ރައްޔިތުންގެ މަޖިލިސް

ވިހި ބިލެއް ފާސްކޮށް މަޖިލީސް ޗުއްޓީއަށް

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރަށް ފަހު މެންބަރުން ޗުއްޓީއަށް ވަޑައިގެންފި އެވެ. މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގައި ޖުމްލަ ވިހި ބިލެއްގެ މަސައްކަތް ވަނީ ނިންމާފައެވެ.

މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާ މިރޭ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދައުރުގެ މަސައްކަތްތަކުގެ ހުލާސާއެއް ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މިރޭ ނިމިގެން ދިޔައީ ދިގު ދައުރެއް ކަމަށާ މި ދައުރުގައި 44 ޖަލްސާއެއް ބާއްވާފައިވާ ކަމަށެވެ. އެ ޖަލްސާތަކުގައި މެންބަރުން 112 ގަޑިއިރު ހޭދަކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޖަލްސާތަކުގައި މެންބަރުން 950 ފަހަރު ވާހަކަ ދައްކަވާފައިވާ ކަަމަށްވެސް ވިދާޅުވިއެވެ. އަދި މި ދައުރުގެ ތެރޭގައި ކޮމެޓީތަކުގެ 320 ބައްދަލްވުމެއް ބާއްވާފައިވެއެވެ. ކޮމެޓީ ބައްދަލްވުމުގައި 331 ގަޑިއިރު ވަނީ ހޭދަކޮށްފައެވެ.

މި ދައުރު ޖުމްލަ 20 ބިލެއް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ދައުރު ފެށިއިރު ކުރީ ދައުރުން ނުވަ ބިލް އަދި މި ދައުރުގައި ހުށައެޅުނު 32 ބިލާއެކު 41 ބިލެއްްގެ މަސައްކަތް އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަތަރު ގަރާރެއްގެ މަސައްކަތް ނިންމި ނަމަވެސް އަދިވެސް 10 ގަރާރެއްގެ މަސައްކަތް ނުނިމި އެބައޮތް ކަމަށް ވިދާޅުވިއެވެ. ސަރުކާރުން ހުށައެޅި ހަތް މައްސަލަ އަކާއި ރިޔާސަތުން ހުށައެޅި ދެ މައްސަލައެއް އަދި މެންބަރުން ހުށައެޅި 13 މައްސަލައެއްގެ ތެރެއިން ނުވަ މައްސަލައެއް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ދައުރުގައި 32 ވަޒީރަކާއި ސުވާލުކޮށްފައިވާއިރު ހަތް ވަޒީރަކާއި ސުވާލު ނުކުރެވިވާކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ހުރިހާ ބާވަތަކުން ބަލާނަމަ 95 މައްސަލައެއް މި ދައުރުގައި ނިންމާފައިވާ ކަމަށެވެ.

"މަދަނީ އިޖުރާތުގެ ބިލް އެއީ މާބޮޑަށް ފާހަގަވާ މަސައްކަތެއް. އޭގެ އިތުރުން ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ކުރެވިފައި ހުރި އެގްރީމަންޓްތަކާއި ގުޅޭ ނުތަނަވަސްކަން ބައެއް އިއްޒަތްތެރި މެންބަރުންގެ ކިބާގައި އޮތަތީ އެ އިއްޒަތްތެރި މެންބަރުން އެދިވަޑައިގަތުމުން އެ އެގްރީމަންޓްތައް ވަނީ މިތަނުން، މަޖިލީހުގެ ކޮމެޓީން ދިރާސާކުރެވިފައި. އަދި އެ ދިރާސާ ކުރެވުނު ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ގެނެވި އެ ރިޕޯޓްގައި ބުނާ އެއްޗެއް މި ވަނީ ފާސްކުރެވިފައި. އެ ރިޕޯޓުން ވަރަށް ސާފުކޮށް އެގެނީ ސިޔާދަތަކަށްވެސް އަދި މިނިވަން ކަމަކަށްވެސް އެގްރީމަންޓްތަކުގެ ސަބަބުން ކުޑަވެސް އަސަރެއް، ލޮޅުމެއް ނުކުރާކަން،" ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ދައުރު ނިންމާލުމުގެ ކުރީން ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވަނީ ނުނިމިހުރި ބިލްތަކުގެ މަސައްކަތް އަވަހަށް ކޮށްދިނުމުން އެދިވަޑައިގެންފައެވެ.