ހަބަރު

ރޭގެ ހާދިސާއާ މެދު ކަންބޮޑެއް ނުވަން، މިހިރީ ސަރުކާރާ އެކު: ނާޒިމް

Jan 18, 2015

ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓަށް ފުލުހުން ރޭ ދަންވަރު ވަދެ، އެތަން ބަލައި ފާސްކޮށްފައި ވިޔަސް އެކަމާ ކަންބޮޑުވެ ވަޑައިނުގަންނަވާ ކަމަށް ނާޒިމް ވިދާޅުވެއްޖެ އެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުން ވަނީ ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓަށް ވަދެ، އެތަން ބަލައި ފާސްކޮށް، ބައެއް ލިޔުންތަކެއް އެތަނުން ގެންގޮސްފަ އެވެ. ނަމަވެސް ނާޒިމްގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ކޮން މައްސަލައެއް ކަމެއް ސާފެއް ނުވެއެވެ.

ނާޒިމް މިރޭ ކުރެއްވި ޓްވީޓެއްގައ ވަނީ ރޭގެ ހާދިސާއާ ގުޅިގެން އެއްވެސް ވަރަކަށް ކަންބޮޑުވެ ވަޑައިނުގަންނަވާ ކަމަށާއި އަދިވެސް އޭނާ ހުންނެވީ ރައީސް ހަވާލު ކުރައްވާފައިވާ މަސްއޫލިއްޔަތުތައް އަދާ ކުރުމުގައި ސާބިތުކަން މަތީގައި ކަމަށް ވިދާޅުވި އެވެ.

ނާޒިމްގެ މައްޗަށް ތުހުމަތު ކުރެވެނީ ކޮން މައްސަލައެއް ކަމެއް ސާފު ނުވާއިރު އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ މައްސަލައެއްގެ ތުހުމަތު ކަމަށް ވަނީ އަޑުފެތުރިފަ އެވެ. ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އެކަން ކަށަވަރު ކޮށެއް ނުދެއެވެ.

ތަހުގީގު ކުރިއަށް ދާތީ އެ މައްސަލައިގެ އެއްވެސް މައުލޫމާތެއް ދިނުމަށް ފުލުހުން ދެކޮޅު ހަދަ އެވެ.