އެމްޑީޕީ

މުއިއްޒަށް ވޯޓު ދީގެން އެއްވެސްކަމެއް ނުކޮށްދޭނެ: ރައީސް

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ދީގެން އިންތިހާބުކޮށްފިނަމަ ރާއްޖޭގެ ތަރައްގީއަށް އެއްވެސް ކަމެއް މުއިއްޒު ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ތ. ހިރިލަންދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒުގެ ނަން ވިދާޅު ނުވެ އޭނާއަށް ރައީސް ފާޑު ވިދާޅުވީ މިދިޔަ ސަރުކާރުގައި މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި އަތޮޅު ތެރޭގެ ބައެއް ރަށްރަށަށް އެއްވެސް ކަމެއް ނުކޮށްދީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ ކަމަށް ވިދާޅުވެ އެވެ.

ރައީސް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އެމަނިކުފާނުގެ އަރިހުގައިވެސް އަަދި އޭރުގެ ރައީސް އަދި ޕީޕީއެމްގެ އޭރުގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަރިހުގައިވެސް ހިރިލަންދޫ ބިން ހިއްކައިދިނުމަށް ރައްޔިތުން އެދުނު ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ޖަވާބު ދެއްވީ އެއީ ހިރިލަންދޫގެ ފުއްޓަރު ފަރާތް ކަމަށްވެފައި އެދިމާލުން އަރާ ރާޅު ބޮޑުވުމުގެ ސަބަބުން އެކަން ނުކުރެވޭނެ ކަމަށް ކަމުގައި ރައީސް ވިދާޅުވި އެވެ. އޭރު ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން ރަށްރަށުގެ އެފަދަ މަޝްރޫއުތަކާ ހަވާލުވެޑައިގެން ހުންނެވީ މުއިއްޒުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އޭރު ނުކޮށްދިން ކަމަށް މުއިއްޒު އިންތިހާބުކޮށްގެން ވެސް ނުކޮށްދޭނެ ކަމަށެވެ.

"ނިކުމެ ވަޑައިގެން އެ ހުންނެވީ ހަމަ އެކަކު އެހެން ސިފައެއްގައި. އެހެން ހުންނެވި ކަމުގައި ވިޔަސް އެހެންވެ ކަމެއްނުވާނެ ކަމަށް މި ދަންނަވަނީ" މުއިއްޒަށް އަމާޒުކުރައްވާ ރައީސް ވިދާޅުވި އެވެ.

މުއިއްޒު ވެރިކަން ވަޑައިގެންފިނަމަ ރަށްތައް ތަރައްގީ ނުވި ނަމަވެސް މުއިއްޒުގެ އަރިސް ބޭފުޅުންނާއި އޭނާގެ އަމިއްލަ އެކައުންޓަށް ދައުލަތުގެ ފައިސާ ޖަމާވަމުންދާނެ ކަމަށް ރައީސް ތުހުމަތުކުރެއްވި އެވެ.

ރައީސްގެ ހިރިލަންދޫ ވައުދުތައް

  • ބޮޑެތި މަގުތަކުގައި ތާރު އަޅައި ތަރައްގީކުރުން
  • ރަށުގެ ބަނދަރު ތަރައްގީކުރުން
  • ބޯހިޔާވެހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުން
  • ސިއްހީ މަރުކަޒު ތަރައްގިކުރުން
  • ކޯލްޑް ސްޓޫރޭޖެއް އަޅުއްވައި މަސްކިރޭނެ ގޮތް ހަމަޖެއްސުން
  • އިސްލާމީ މަރުކަޒެއް އަޅައިދިނުން

ހިރިލަންދޫ ރައްޔިތުންގެ އެންމެ ބޮޑު ހުށަހެޅުން ކަމަށްވާ އެރަށުގެ ބިން ހިއްކާ ރަށުގެ ބިން ބޮޑުކޮށްދިނީ ރައީސް ސޯލިހްގެ ސަރުކާރު ގައެވެ.

ރައީސް ސޯލިހް ވިދާޅުވީ މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނަވައިގެން މިދިޔަ ސަރުކާރުގައި ރަށްތައް ތަރައްގީކުރުމަށް މަސައްކަތް ކުރެއްވިނަމަ މިސަރުކާރުގައި 152 ރަށެއްގައި އިންޖީނުގެ އަޅައި، 140 އަށް ވުރެ ގިނަ ރަށުގައި ފެނާއިނަރުދަމާ ގާއިމުކުރަން ނުޖެހޭނެ ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ހިދުމަތްކުރުމުގެ ވިސްނުން ނެތް ބަޔަކަށް ދެންވެސް ކަމެއް ނުކޮށްދެވޭނެ ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހިރިލަންދޫން ހިއްކާފައިވާ ބިމުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމުގެ އިތުރުން ސިނާއީ ސަރަހައްދެއް އެތަނުގައި ތަރައްގީކުރާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު ވަޑައިގަންނަވާ ކޮންމެ ރަށަކުން ވެސް ފެންނަނީ އުޖާލާ މަންޒަރެއް ކަމަށާއި، ރައްޔިތުން ތިބީ އެމަނިކުފާނާ އެކު އުފާވެރި އަމާން ރާއްޖެއެއް ހޯދުމަށް ތައްޔާރަށް ކަމަށެވެ. ދެވަނަ ބުރަކަށް ނުގޮސް އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތަށް މަސައްކަތް ކޮށްދެއްވުމަށްވެސް ރައީސް އެދިވަޑައިގެންނެވި އެވެ.