ޓޫރިޒަމް

މާރާމާތަށްފަހު ރިހިވެލި ރިސޯޓު އަލުން ހުޅުވައިފި

Nov 28, 2021

ރިހިވެލި ރިސޯޓާ ގުޅުންހުރި މައްސަލަތަކެއް ކޯޓުގައި ހިނގަމުން ދަނިކޮށް އެ ރިސޯޓު މަރާމާތު ކުރުމަށްފަހު އަލުން ހުޅުވައިފި އެވެ.

"ރިހިވެލި ބީޗް ރިސޯޓް"ގެ ނަމުގައި ހިންގަމުންދިޔަ ރިސޯޓުގެ ސަބް ލީސް އެއްބަސްވުން ބާތިލްކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނިކޮށް އެ ރިސޯޓު ހިންގުމާ އަލަށް ހަވާލުވީ ބީޗްއެކްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ދޮންބެ) ހިއްސާވާ ކުންފުންޏެކެވެ.

ރިސޯޓަށް އިއްޔެ ފަތުރުވެރިން ގެނެސް ރިސޯޓު އަލުން ހުޅުވީ "ރިހިވެލި މޯލްޑިވްސް ރިސޯޓް"ގެ ނަމުގަ އެވެ. އިކޮނޮމިކް މިނިސްޓްރީގައި މިދިޔަ މަހުގެ ފަސްވަނަ ދުވަހު ބިޒްނަސް ނަމެއްގެ ގޮތުގައި އެ ނަން ވަނީ ރަޖިސްޓްރީ ވެސް ކޮށްފަ އެވެ.

ބީއެޗްއެކްސްގެ އޮފިޝަލަކު މީގެކުރިން އަވަސް އަށް ވިދާޅުވީ އެ ކުންފުނިން ހަވާލު ވަނީ ހަމައެކަނި ރިސޯޓު ހިންގަން ކަމަށާއި ރިސޯޓުގެ ވެރިފަރާތަކީ އަދިވެސް މާހަލް ޕްރައިވެޓް ލިމިޓެޑް ކަމަށެވެ.

މާހަލްއާއެކު ސަބް ލީސް އެއްބަސްވުމެއްގެ ދަށުން އެންމެ ފަހުން ރިހިވެލި ހިންގީ ސޭވް ދަ ޑްރީމް (ފްރާންސް) އިންނެވެ. ނަމަވެސް އެ ދެ ފަރާތުގެ ދެމެދުގައި މައްސަލަ ޖެހި ރިސޯޓުގެ ބޮޑު ބައި ވީރާނާވެފައިވާތީ ބީޗްއެކްސް އިން ރިހިވެލި ހިންގަން ފެށީ ބޮޑު މަރާމާތަކަށް ފަހު އެވެ. އެގޮތުން ހުރިހާ ރޫމްތައް މަރާމާތުކޮށް، ހުރިހާ ތަނެއް ވައިފައިކޮށް އަދި އޭސީކޮށް ފަތުރުވެރިންނަށް ކޮންމެހެން ބޭނުންވާނެ ހިދުމަތްތައް ގާއިމުކޮށްދީފައިވެ އެވެ. އަދި ރިސޯޓުގެ ގިރަމުން ދިޔަ ސަރަހައްދަށް ވެލި އަޅައި އެ މައްސަލަ ވެސް ބީއެޗްއެކްސް އިން ވަނީ ހައްލުކޮށްފަ އެވެ.

ސަބް ލީސް އެއްބަސްވުމެއްގެ ދަށުން ސޭވް ދަ ޑްރީމުން ރިހިވެލި ރިސޯޓު ހިންގަމުން ދަނިކޮށް މާހަލް އިން ވަނީ އެއްބަސްވުން ބާތިލްކޮށްފަ އެވެ. އެ މައްސަލަ ސޭވް ދަ ޑްރީމުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ރިހިވެލި ރިސޯޓް ހިންގުމަށް ސޭވް ދަ ޑްރީމް މޯލްޑިވްސް އާއި އެކު މާހަލްގެ ފަރާތުން ހަދާފައިވާ ސަބްލީސް އެއްބަސްވުން ބާތިލް ކުރުމަށް މާހަލް އިން ފޮނުވާފައިވާ ނޯޓިހަކީ ސައްހަ ނޯޓިހެއް ކަމަށެވެ. އެ ނޯޓިސްގެ ދަށުން ސަބްލީސް އެއްބަސްވުން ބާތިލްވެފައި ވާތީ ސޭވް ދަ ޑްރީމް މޯލްޑިވްސް އަށް ނުވަތަ އެ ކުންފުނީގެ ހިއްސާދާރަކަށް ވެސް މާހަލް ޓުއާސްގެ ނުރުހުމުގައި ރިހިވެލީގައި އިތުރަށް ދެމިތިބުމުގެ ނުވަތަ އެ ތަނުން މަންފާ ހާސިލް ކުުރުމުގެ ހައްގެއް ލިބިގެން ނުވާ ކަމަށެވެ.

ސޭވް ދަ ޑްރީމުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އިސްތިއުނާފް މައްސަލާގައި އެދިފައިވަނީ ދަށު ކޯޓުގެ ހުކުމް ބާތިލް ކޮށްދިނުމަށެވެ. މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުން ނިންމާލާފައިވާތީ ދެން އޮންނާނީ ހުކުމް ކުރުމެވެ.

މާހަލް ކުންފުނިން ބުނާ ގޮތުގައި އެއްބަސްވުން ބާތިލްކުރީ އެއްބަސްވުމުގައިވާ ގޮތަށް ހެޑްލީސް ރެންޓާއި، ސަބްލީސް ރެންޓު، ސޭވް ދަ ޑްރީމް ކުންފުނިން ދައްކާފައި ނުވާތީ އެވެ. ސަބްލީސް ރެންޓުގެ ގޮތުގައި އެއް މިލިއަން ޑޮލަރު އަދި ހެޑްލީސް ރެންޓުގެ ގޮތުގައި 323،188 ޑޮލަރު ނުދައްކައި އޮތް ކަމަށް ބުނެ އެވެ.