މާލޭ ސިޓީ

މާލޭގެ އާބާދީ 252،000 އިން މައްޗަށް

ރާއްޖޭގެ ވެރިރަށް މާލެ ސިޓީ -- މާލެ، ވިލިމާލެ، ހުޅުމާލެ -- ގައި ދިރިއުޅޭ މީހުންގެ އަދަދު 252،000 ވުރެ މައްޗަށް އަރައިފި އެވެ.

މާލެ ސިޓީ ކައުންސިލުން އާންމުކޮށްފައިވާ އެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން 2021 ގައި ހިމަނާފައިވާ މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުން މާލޭސިޓީގެ މިހާރުގެ އާބާދީއަކީ 252،768 އެވެ. އޭގެ ތެރެއިން 76،556 މީހުންނަކީ މާލޭގެ ރަށްވެހިންނެވެ. އެކި ސަބަބުތަކާއި ގުޅިގެން މާލޭގައި ދިރިއުޅޭ މީހުންގެ ޖުމްލަ އަދަދަކީ 176،212 އެވެ.

މާލެ ސިޓީގެ ގޭބީސީގެ ޖުމްލަ އަދަދަކީ 46،251 އެވެ.

އާބާދީގެ ބޮޑުވެ މާލެ ސިޓީއަށް އޮތް އެންމެ ބޮޑު މައްސަލައަކަށް ވެފައިވަނީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. ލޭންޑް ޔޫސް ޕްލޭންގައިވާ މައުލޫމާތުތަކުގައި ބުނެފައިވަނީ 46،251 ގޭބީސީގެ ތެރެއިން 29،178 ގޭބީސީއަކީ ގެދޮރުގެ ހާލަތު ފުދޭ ގޭބީސީތަކެވެ. އެ ނިންމުން ނިންމާފައިވަނީ އެ ގޭބީސީތަކަކީ 600 އަކަފޫޓަށްވުރެ ބޮޑެތި ބިން ހުރި ގޭބީސީތަކަށްވުމުންނެވެ. ނަމަވެސް 17،073 ގޭބީސީއަކީ ގެދޮރުގެ ހާލަތު ނުފުދޭ ގޭބީސީތައް ކަމަށް ވަނީ ބުނެފައެވެ. އެއީ 600 އަކަފޫޓަށްވުރެ ކުދި ބިންތަކެވެ.

ހާލަތު ނުފުދޭ ގެދޮރުތަކުގައި އުޅޭ މާލޭ ރަށްވެހިންގެ ނިސްބަތަކީ 30 ޕަސެންޓެވެ. އެއީ 5،122 އާއިލާއެކެވެ. އަދި އެހެނިހެން 11،951 އާއިލާއެއް އެފަދަ ގެދޮރުތަކުގައި އުޅޭއިރު އެއީ 70 ޕަސެންޓެވެ.