މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ

ތ. އަތޮޅު ރަށްތަކުގައި އިރުގެ އަލިން ހަކަތަ އުފައްދަނީ

Nov 29, 2021

ތ. އަތޮޅުގައި މީހުން ދިރިއުޅޭ 12 ރަށުގައި އިރުގެ އަލިން ހަކަތަ އުފެއްދުމުގެ ނިޒާމެއް ގާއިމުކުރުމަށް ޗައިނާގެ ސިނޯ ސޯރް ހައިބްރިޑް ޓެކްނޮލޮޖީއާ ހަވާލުކޮށްފި އެވެ.

އެންސީއައިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިމަސައްކަތް ހަވާލުކުރީ އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމަން ޝަރުތުކުރުމަށްފަހު އެވެ.

މިމަޝްރޫއުގެ ދަށުން 3،180 މީޓަރުގެ ކޭބަލް އަޅައި، 975 ކިލޯވޮޓުގެ ބެޓެރީ ސިސްޓަމަކާ އެކު ޖަނެރޭޓަރު ކޮންޓްރޯލް ޕެނަލެއް ބަހައްޓާނެ އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މަޝްރޫއު ނިމި ހިދުމަތް ދޭން ފެށުމުން އިރުގެ އަލި ބޭނުންކޮށްގެން 2.5 މެގަވޮޓްގެ ހަކަތަ އުފައްދާނެ ކަމަށެވެ. އަދި އަހަރަކު 1.2 މިލިއަން ލިޓަރުގެ ޑީސަލް ސަލާމަތް ކުރެވި، ވިހަ ގޭހުގެ ތެރެއިން 2،900 ޓަނުގެ ސީއޯ ޓޫ މަދުކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ތިމާވެށްޓާ ރަށްޓެހި ވަސީލަތްތައް ބޭނުންކޮށްގެން އިރުގެ އަލިން ހަކަތަ އުފެއްދުމާއެކު ތެލަށް ބަރޯސާވުން ކުޑަކުރުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ތެލަށް ކުރާ ހަރަދު ކުޑަކުރުމަށާއި ތެޔޮ އަންދައިގެން ޖައްވު ހޫނުވުން ކުޑަކުރުމަށްޓަކައި މިސަރުކާރުން ވަނީ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ޕްރޮގްރާމުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ފަށާފަ އެވެ. އެންމެ ފާހަގަކޮށްލެވޭ ޕްރޮޖެކްޓަކީ އައްޑޫ ސިޓީގައި ގާއިމުކުރާ 10 މެގަ ވޮޓްގެ ފްލޯޓިން ސޯލާ ޕެނަލް އެވެ. އެއީ ދުނިޔޭގައި ވެސް ހަދާ އެފަދަ އެންމެ ބޮޑު ފްލޯޓިން ސޯލާ ޕެނަލް އެވެ. ސަރުކާރުން ބުނާ ގޮތުގައި 2023 ގެ ނިޔަލަށް އެ ސޯލާ ޕެނަލް އިންސްޓޯލްކޮށް ނިންމާލެވޭނެ އެވެ.

ވޯލްޑް ބޭންކާ ގުޅިގެން ދިވެހި ސަރުކާރުން ގެންދަނީ އެސްޕަޔާ ޕްރޮޖެކްޓް އަދި އެރައިސް ޕްރޮޖެކްޓްގެ ނަމުގައިވެސް އިރުގެ އަލިން ހަކަތަ އުފެއްދުމުގެ މުހިއްމު މަަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެރައިސް ޕްރޮޖެކްޓުގެ ދަށުން ލ. އަތޮޅުގެ 10 ރަށެއް ހިމެނޭ ގޮތަށް ޖުމްލަ 14 ރަށެއްގައި ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރާނެ އެވެ. އެ މަޝްރޫއު ނިމޭއިރު ޖުމްލަ 36 މެގަވޯޓުގެ ކަރަންޓު އުފައްދާނެ އެވެ. އަދި އެސްޕަޔާ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ހަ ސަަރަހައްދެއްގައި ވެސް ސޯލާ ބޭނުންކޮށްގެން 11 މަގަވޯޓުގެ ކަރަންޓް އުފެއްދޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިސަރުކާރުގައި ބައެއް އިދާރާތަކުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އިރުގެ އަލިން ހަކަތަ އުފެއްދުމަށް މިހާރު ރާއްޖޭގައި 32 މެގަވޯޓުގެ ސޯލާ ޕެނަލް ވަނީ ހަރުކޮށްފަ އެވެ. އެއާއެކު ރައްޖޭގައި ކަރަންޓުގެ އެންމެ ލޯޑު ބޮޑުވާއިރު ބޭނުންކުރާ ކަރަންޓުގެ 11.25 ޕަސެންޓް ކަރަންޓު އިރުގެ އަލީގެ ހަކަތައިން އުފެއްދެ އެވެ. އަދި އޭގެ ސަބަބުން 14.7 މިލިއަން ލީޓަރުގެ ތެޔޮ ސަލާމަތްވެ ޖައްވަށް ދޫކުރާ ކާބަންޑައި އޮކްސައިޑް 36،786 ޓަނުން ސަލާމަތްވެ އެވެ. ސަރުކާރުން އަންދާޒާކުރާ ގޮތުގައި މިހާރު ކުރިއަށްދާ އިއާދަކުރަނިވި ހަކަތައާއި ގުޅޭ މަޝްރޫއުތައް ނިމުމުން 119 މެގަ ވޯޓުގެ ސޯލާ ޕެނަލް ހަރުކުރެވި އަހަރަކު 195،425 މެގަވޯޓުގެ ކަރަންޓު އުފެއްދޭނެ އެވެ. އަދި 55.8 މިލިއަން ލީޓަރުގެ ތެޔޮ ސަލާމަތް ކުރެވި ޖައްވަށް ދޫކުރާ ކާބަންޑައި އޮކްސައިޑް 138،947 ޓަނު ސަލާމަތް ކުރެވޭނެ އެވެ.