ދުނިޔެ

ގަތަރުގެ ފޮރިން މިނިސްޓަރު ލުބްނާނަށް

ލުބްނާންގެ ރައީސް މިޝޭލް އައުން ގަތަރަށް ވަޑައިގެން ގަތަރުގެ އަމީރު، ޝެއިޚް ތަމީމް ބިން ހަމަދު އައްސާނީއާ ބައްދަލު ކުރައްވައިފި އެވެ. ދެބޭފުޅުންގެ މައިގަނޑު މައުލޫއަކީ ލުބްނާނަށް ކުރިމަތިވެފައި އޮތް މާލީ ނުތަނަވަސް ކަމެވެ.

މިޝޭލް އައޫންއާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން ލުބްނާނަށް އެހީތެރިވުމަށް ޓަކައި ދާއިރާތައް ވަކިކުރުމަށް ގަތަރުގެ ފޮރިން މިނިސްޓަރު، މުހައްމަދު ބިން އަބްދުއްރަހްމާން އައްސާނީ ލުބްނާނަށް ވަޑައިގަންނަވާނެ އެވެ.

ލުބްނާންގެ ރިޔާސަތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގަތަރުން ލުބްނާނަށް އެހީތެރިވެދޭނެ ކަމަށް އަމީރު ވިދާޅުވި ކަމަށެވެ. އެހެން ނަމވެސް ފޮރިން މިނިސްޓަރު ލުބްނާނަށް ވަޑައިގަންނަވާ ވަކި ތާރީޚެއް ބުނެފައި ނުވެ އެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުން ލުބްނާންގެ އާންމު ހާލަތާ މެދު ގަތަރުން ކަންބޮޑުވާ ކަމަށް އަމީރު ވިދާޅުވި އެވެ. ގަތަރުގެ އެހީތެރިކަމާއެކު ލުބްނާންގެ ހާލަތު ލާހިކުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

ލުބްނާންގެ ރައީސް މިޝޭލް އައުން ގަތަރަށް ވަޑައިގެން މިއުޅުއްވަނީ ގަތަރުގެ ގާތް އެކުވެރި ބައެއް ގައުމުތަކާ ލުބްނާންއާ ފުށުއަރާފައި އޮތް ދުވަސްވަރެއްގެ އެވެ.

ސައޫދީ އަރަބިއްޔާ އާއި ކުވައިތާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ބަހްރޭނުން ލުބްނާން ދެކެ ރުޅިއަރައި ގަނެގެން އުޅެނީ، ލުބްނާންފެ އިންފޮމޭޝަން މިނިސްޓަރު އެގައުމުތަކަށް ފާޑުވިދާޅުވެ މީޑިއާގައި އާންމުކުރެއްވުމާ ގުޅިގެންނެވެ.

ލުބްނާންގެ އިންފޮމޭޝަން މިނިސްޓަރު ޖޯޖް ކޮރްދާހީ، ސައޫދީއާ ބައިވެރިންނަށް ރައްދުވާ ގޮތަށް ވިދާޅުވީ އަރަބި ބައެއް ގައުމުތަކުން ޔަމަނުގައި އެކުރަނީ ބޭކާރު ކަމެއް ކަމަށާއި އެކަމުން ގެއްލުން ލިބެނީ ކުޑަކުދީންނާއި އަންހެނުންނަށް ކަމަށެވެ.

ކޮރަދާހީ އަދި ވިދާޅޫވީ ހޫތީން އެކުރަނީ ހައްގު ހަނގުރާމައެއް ކަމަށާއި ގައުމާއި ނަފުސުގެ ދިފާއުގައި ހޫތީން ވަނީ ވަރުގަދަ ގުރުބާނީއެއް ކަމަށެވެ.

ލުބްނާން މިހާރު އޮތް ހާލަތަށް ވެއްޓުމުގެ އަސާސަކީ ވެސް ދާޚިލީ ހަމަނުޖެހުންތަކެވެ. އާންމު ފަރުދުންގެ ބަސްނޭހުމާއި އަނދިރި އެޖެންޑާތަކުގެ ބާރު ސަރުކާރުތަކަށް ފޯރުމެވެ.