއެމްއެލްއިން 20 އަތޮޅުގައި 35 ބްރާންޗް، 75 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދި 136 އޭޓީއެމް ހުންނަ އިރު 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ ހިދުމަތް ލިބެއެވެ.