ދުނިޔެ

އިޒްރޭލަކީ އީރާނަށް ހަލަމާދެވޭ ވަރުގެ ބައެއްކަމާ މެދު ޝައްކު: އީރާން

އީރާންގެ ނިއުކްލިއާ ސަރަހައްދުތަކަށް ހަމަލާއެއް ދިނުމުގެ ކުރިން އިޒްރޭލުން ބުއްދީގެ ބޭނުން ހިފުމަށް، އީރާންގެ އެޓޮމިކް އެނާޖީ އޮގަނައިޒޭޝަންގެ ވެރިޔާ، މުހައްމަދު އިސްލާމީ ވިދާޅުވެއްޖެ އެވެ.

މުހައްމަދު އިސްލާމީ މިހެން ވިދާޅުވީ އީރާނަށް ހަމަލާއެއް ދިނުމަށް ތައްޔާރު ވުމަށް ސަރުކާރުން 1.5 ބިލިއަން ޑޮލަރުގެ ބަޖެޓެއް ފާސް ކުރުމާ ގުޅިގެންނެވެ.

ޔަމަނުގެ މަސީރާ ޓިވީއަށް ދެއްވި އިންޓަވިއުއެއްގައި އިސްލާމީ ވިދާޅުވީ އިޒްރޭލުން ފުރަތަމަ ކުރަން ޖެހޭ ކަމަކީ އިޒްރޭލަކީ އީރާނަށް ހަމަލާއެއް ދެވޭ ފެންފަރުގެ ގައުމެއްތޯ އަމިއްލައަށް ވަޒަން ކުރުން ކަމަށެވެ.

އީރާނަށް ހަމަލާދީފި ނަމަ އިޒްރޭލަށް ވެދާނެ ގޮތަކާ މެދު ކަންބޮޑުވާ ކަމަށް ބުނެ އީރާންގެ އޮފިޝަލުން ގެންދަނީ ވާހަކަ ދައްކަވަމުންނެވެ.

އިރާންގެ ސްޕްރީމް ނޭޝަނަލް ސެކިޔުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ޝަމްޚާނީ ވިދާޅުވި ގޮތުގައި، އީރާނަށް ހަމަލާދީފި ނަމަ އިޒްރޭލުން ދައްކަން ޖެހޭ އަގު ވަޒަން ނުކުރެވޭނެ ކަމަށެވެ.

ޝަމްޚާނީ ވިދާޅުވީ އިރާނަށް ހަމަލާދޭން ހިނގާނެ ޚަރަދު ހޯދުމަށް ވުރެ، ހަމަމާގެ ސަބަބުން އިޒްރޭލަށް ލިބޭ ގެއްލުންތައް މަރާމާތުކުރާނެ ބަޖެޓެއް ވެސް ލަސް ނުކޮށް ފާސް ކުރަން ޖެހޭ ކަމަށެވެ.

އިޒްރޭލުގެ މީޑިއާއިން ބުނި ގޮތުން ސަރުކާރުން ފާސްކުރި 1.5 ބިލިއަން ޑޮލަރަކީ އީރާނަށް ހަމަލާދިނުމަށް ތައްޔާރުވުމަށް ބޭނުންވާ ފައިސާ އެވެ. އެފައިސާއިން ކުރަން ހުރި ކަންތައް ތަކުގެ ތެރޭގައި ޖާސޫސްކުރާ ޑްރޯން އުދުއްސުމާއި ޖެޓްފައިޓަރުތައް ބާރުގަދަކުރުން އަދި އީރާންގެ ބިމުއަޑީގައި ހުރި މަރުކަޒުތަކަށް ހަމަލާދޭނެ އުކުޅުތައް ރޭވުން ކަމަށެވެ.

އީރާނަކީ ކިހާ ބާރުވެރި ގައުމެއްކަން އިޒްރޭލަށް މުޅިން ކަށަވަރެއް ނުވެ އެވެ. އެކަން އެނގެނީ ދުނިޔޭގެ ބޮޑުންގެ މީހަކާ ބައްދަލުވާ ކޮންމެ ފަހަރަކު އިޒްރޭލުގެ ބޮޑުވަޒީރުން ކުރައްވާ ޝަކުވާތަކުންނެވެ.

އިޒްރޭލުން އަބަދު ވެސް ބުނަނީ އީރާނަނީ އިޒްރޭލު ދެމިއޮތުމަށް ނުރައްކަލެއް ކަމަށާއި އީރާން ނައްތާލައިގެން ނޫން ގޮތަކަށް އިޒްރޭލަށް ހަމަނޭވާ ލެވެން ނެތް ކަމަށެވެ.

އީރާނަށް ހަމަލާއެއް ދީފި ނަމަ އިޒްރޭލު މެދުއިރުމަތިން އަރައިގެންދާ ދުންކޮޅަކަށް ހަދާނެ ކަމަށް އީރާނުން ބުނެ އެވެ.