ބޯހިމެނުން

ބޯހިމެނުމާ ގުޅޭ ހަރަކާތެއް މާލެ ސަރަހައްދުގައި

Nov 30, 2021

އަންނަ އަހަރު މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގެ ޕްރޮގްރާމަށް ތައްޔާރުވުމުގެ ގޮތުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން މާލެ ސަރަހައްދުގައި މިއަދު ހާއްސަ ހަރަކާތެއް ފަށައިފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އެމްބީއެސްގެ ޗީފް ސްޓެޓިސްޓީޝަން އައިޝަތު ހަސަން ވިދާޅުވީ މާލެ ސަރަހައްދުގައި މިއަދު ކުރިއަށްދަނީ ބޯހިމެނުމުގެ ޕްރޮގްރާމަށް ތައްޔާރުވުމުގެ ގޮތުން އެ ޕްރޮގްރާމްގައި ބޭނުންކުރަން އެކުލަވާލާފައިވާ ސުވާލުތައް ޓެސްޓުކޮށް މައުލޫމާތު ނެގޭ މިންވަރު ދެނެގަތުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

މި ހަރަކާތް ކުރިއަށް ގެންދަނީ މާލޭގެ ހަތަރު ސަރަހައްދެއްގައި އާއި، ވިލިމާލެ އަދި ހުޅުމާލޭގައި ކޮންމެ އަވަށަކަށް ދެ ސަރަހައްދެއްގަ އެވެ. މާލޭގައި ހަރަކާތް ކުރިއަށްދަނީ ގަލޮޅު މާލޭ މުނިސިޕަލް ބްލޮކް 150އާއި، މައްޗަންގޯޅި މާލޭ މުނިސިޕަލް ބްލޮކް 177އާއި 174ގެ އިތުރުން 227 ގައެވެ. މި ހަރަކާތުގައި އެމްބީއެސްގެ 16 މުވައްޒަފުން ހަރަކާތްތެރިވެ އެވެ.

އައިޝަތު ވިދާޅުވީ މާލޭގައި މިވަގުތު ކުރިއަށްދާ ހަރަކާތް އަންނަ އަހަރުގެ ޖެނުއަރީގެ ތެރޭގައި އަތޮޅު ތެރޭގެ ކަނޑައެޅޭ ވަކި ރަށްތަކެއްގައި ވެސް ކުރިއަށް ގެންދާނެ ކަމަށެވެ. މިހާރު ކުރިއަށްދާ ހަރަކާތަށާއި ބޯހިމެނުމާ ގުޅުންހުރި ހުރިހާ ކަމަކަށްވެސް އާންމުން އެއްބާރުލުން ދިނުމަށް ވެސް އިލްތިމާސް ކުރެއްވި އެވެ.

"މިހާރު ކުރިއަށްދާ ހަރަކާތުގައި އަޅުގަނޑުމެންގެ މުވައްޒަފުން ތަންތަނަށް ގޮސް ސުވާލުކުރީމާ އެނގޭ އިތުރު ސުވާލު ނުވަތަ އިތުރު ކުރަންވީ ބައިތައް. އަދި މިހާރު ގެންގުޅޭ ސުވާލު ކަރުދާހުގައި ބޭނުން ނޫން އެއްޗެއް އޮތަސް އެނގޭނެ. އެހެންވެ ބޯހިމެނުމުގެ ރަސްމީ މަސައްކަތް ފެށުމުގެ ކުރިއަށް ސުވާލުތައް ޓެސްޓްކުރުން ކުރިއަށް މިދަނީ. އަދި ބައެއް ސަރަހައްދުތަކުން މައުލޫމާތު އެއްކުރުމުގެ މަސަައްކަތް ކުރަމުންދަނީ،" އައިޝަތު ވިދާޅުވި އެވެ.

ބޯހިމެނުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ވެސް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވަނީ ނެރެފަ އެވެ. އެގޮތުން ބޯހިމެނުން ކުރިއަށް ގެންދާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު 17 އިން 30 އަށެވެ. ބޯހިމެނުމުގެ ވަގުތީ ނަތީޖާ 6 އޮކްޓޯބަރު 2022 ގައި އިއުލާން ކުރާނެ އެވެ. ދާއިމީ ނަތީޖާ އެ މަހުގެ 20 ވަނަ ދުވަހު އިއުލާން ކުރާނެ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާއެކު ބޯހިމެނުން މެދުކެނޑުމަށްފަހު ރާއްޖޭގައި އެންމެ ފަހުން ބޯހިމެނީ 2014 ވަނަ އަހަރު އެވެ. އެ އަހަރު މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުގައި އޭރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 402،071 އެވެ. މިހާރު ރާއްޖޭގެ އާބާދީ ސީދާ އަދަދު މުޅީން ސާފު ނުވާއިރު ބިދޭސީންގެ އަދަދުވެސް ސާފެއް ނުވެ އެވެ.