ދުނިޔެ

ސައުދީން ލުބްނާން ބޮޑުވަޒީރަށް ހެޔޮބަސް ބުނެފި

ލުބްނާންގެ ބޮޑުވަޒީރު ނަޖީބު މީގާތީއަށް ތައުރީފް ކުރައްވައި ސައުދީ ފޮރިން މިނިސްޓްރީން ވާހަކަފުޅު ދައްކައިފި އެވެ.

ސައޫދީން ބުނީ ސައޫދީއާއެކު ގުޅުން ބަދަހި ކުރަން އެދޭ ކޮންމެ ގައުމަކަށް ވެސް އެ ފުރުސަތު އޮތް ކަމަށެވެ. އަވައްޓެރި އަރަބި ގައުމުތަކާ މެދު ސައޫދީން ވަކިން ގާތް ގުޅުމެއް އޮންނާނެ ކަމަށް ވެސް ސައޫދީން ބުންޏެވެ.

ނަޖީބު މީގާތީ ވިދާޅުވި ގޮތުގައި ލުބްނާން އަކި އެކުވެރި އަރަބި ގައުމުތަކަށް ނުރައްކާތެރި ގައުމަކަށް ވެގެން ނުވާނެ އެވެ. ލުބްނާން ތެރޭގައި ހިންގާ އެއްވެސް ހަރަކާތަކުން ސައޫދީއަށް އަދި އަރަބި ގައުމަކަށް ނުރައްކާ ކޮށްގެން ނުވާނެ އެވެ.

ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ޓެރަރިޒަމަށް ހިތްވަރު ދިނުމާއި މިނިވަން މުސްތަގިއްލު ގައުމުތަކަށް ޓެރަރިސްޓް ހަމަލާތައް އަމާޒުކުރާ ތަނަކަށް ލުބްނާން ވެގެން ނުވާނެ އެވެ.

ސައޫދީ އަދި އަރަބި އެހެން ގައުމުތަކާއެކު ވަރަށް ގާތް ގުޅުމެއް ދަމަހައްޓަން އެދިވަޑައި ގަންނަވާ ކަމަށް ވެސް ނަޖީބު މީގާތީ ވިދާޅުވި އެވެ.

ސައުދީން ބުނީ ނަޖީބު މީގާތީ ގެންގުޅުއްވާ ސިޔާސަތަށް ބަދަލު ގެނައުމަކީ އުފާ ކުރާ ކަމެއް ކަމަށެވެ. އަދި ލުބްނާންއާއެކު ސައޫދީން ވަރަށް ގާތް ގުޅުމެއް ދަމަހައްޓަށް އެދޭ ކަމަށް ވެސް ބުންނެވެ. އެކަން ނުވެގެން އުޅެނީ ލުބްނާނަށް ފޫޅުކަނޑައިގެން ތިބި ހިޒްބުﷲ ފަދަ ޓެރަރިސްޓް ޖަމާއަތްތަކާ ހެދި ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ލުބްނާންގެ ތަރައްގީއަށް ސައޫދީ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ވެސް ހިއްސާކުރާނެ ކަމަށް ކުރިން ވެސް އޮތީ ބުނެފަ އެވެ. އެހެން ނަމަވެސް ސަރުކާރުން ހިނގަން ޖެހޭނީ ނަޖީބު މީގާތީ ކޮންޓްރޯލް އޮންނަ ގޮތަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސައޫދީ އަދި ބައެއް އަރަބި ގައުމުތަކުން އެގައުމުތަކުގައި ތިބި ލުބްނާން ސަފިރުން މިދިއަ އަހަރު ވަނީ ފޮނުވާލާފަ އެވެ. އެއީ ލުބްނާން ސަރުކާރުގެ އިންފޮމޭޝަން މިނިސްޓަރު، ޖޯޖް ކޮރުދާހީ އަރަބި ގައުމުތަކަށް ބަދުބަސް ވިދާޅުވުމުންނެވެ.

އަރަބި މުއްސަނދި ގައުމުތަކުން ބުނާ ގޮތުން ލުބްނާންގައި އޮތީ އީރާންގެ ނުފޫޒެވެ. އިރާންގެ ނުފޫޒުން އެއްކިބާވެ ސަރުކާރު ހިންގަން ފަށާ ދުވަހަކުން ލުބްނާނަށް އޮބިނޯންނަ ވަރަށް އެހިތެރިވާނެ ކަމަށް ވެސް އޮތީ ބުނެފަ އެވެ.

އެހެން ނަމަވެސް، ނަޖީބު މީގާތިއަށް ވަކި ގޮތެއް ނިންމަ ދަތިވެ ވަޑައިގެން ހިމޭނުން ހުންނެވި އެވެ. ލުބްނާނުން ސައޫދީއާ މުއާމަލާތް ކުރަން ފެށުމުން ގުޅުން ރަނގަޅުވާނެ ކަމަށް ސައޫދީން ބުނެ އެވެ.