ކްރިމިނަލް ކޯޓް

ކުރީގެ ސަފީރަށް އިންޒާރު ދިނުމުން 27،800 ގެ ޖޫރިމަނާއެއް

Nov 28, 2021
1

އެމެރިކާގެ ކުރީގެ ސަފީރު އަތުލް ކޭޝަޕްއަށް މަރުގެ އިންޒާރު ދިން މީހަކު ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެމެރިކާއިން ރާއްޖެ އާއި ލަންކާއަށް ކަނޑައަޅާފައި ހުންނެވި ސަފީރު އަތުލް ކޭޝަޕްއަށް ޓްވިޓާ މެދުވެރިކޮށް މަރުގެ އިންޒާރުދިން ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލީ ސ. މީދޫއަށް ނިސްބަތްވާ އަހްމަދު ރަޝީދުގެ މައްޗަށެވެ. އޭނާގެ މައްޗަށް މި ދައުވާ އުފުލީ ޖޫން 1، 2018 ގައި ޓްވިޓާގައި ކުރީގެ ސަފީރު އަތުލް ކޭޝަޕް އާއި އޭނާގެ އާއިލާއަށް މަރުގެ އިންޒާރުދީ ޓްވީޓް ކުރުމުންނެވެ. އެ ޓްވީޓްގައި ސަފީރު ދެން ރާއްޖެ ވަޑައިގެންފިނަމަ މުޅި އާއިލާ މަރާލާނެ ކަމަށް ބުނެފައިވެއެވެ.

މި ދައުވާއަށް އަހުމަދު ރަޝީދު ވަނީ އިންކާރުކޮށްފައެވެ. އަދި އެއީ އޭނާ ކުރި ޓްވީޓެއްކަން ސާބިތުކޮށް ނުދެވޭނެ ކަމަށް ބުންޏެވެ.

ނަމަވެސް ދައުލަތުން ވަނީ އެއީ އޭނާ ކޮށްފައިވާ ޓްވީޓެއްކަން ސާބިތުކުރުމަށް ޓްވިޓާ އެކައުންޓް ބޭނުން ކުރަނީ އޭނާ ފޯނުން ކަމަށާ އޭނާ ބޭނުން ކުރާ ނަންބަރަކީ އެ ޓްވިޓާ އެކައުންޓްގެ ރިކަވަރީ ނަންބަރުގެ ގޮތުގައި ހިމަނާފައިވާ ނަންބަަރުކަން ސާބިތުކޮށްދޭން ހުށައަޅާފައެވެ. އަދި އަހުމަދު ރަޝީދުގެ އެހެން ސޯޝަލް މީޑިއާ އެކައުންޓްތަކުގައިވެސް ބޭނުންކޮށްފައިވަނީ އެ ނަންބަރު ކަމަށް ދައުލަތުން ހުށައެޅި ހުށައެޅުމުގައިވެއެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކޮށްފައިވަނީ އެ ހުށައެޅުންތަކަށް ބެލުމަށް ފަހުއެވެ. އަހުމަދު ރަޝީދުގެ މައްޗަށް އޮތީ ހަތަރު މަހުގެ ޖަލު ހުކުމެއް ނަމަވެސް އޭނާގެ ކުށުގެ ރެކޯޑެއް ނެތުމާއި އޭނާގެ ޒިންމާތައް ހުރުމުން އަދި އަދާކުރާ ވަޒީފާއެއް އޮތުމުން ފަނޑިޔާރުން ނިންމެވީ 27،800 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.