ދުނިޔެއަށް ކޮވިޑް ފެތުރިގަނެ މީގެ ކުރިން ފާޅުވި ފައްތަރުތަކަށް ވުރެ ދެކުނު އެފްރިކާ ވޭރިއަންޓް، އޮމިކްރޯން، މީހުންގެ މެދުގައި މާފަސޭހައިން ފެތުރިގަންނަ ކަމަަށް ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެ އެވެ.
އެމެރިކަން ބްރޯޑްކާސްޓިން ކޯޕޮރޭޝަނަށް ދެއްވި އިންޓަވިއުއެއްގައި ފައުޗީ ވިދާޅުވީ އޮމިކްރޯންއާ ބެހޭ ގޮތުން މިހާތަށް ހޯދި ހުރިހާ ހޯދުމަކުން ވެސް އޭގެ ދުވެލި ބާރުކަން ކަށަވަރުވެފައިވާ ކަމަށެވެ.
އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިސީޒްގެ ޑައިރެކްޓަރު އެންތަނީ ފައުޗީ ވިދާޅުވި ގޮތުގައި ދެކުނު އެފްރިކާއިން ލިބިފައި ހުރި ރިޕޯޓްތަކުން އާ ވެރިއަންޓްގެ ނުރައްކާތެރިކަމާ މެދު ވަކި ގޮތެއް ނިންމާކަށް އަދި ނޭނގެ އެވެ.
ދެކުނު އެފްރިކާގެ ސިއްހީ އޮފިޝަލުން ބުނާ ގޮތުން އޮމިކްރޯން ޖެހުމުން ގައިގެ މަސްތަކުން ދިލަނަގާހެން ހީވެ އެވެ. އެކަމަކު ވަހާއި ރަހައަށް މާބޮޑު ބަދަލެއް އަންނަ ކަމަކަށް އޮފިޝަލުން ނުބުނެ އެވެ.
އޮމިކްރޯން ޖެހުމުން ގައިގައި ރިހުމާއި އާދައިގެ މިންވަރަކަށް ހުން އައުން ފާހަގަކުރެވޭ ކަމަށް ވެސް އޮފިޝަނުން ބުނެ އެވެ. އަނެއްކޮޅުން ވެކްސިންގެ ދެޑޯޒް ޖެހި މީހުންނަށް ވެސް އާވޭރިއަންޓް ޖެހޭ ކަމަށް އޮފިޝާލުން ބުންޏެވެ.
ފައުޗީ ވިދާޅުވި ގޮތުން ވެކްސިން ޖެހުމުން ހަށިގަނޑުން އުފައްދާ ދިފާއިީ ބާރު ވެސް އެމިކްރޯންގެ ސަބަބުން ބަލިވެ އެވެ. އެހެންކަމުން ވެކްސިން ޖެހުން އަވަސްކުރުމަށް އޭނާ ގޮވާލެއްވި އެވެ.