- މަޝްރޫއަށް ދިނީ 17.7 މިލިއަން ރުފިޔާގެ އެހީ
- މަސްޖިދުއްނަބަވީގައި ހުންނަ ކަހަލަ ކުޑަ ޖަހާނެ
- އިސްލާމީ މަރުކަޒު ހައިބަތު ދައްކުވައިދޭނެ
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިސްލާމީ މަރުކަޒު ވަށައިގެންވާ ސަރަހައްދުގައި މާބުލް ޖެހުމަށް ހައުސިން މިނިސްޓްރީ އިން ނިންމައިފި އެވެ.
އިސްލާމީ މަރުކަޒުގެ ހުންނަ ސަރަހައްދުގައި މާބުލް ޖަހައި ޒީނަތްތެރި ކުރުމުގެ މަޝްރޫއުއަށް ޗައިނާ ސަރުކާރުން މިއަދު ވަނީ 1.14 މިލިއަން ޑޮލަރުގެ އެހީއެއް ހައުސިން މިނިސްޓްރީއަށް ދީފަ އެވެ. ނަމަވެސް ހައުސިން މިނިސްޓްރީ އިން އެ މަސައްކަތް ކުރުމަށް އަދި ބަޔަކު ކަނޑައެއް ނާޅަ އެވެ.
މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި މަސައްކަތުގެ ސަބަބުން އިސްލާމީ މަރުކަޒު ހުންނަ ސަރަހައްދުގައި ބޮޑެތި ޖަމާއަތްތައް ހަދަން ޖެހޭ ފަހަރު އެކަމަށް ބޭނުންވާ އެކަށީގެންވާ ޖާގަ އެ ސަރަހައްދުން ލިބޭނެ އެވެ. އަދި އެކަމުގެ ސަބަބުން މީހުންނަށް ނަމާދު ކުރަން ފަސޭހަވެ، އިސްލާމީ މަރުކަޒުގެ ހައިބަތު އިތުރު ވެ އެ ސަރަހައްދަށް ފުރިހަމަކަން އަންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެގޮތުން އިސްލާމީ މަރުކަޒު ގޯތި ތެރޭގައި ވަރަށް ރަނގަޅު ފެންވަރުގެ މާބަލް ޖަހައި ރީތި ތަނަކަށް ހަދުމަށް ރޭވިފައިވޭ. ނަމަވެސް އެކަމަކީ ވަރަށް ބޮޑު ހަރަދެއް ހިގައި ކަމަކަށް ވާތީވެ ޗައިނާ ސަރުކާރުގެ 1.14 މިލިއަން ޑޮލަރު [17.7 މިލިއަން ރުފިޔާ] ގެ ދީލަތި ހިލޭ އެހީ އެއް މި ހަމަޖެހިގެން ދިޔައީ،" މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ މިމަސައްކަތްތުގެ ތެރޭގައި ގާތްގަނޑަކަށް 5000 އަކަ މީޓަރުގެ ސަރަހައްދެއްގައި މާބަލް ޖަހާނެ ކަމަށެވެ. އަދި އެ މަސައްކަތް ފެށުމުގެ ގޮތުން ވީހާވެސް އަވަހަކަށް މާބަލް ގަތުމާއި މާބަލް ޖެހުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ބަޔަކާ ހަވާލު ކުރާނެ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އަންނަ ރޯދަ މަހުގެ ކުރިން އެ ސަރަހައްދުގައި މާބުލް ޖަހާ ނިންމާލެވޭނެ އެވެ.
އިސްލާމީ މަރުކަޒުގެ ބޭރު ހިމެނޭ ގޮތަށް މާބަލް ޖަހައި ޒީނަތްތެރިކުރަން ހައުސިން އިން ނިންމާފައިވާ އިރު އެސަރަހައްދު ރީތި ކުރުމަށް ޓަކައި އެހިސާބުގައި ނަމާދު ކުރާ ފަރާތްތަކަށް ހިޔާވާނެހެން ކުޑަ ޖަހާނެ ކަމަށަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެ ސަރަހައްދުގައި ޖަހާ ކުޑަތަކަކީ މަސްޖިދުއްނަބަވީގައި ހުންނަ ކަަހަލަ ރީތި ނަމަ ކުޑަތަކަކަކަށް ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މަސްޖިދުންނަބަވީގައި ހުންނަ ގޮތަށް ރޭގަނޑު ލެއްޕިފަ އަދި ދުވާލު ހުޅުވޭ ކަހަލަ ވަރަށް ރީތި ކުޑަތަކެއް އިސްލާމީ މަރުކަޒު ސަރަހައްދުގައި ވެސް ޖެހުމަށް ވަނީ ހަމަޖެހިފައި. އަދި އެމަސައްކަތް ކުރި ޑިސައިންއާ ކޮންސްޓަރކްޝަން ކުރި ކުންފުނީގެ އިސްވެރިން ރާއްޖެއަށް ގެނެސް އެފަރާތްތަށް އެސަރަހައްދު ދައްކާ ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު ފަށައިފި. އަޅުގަނޑުމެން ބޭނުމީ ދިވެހި ވަންތަ ކޮންސެޕްޓަކަށް ޖުމްހޫރީ މައިދާން ހިމޭނޭ ގޮތަށް އެމަސައްކަތް ކުރުން ހަމަޖެހިފައިވެ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ގޮތުގައި މާބަލް ޖެހުމުގެ މަސައްކަތް ރޯދަ މަސް އަންނަވާ އިރަށް ނިންމަން ހަމަޖެހިފައިވާ އިރު މާބުލް ޖަހާނީ ކުޑަ ޖެހުމަށްޓަކައި ބިމަށް ގެންނަން ޖެހޭ ބަދަލުތަށް ގެނައުމަށް ފަހުގައި ކަމަށެވެ.
އިސްލާމީ މަރުކަޒުގައި ޖާގަ ބޮޑުކޮށް މީހުންނަށް ނަމާދަށް އަރަން ފަސޭހަވާނެ ގޮތަކަށް ހެދުމަށް ޓަކައި ހައުސިން މިނިސްޓަރީ އިން މީގެ ކުރިން ވަނީ ސްލާމީ މަރުކަޒުގެ ބޭރު ފާރު ތަޅާލައި، މިސްކިތުގެ ބޭރުގައި ނަމާދުކުރެވޭ ގޮތަށް ހަދައި މަގު ބަންދުކޮށްފައެވެ. އަދި އެ ބަދަލުތަކުގެ ސަބަބުން ހެދުމުން އެއްފަހަރާ 20000 އަށް ވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފައިވެ އެވެ.