ހަބަރު

ކްރިޑިޓް ކާޑުން އިންސްޓޯލްމަންޓަށް މުދާ ނެގޭ ސްކީމެއް ތައާރަފްކޮށްފި

"އެމެރިކަން އެކްސްޕްރެސް" ކްރިޑިޓް ކާޑު ބޭނުންކުރާ މީހުންނަށް މާލޭގެ ހަތަރު ފިހާރަޔަކުން އިންސްޓޯލްމަންޓަށް މުދާ ނެގޭނެ ސްކީމެއް، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކޮށްފި އެވެ.

"އީޒީ ޕޭ" ގެ ނަމުގައި މިއަދު ތައާރަފްކުރި މި ހިދުމަތަކީ، އެމެރިކަން އެކްސްޕްރެސް ކްރިޑިޓް ކާޑު ބޭނުންކުރާ ފަރާތްތަކަށް އަހަރަކު ފަސް ޕަސެންޓް އިންޓްރެސްޓް ރޭޓާ އެކު ވަރަށް އަގުބޮޑު މުދާވެސް އިންސްޓޯލްމަންޓަށް ނެގޭ ހިދުމަތެކެވެ. މި ހިދުމަތް މިއަދު ތައާރަފްކޮށްފައިވަނީ މާލޭގެ ހަތަރު ފިހާރައަކަށެވެ. އެއީ އީވޯ ހޯމް އާއި، ސޮނީ ސްޕޯޓްސް އާ، އިންޑެކްސް ފަރުނީޗާގެ އިތުރުން ލެކިއުޓް ލައިފް ސްޓައިލް ފިހާރަ އެވެ.

އީޒީ ޕޭގެ މައުލޫމާތު ހިއްސާ ކުރައްވަމުން، ބީއެމްއެލްގެ އޮންލައިން ބޭންކިން ކޯޑިނޭޓާ މުހައްމަދު ސައީދު ވިދާޅުވީ، މި ހިދުމަތް ތައާރަފްކުރުމުން ވަކިން ލޯނެއް ނެގުމުގެ ބަދަލުގައި، އެމެރިކެން އެކްސްޕްރެސް ކަސްޓަމަރުންނަށް އެމީހަކު ހިތްހަމަޖެހޭ އިންސްޓޯލްމަންޓް މުއްދަތެއްގެ ތެރޭގައި ކާޑުން ފައިސާ ދައްކާލެވޭނެ ކަމަށެވެ. މި ހިދުމަތުގެ ދަށުން އިންސްޓޯލްމަންޓަށް މުދާ ނަގާ ކަސްޓަމަރުންނަށް ފައިސާ ދައްކަން ލިބޭނީ ގިނަވެގެން ދެ އަހަރު ދުވަހުގެ މުއްދަތެކެވެ. އެހެން ނަމަވެސް އޭގެ ކުރިންވެސް ފައިސާ ދައްކައި ނިންމަން ބޭނުންވާ ފަރާތްތަކަށް ފައިސާ ދެއްކޭނެ ކަމަށް ސައީދު ވިދާޅުވި އެވެ. 

"އަޅުގަނޑުމެން އެބަ އޮފާކުރަން ކަސްޓަމަރުންނަށް އިންސްޓޯލްމަންޓްގެ ހަތަރު މުއްދަތެއް، އެއީ 3 މަހާ 6 މަހާ 12 މަހާ، 18 މަސް ނުވަތަ 24 މަސް (ދެ އަހަރު). އެއިން ކޮންމެ މުއްދަތެއްވެސް ކަސްޓަމަރުންނަށް ބޭނުންކުރެވޭނެ. މީހަކު ބޭނުންވަނީ އޭނަ ނެގި 35،000ރ ގެ ބެޑްރޫމް ސެޓަކަށް 5000ރ ޕޭކޮށްފަ ބާކީ އަދަދު ތިން މަހުގެ ތެރޭގައި ދައްކަން ކަމަށް ވާނަމަ އެގޮތަށްވެސް ފައިސާ ދެއްކިދާނެ،" ސައީދު ވިދާޅުވި އެވެ.

ކާޑު ބޭނުންކޮށްގެން އިންސްޓޯލްމަންޓަށް މުދާ ނަގަން ބޭނުންވާ ފަރާތްތަކުން، މުދާ ނަގާއިރު ދައްކާ ފުރަތަމަ އިންސްޓޯލްމަންޓް ދެއްކުމުން ކޭޝްކާޑުގެ ވެރިފަރާތަށް ބެންކުން ބިލެއް ފޮނުވާނެ އެވެ. އޭގެ ފަހުން އިތުރު ފޯމަލިޓީއަކާ ނުލައި، އެމީހަކު އިހްތިޔާރުކުރާ މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކަމުން ގޮސް މުޅި އަދަދު ދައްކައި ނިންމާލެވޭނެ އެވެ.