ދިރާގު

ދިރާގުގެ މަގުސަދަކީ ޒުވާނުން ވަޒީފާތަކަށް ހޭލުންތެރި ކުރުން: ސީއީއޯ

ދިރާގުގެ މަގުސަދަކީ ދިވެހި ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުން ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

އިސްމާއީލް އެހެން ވިދާޅުވީ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި މިދިޔަ އަހަރު ބައިވެރިވި ދަރިވަރުންގެ ދަސްވެނިމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ކްރޮސްރޯޑްސްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ސީއީއޯ ވިދާޅުވީ އެ ޕްރޮގްރާމުގައި ބައިވެރިވާ ޒުވާނުންނަކީ މަސައްކަތްތެރި އަދި މުުޖުތަމައަށް ފައިދާކުރާނެ ޒުވާނުންނަށް ހެދުމަށް މަސައްކަތްކުރާ ކަމަށެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމު ދިރާގުން ހިންގަނީ ޒުވާނުން ވަޒީފާގެ މާހައުލަށް ނެރުމަށް ފުރުސަތު ފަހިކޮށްދިނުމަށް ކަމަށް ފާހަގަކުރައްވާ އިސްމާއީލް ރަޝީދު ވިދާޅުވީ އެ ޕްރޮގްރާމު މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގައި ސެންޓަރުތަކުގައި ވެސް ހިންގާ ކަމަށެވެ.

"ދިރާގުގެ އަމާޒަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހެލުންތެރިކޮށް، ވަޒީފާގެ ތަޖުރިބާ ހޯދުމުގެ ފުރުސަތުދީ ކަމުވޮށިގެންވާ މަސައްކަތްތެރި ބަޔަކަށް ހެދުން،" ސީއީއޯ ވިދާޅުވި އެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ތަފާތު ދާއިރާތަކުން ޒުވާނުން ތަމްރީން ކުރުމަށް 2009 ވަނަ އަހަރުން ފެށިގެން ދިރާގުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިހާތަނަށް ޖުމްލަ 228 ބައިވެރިން ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށްފަ އެވެ.

ދިރާގުން ވަނީ މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމު ވެސް މިހާރު ފަށައިފަ އެވެ. މި ޕްރޮގްރާމުގައި 14 ދަރިވަރުން ބައިވެރިވެ އެވެ. މިދިޔަ އަހަރުގެ ޕްރޮގްރާމުގައި 17 ދަރިވަރަކު ވަނީ ގްރެޖުއޭޓްވެފަ އެވެ.