ލައިފްސްޓައިލް

ގްރީކްގެ ކައިވެނިތަކުގައި އޮންނަ ތަށި ތެޅުމުގެ ސަގާފަތް

ގްރީކްގައި ކުރާ ކައިވެނިތަކުގައި ވަރަށް މަޝްހުރު ސަގާފަތެއް އޮވެ އެވެ. އެތައް ޒަމާނުއްސުރެ އެ މީހުން ދަމަހައްޓަމުން އަންނަ މި ސަގާފަތަކީ ބަތްކާ ތަށި ތެޅުމެވެ. މިކަން ކުރާތާ ގިނަ ދުވަސްތަކެއް ވެ މިއީ ކޮންމެ ކައިވެންޏަކުން ވެސް ފެންނަ އާދައިގެ ކަމަކަށް ވަނީ ވެފަ އެވެ.

މިކަން އެ ގައުމުގައި ފެށިގެން އައީ ކޮން ދުވަސްވަރެއްގައި ކަން ކަނޑައެޅިގެން ބުނަން ނޭނގުނަސް "ނޭވާ އޮން ސަންޑޭ" ކިޔާ ފިލްމެއް ރިލީޒްކުރި ފަހުން އެ ފިލްމު ބަލާފައި ގިނަ ބަޔަކު މާ ގިނައިން މިކަން ކުރަން ފަށައި އާދައިގެ ކަމަކަށް ވަނީ ވެފަ އެވެ.


ކައިވެނި ޕާޓީއެއްގައި ނަށަމުން މީހުންތައް ތަށިތައް ތަޅައި މަޖާ ކުރާ މަންޒަރު "ނެވާ އޮން ސަންޑޭ"ގައި ފެނެ އެވެ. ކުރިއްސުރެ އޮތް މި އާދަ ބޮޑަށް ވައިގައި ހިފީ މި ފިލްމުގައި އެކަން ކުރާ ތަން ފެނިގެންނެވެ.

ގްރީކް މީހުން ބުނާ ގޮތުގައި ތަށި ތެޅުމުގައި ގުޅިފައިވަނީ "އޯޕާ" އާއެވެ. އޯޕާގެ މާނައަކީ އިނގިރޭސި ބަހުން "އޫޕްސް" އެވެ. އަދި މިގޮތަށް ތަށިތައް ތަޅާއިރު އެންމެން ވަރަށް ފޯރީގައި މަޖާ ނަގަމުން މިކަން ކުރާ ތަން ފެނެ އެވެ.

ކައިވެނީގެ ރަސްމިއްޔާތެއް ކަހަލަ އުފާވެރި ހަފުލާއެއްގައި ތަށި ތަޅަނީ 'ޝައިތާނީ ރޫހުތައް" ދުރަށް ލުމަށްޓަކައި ކަމަށް ގްރީކް މީހުން ކިޔައި އުޅެ އެވެ. އަދި އެ ރޫހުތަކުގެ އުނދަގުލުން ކައިވެންޏަށް ކުރިމަތިވެދާނެ މުސީބާތަކުން ސަލާމަތްވާނެ ކަމަށް އެމީހުން ގަބޫލުކުރާތީ އެވެ.

ގްރީކްގައި މީހަކު މަރުވުމުން އެމީހެއްގެ މަހާނަ ކައިރީގައި ވެސް ތަށި ތަޅަ އެވެ. އޭގެ މާނައަކީ ހަޔާތަކަށް ނިމުން އަތުވެއްޖެ އެވެ. އަދި ހިތާމަތައް ފެށުނުކަން އަންގައިދިނުމެކެވެ. އަދި ކައިވެނި ނޫނަސް އުފާވެރި ކަންކަމުގައި އުފާ ފާޅުކުރާއިރު ގްރީކް މީހުން ތަށި ތަޅަ އެވެ. އެ އުފާވެރިކަމަށް "ނުބައި ރޫހު"ތަކުގެ ސަމާލުކަން ލިބުނު ނުދިނުމަށް ކަމަށް ބުނެފަ އެވެ.

ތަށި ތެޅުމާއި އެކަން ކުރާ ބަޔެއްގެ މުއްސަނދިކަމާ ވެސް ގުޅިފައި ވެއެވެ. އާދައިގެ ފެންވަރުގެ މީހުން އެންމެ ތައްޓެއް ތަޅާލައިގެން ފުއްދާލާއިރު މުއްސަނދިން ވީހާވެސް ގިނަ ތަށި ތެޅޭތޯ ބަލާނެ އެވެ.

ބައެއް މީހުން ތަށި ތަޅަނީ ބިންމައްޗަށް ވައްޓާލައިގެންނެވެ. އަނެއް ބަޔަކު އަތް މަތީގައި ތަށިތައް ބަހައްޓައިގެން އިތުރު ތައްޓަކުން ޖަހައި ތަށިތައް ތަޅަ އެވެ. ތަށި ތެޅުމުގައި ވެސް އެކި މީހުން އެމީހުންގެ ހުނަރުތައް ދެއްކުން އޮވެ އެވެ.