ލައިފްސްޓައިލް

ކައިވެނި ޕާޓީއެއްގައި ރޯވެ އަނދަމުން ދިޔައިރު މެހެމާނުން ކެއުމުގައި!

އިންޑިޔާގެ މަހަރަޝްތުރަގެ ތާނޭގެ އަންސާރީ މެރިޖް ހޯލުގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ އޮތް ކައިވެނި ޕާޓީއެއްގައި ވަރަށް ގަދަޔަށް އަލިފާން ރޯވި އެވެ. މި ތަނުގައި ރޯވެފައިވާ މަންޒަރު ފެންނަ ވީޑިއޯތަކެއް މިހާޜު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު ވަރަށް ފާހަގަކޮށްލެވޭ އެއް ކަމެއް މި ވީޑިއޯތަކުން ފެނެ އެވެ. އެތަނުގައި ރޯވެ އަނދަމުން ދިޔަޔަސް އެތަނުން ސަލާމަތްވެގެން ދުރަށް ދާން މަސައްކަތް ނުކޮށް ޕާޓީއަށް އައި މެހެމާނުން ކެއުމުގައި މަސްއޫލުވެ ތިބި ތަނެވެ.

ހުޅުފަޅައިގެން އަނދަމުން ދިޔައިރުވެސް ކެއުން ހުއްޓާލާކަށް މީހުން ބޭނުމެއް ނުވި އެވެ. އެމީހުން ވާހަކަ ދައްކަމުން ކަމުން ގެންދާ މަންޒަރު ވީޑިއޯގައި ފެނެ އެވެ.

މި ވީޑިއޯ ބަލާފައި އެއްބަޔަކު ބުނީ މެހެމާނުންގެ ހިތުގައި އެއްވެސް ކަހަލަ ހަމްދަރުދީއެއް ކައިވެނިކުރި ދެމަފިރިންނާއި އެމީހުންގެ އާއިލާއަށް ނެތް ކަން ވީޑީއޯ އިން ދޭހަވާ ކަމަށެވެ. އަނެއް ބަޔަކު ވަނީ އަލިފާނުގެ އެހާ ބޮޑު ހާދިސާއެއް އެތަނުގައި ހިނގައިގެން އުޅޭއިރުވެސް މެހެމާނުން ހޭވައްޓާލާފައި ކާތީ ޖޯކު ޖަހާފަ އެވެ.

"ފުރާނަ ދިޔަސް ކާއެތިކޮޅު ދިޔަ ނުދޭނަން،" މި ވީޑިއޯއަށް ކޮމެންޓުކުރި މީހަކު ބުނެފައި ވެއެވެ.

ނަސީބަކުން އަލިފާނުގެ މި ބޮޑު ހާދިސާގައި މީހެއްގެ ފުރާނައަކަށް ގެއްލުމެއް ނުވެ އެވެ.

ތާނޭ މުނިސިޕަލް ކޯޕަރޭޝަނުން ބުނެފައިވާ ގޮތުގައި އަލިފާންގަނޑު މައިތިރިކުރަން ތިން ގަޑިއެއްހާއިރު ނެގި އެވެ. މިތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގަން މެދުވެރިވީ ޕާޓީއެއް ތައްޔާރުކުރި ކާނާ ކައްކަމުން ދިޔައީ ބޭރުގައި ޓެންޓުތަކެއް ޖަހައިގެން ކަމުން އެތަނުން ޓެންޓެއްގައި ރޯވެގެންނެވެ.

އަލިފާންގަނޑު ކައިރީގައިވާ ވެހިކަލް ޕާކް ކުރާ ތަނަކާ ހަމަޔަށް ފޯރައި އެތަނުގައި ހުރި ފަސް ސައިކަލާއި ކާރެއް ވެސް އަނދާ އަޅިޔަށް ވެފައި ވެއެވެ.

ބައެއް މީހުން އެމީހުންގެ ސައިކަލުތައް ސަލާމަތްކުރަން އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހަޅައިގެން މަސައްކަތް ކުރިތަން ވެސް އަލިފާނުގެ ހާދިސާގެ ބައެއް ވީޑިއޯގައި ފެނިފައި ވެއެވެ.