ބަނދަރުތަކާ ބެހޭ ބިލެއް އެކުލަވާލުމަށްފަހު 150 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އަށް އަންގަން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް -- އެސްއޯއީ ކޮމިޓީން ފާސްކޮށްފި އެވެ.
ކޮމިޓީން މީގެކުރިން ވެސް އެފަދަ ގާނޫނެއް އެކުލަވާލުމަށް މިނިސްޓްރީގެ ދަށުން ކުރިން ހިންގަމުން ދިޔަ ޓްރާންސްޕޯޓް އޮތޯރިޓީ އަށް ލަފާ ދީފައިވެ އެވެ. އެކަމަކު ބަނދަރުތަކުގެ ރައްކާތެރިކަމާ ގުޅޭ ގާނޫނުތަކާއި ގަވައިދުތައް ނުހެދި ދިގުލައިގެންދާތީ ދެވަނަ ފަހަރަށް ކޮމިޓީން ދޭ ލަފާގައި ވަނީ ވަކި މުއްދަތެއް ދީ އެ މުއްދަތުގެ ތެރޭގައި ބިލް ހުށަހެޅުމަށް އަންގާފަ އެވެ.
ކޮމިޓީގެ ފަހުގެ ނިންމުމުގައި ވަކި މުއްދަތެއް ކަނޑައަޅާފައި ވަނީ ކުރީގެ ނިންމުމަށް އަމަލުނުކުރެވި އަށް މަސް ފާއިތުވުމާ ގުޅިގެންނެވެ.
ބަނދަރުތަކުގެ ސަލާމަތާ ގުޅޭ މައްސަލަތަކުގައި ކޮމިޓީން ފުރަތަމަ އެކުލަވާލި ރިޕޯޓްގައި ބުނެފައިވަނީ ރާއްޖެ ބައިވެރިވާ ސޭފްޓީ އޮފް ލައިފް އެޓް ސީ (ސޯލާސް) މުއާހަދާގެ ދަށުން ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފިޔަވަޅު އެޅުމަކީ ދައުލަތުން ޔަގީންކޮށްދޭން ޖެހޭ ކަމެއް ކަމަށެވެ. އެހެންވެ ކޮމިޓީގެ ދެވަނަ ނިންމުމުގައި ވަނީ ގާނޫނު އެކުލަވާލުމަށްފަހު އެ ގާނޫނުން ބާރު ލިބިދޭ ގަވައިދުތަކެއް ހަދައި ބަނދަރުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ލަފާ ދީފަ އެވެ.
ބަނދަރުތަކުގެ ރައްކާތެރިކަމުގެ މައްސަލަ ކޮމިޓީން އެންމެ ފުރަތަމަ ބެލީ މާލޭގެ ވިޔަފާރި ބަނދަރުގައި ނުރައްކާތެރި ހާދިސާތަކެއް ހިނގާ ދެ މީހެއްގެ ފުރާނާ ގެއްލުނު ހާދިސާއާ ގުޅިގެންނެވެ.
ބަނދަރުތަކުގެ ސަލާމަތާ ގުޅޭ މައްސަލަ ކޮމިޓީގެ ސަމާލުކަމަށް ދެވަނަ ފަހަރަށް ގެނައީ އެމްޕީއެލްގެ އިސްވެރިން ކޮމިޓީ އަށް ހާޒިރުކުރުމުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ އެވެ.
އެމްޕީއެލް އަށް ކޮންސަލްޓެންސީ ދޭ ފަރާތަކާ ހަވާލާދީ ކޮމިޓީގައި ޝާހިދު ވިދާޅުވީ ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ރެގިއުލޭޓް ކުރުމަށް ބަނދަރުތަކުގެ ގާނޫނަކާއި މެރިޓައިމްގެ ގާނޫނެއްގެ އިތުރުން މެރިޓައިމް ރެގިއުލޭޓަރީ އޮތޯރިޓީއެއް އޮންނަން ޖެހޭ ކަމަށެވެ. އެމްޕީއެލް އަކީ ބަނދަރެއް ހިންގާ ފަރާތަކަށްވާތީ ރެނގިއުލޭޓް ކުރުމަށް ކުންފުނިން އަމިއްލަ އަށް ގަވައިދުތަކާއި އުސޫލުތައް ހެދުމަކީ އިންސާފުވެރި ގޮތެއް ކަމަށް ނުވާތީ އެކަމަށް ގާނޫނީ ހައްލެއް ހޯދައިދޭން ވަރަށް ގިނަ ފަހަރު ޓްރާންސްޕޯޓް މިނިސްޓްރީގައި އެދިފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި ބަނދަރުތަކާ ބެހޭ ގާނޫނެއް ބަންޑާރަނައިބްގެ އޮފީހުން ދަނީ ޑްރާފްޓް ކުރަމުންނެވެ. ނަމަވެސް އެ މަަސަައްކަތް ނިންމާ މަޖިލީހަށް ފޮނުވާނެ ތާރީހެއް ސާފުވާ ގޮތެއް ނުވި އެވެ.