ކޮޅުމަޑުލު ހިރިލަންދޫ ބިން ހިއްކުމުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ކުރައްވާނެ ކަމަށް ރައީސުލްމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ހިރިލަންދޫ ކައުންސިލްގެ މެންބަރުންނާއެކު އެރަށުގެ ތަރައްގީ އާއި ބެހޭގޮތުން މަޝްވަރާ ކުރައްވަމުންނެވެ.
މި ބައްދަލްވުމުގައި ހިރިލަންދޫ ކައުންސިލްގެ ރައީސް ވަނީ ރަށުގެ ބިންހިއްކުމުގެ މަޝްރޫ އާއި ފެނާއި ނަރުދަމާގެ މަޝްރޫއުގެ އިތުރުން ސްކޫލް ކްލާސްރޫމް އިމާރާތާއި މަލްޓިޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް ފެށުން ލަސްވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަން ހުރިކަންކަމާއި ފަސޭހައިން ބޭސް ލިބޭނެ އިންތުޒާމް ފަހިކޮށްދިނުމަށާއި މިނޫނަސް ރަށުގެ ތަރައްގީއަށް ބޭނުންވާ މުހިންމު ކަންކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި މަޝްވަރާކުރައްވާފައި ވެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ތަރައްގީއަށް ރޭވިފައިވާ މަޝްރޫތަކާއި ރަށުގެ ތަރައްގީއަށް ކައުންސިލުން ބޭނުުންވާ ކަންކަމާގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން އެރަށުގެ ބިންހިއްކުމުގެ މަޝްރޫއަކީ ރިޔާސީ ވައުދެއްކަން ފާހަގަ ކުރައްވާ އެމަސައްކަތް ކުރިޔަށް ގެންދާނެ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ސްކޫލްގެ ކްލާސްރޫމް އިމާރާތާއި މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ވަރަށް އަވަހަށް ޓެންޑާ ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.