ހަބަރު

ޔޫކޭ ސަފީރު އައްޑުއަށް ގޮސް ރައްޔިތުންގެ ޝަކުވާތައް އަޑު އަހައިފި

މީގެ އަހަރުތަކެއް ކުރިން އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮތް އައްޑުއަށް، ލަންކާއަށާއި ރާއްޖެއަށް ކަނޑައަޅާފައި ހުންނަށް އިނގިރޭސި، ސަފީރު ޖޭމްސް ޑޯރިސް ޒިޔާރަތް ކޮށް އެ ސިޓީގެ އެކި ފަރާތްތަކާ ބައްދަލު ކުރައްވައި އެކި ކަންކަމުގައި މަޝްވަރާ ކުރައްވައިފި އެވެ.

ޖޭމްސް ދެކުނުގެ އަތޮޅުތަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މިއަދު އައްޑޫ އަށް ވަޑައިގެން ވަނީ އެ ސިޓީގެ ކައުންސިލަރުންނާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމާ ގުޅޭ ގޮތުން ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވަކި އަތޮޅެއްގެ ގޮތުގައި އައްޑޫ އޮތުމުން ކުރިމަތިވާ އުންދަގޫތަކާއި މެދު ކައުންސިލަރުންނާ އެކު ބިނާ ކުރަނިވި މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ.

ޖޭމްސް ދެން ބައްދަލު ކުރެއްވީ، އައްޑޫގެ އަންހެނުން ކުރިއެރުވާ ކޮމިޓީތަކާ އެވެ. އެ ބައްދަލުކުރައްވުމުގައި އަންހެނުންގެ ކޮމިޓީތަކަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތައް އޮޅުން ފިލުއްވި ކަމަށް ޖޭމްސް ވިދާޅުވި އެވެ. ޖޭމްސް ވިދާޅުވި ގޮތުގައި އަންހެނުންގެ ކުރިއެރުމަށް ކުރިމަތިވެފައި ހުރި ހުރަސްތަކަކީ ތައުލީމާއި ޑްރަގްގެ މައްސަލަތައް އަދި ވަޒީފާގެ ފުރުސަތުތަކެވެ.

އޭނާ ވަނީ އައްޑޫ ހައިސްކޫލުގެ ދަރިވަރުންނާ ވެސް މިއަދު ބައްދަލު ކުރައްވައިފަ އެވެ. ޒުވާނުންނާ ބައްދަލުކޮށް އެމީހުންގެ ވާހަކަތައް އަޑުއެހުމަކީ މުހިންމު ކަމެއްކަން ފާހަގަ ކުރަމުން ޖޭމްސް ވިދާޅުވީ، އެ ކުދިންގެ ކުރިމަގަށް ކުރާ އުންމީދުތަކާއި ހުރި ކަންބޮޑުވުންތައް ހިއްސާކުރެއްވި ކަމަށެވެ.

ޖޭމްސް ވަނީ އައްޑު އަތޮޅު ގަމުގައި ހުންނަ އިނގިރޭސި ސިފައިންގެ ގަބުރުސްތާނަކަށް ޒިޔާރަތްކޮށް އިހުތިރާމް އަދާ ކުރުމުގެ ގޮތުން އެތަނުގައި މާބޮޑިއެއް ބާއްވައި އިހުތިރާމް އަދާ ކުރައްވައިފަ އެވެ.