އެޕެރެންޓިސްޝިޕް ޕްރޮގްރާމް

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު

Feb 4, 2021

ދިރާގުން ޒުވާނުން ވަޒީފާގެ ބާޒާރަށް ތައްޔާރު ކުރަން ހިންގާ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ދިރާގުން ބުނީ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި 2021" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާ، މި ޕްރޮގްރާމުގައި އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންނަށް ބައިވެރިވެވޭނެ ކަމަށެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުމެވެ. އެގޮތުން މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް ޓްރެއިނިން ލިބި ވަޒީފާގެ މާހައުލުގައި ތަޖުރިބާ ލިބުމުގެ ފުރުސަތު ނުހަނު ފުރިހަމަ ގޮތުގައި ލިބިގެންދެ އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވެވެނީ އޭލެވެލް ނިންމާފައިވާ އަދި ވަޒީފާގެ ތަޖުރިބާއެއް ލިބިފައި ނެތް ޒުވާނުން ނަށެވެ. މި ޕްރޮގްރާމް ގައި ބައިވެރިވުމުގެ ފުރުސަތު ލިބެނީ ހަމައެކަނި މާލޭގައި ތިބި ޒުވާނުންނަށް އެކަންޔެއް ނޫނެވެ. މާލޭގެ އިތުރުން ސ. އަތޮޅާއި ގއ. ތިނަދޫ އަދި އަދި ބ. އޭދަފުށީގައި ގާއިމުކޮށްފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި ވެސް މި ޕްރޮގްރާމް ހިންގަ އެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި ތިބެގެން ކިޔެވޭ ގޮތަށެވެ.

މި ޕްރޮގްރާމްގައި ދިރާގުގެ ގިނަ ދާއިރާތަކެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބެ އެވެ. މީގެ ތެރޭގައި މާކެޓިން އާއި ސޭލްސް އަދި ހިއުމަން ރިސޯސަސްގެ އިތުރުން ފައިނޭންސް އާއި ނެޓްވޯކްސް އަދި ބިޒްނަސް ސޮލިއުޝަންސް އަދި އިންފޮމޭޝަން ސިސްޓަމްސް ޑިޕާޓްމަންޓް ހިމެނެ އެވެ. މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ވަޒީފާގެ މާހައުލަށް އަންނަމުންދާ ކުރިއެރުންތަކަށެވެ. އެގޮތުން، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ އަށް ޝައުގެވެރިކަން ހުރި ޒުވާނުންނަށް އެ ފުރުސަތު މި އަހަރު މިވަނީ ހުޅުވާލާފަ އެވެ. މި ޕްރޮގްރާމް މެދުވެރިކޮށް އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއި ން ސްޕެޝަލައިޒް ވާން ބޭނުންވާ ފަރާތްތަކަށް ސެޓިފައިޑް ޓްރޭނިން ދެވި، މި ދާއިރާގެ މާހިރުންގެ ފަރާތުން ތަމްރީން ލިބުމުގެ އިތުރުން ވަޒީފާގެ މާހައުލުގައި ތަޖުރިބާ ލިބުމުގެ ފުރުސަތު ލިބޭނެ އެވެ.

ދިރާގުގެ މި ޕްރޮގްރާމް ނިންމާ ގިނަ ކުދިން މިހާރު ދިރާގުގެ އިތުރުން އެހެން ކުންފުނިތަކުގެ ޒިންމާދާރު ވަޒީފާތައް އަދާ ކުރެ އެވެ. މިއީ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގެ ކާމިޔާބު ރަމްޒުކޮށްދޭ އެއް ހެއްކެވެ.