ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

ރާއްޖޭން ބޭރުގައި އުޅޭ ދިވެހިންގެ މައުލޫމާތު އެއްކުރަނީ

ބޯހިމެނުމަށްޓަކައި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ފަށައިފި އެވެ.

އެ އިދާރާ އިން އިއްޔެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ "ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ސާވޭ 2022"ގެ ނަމުގައި ސާވޭއެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. މިއީ ދިވެހިން ރާއްޖޭން ބޭރަށް ހިޖުރަކުރާ މިންވަރާއި، މައިގަނޑު ސަބަބުތައް ދެނެގަނެ ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި އާބާދީގެ ސައްހަ އަދަދު ދެނެގަނެ އެ އާބާދީގެ ތަފާސްހިސާބު އެކުލަވާލުމުގެ ގޮތުން ކުރާ ސާވޭއެއް ކަމަށް ބުނެފައިވެ އެވެ.

މި ސާވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް އޮންލައިން ސުވާލު ކަރުދާހެއް މެދުވެރިކޮށެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ހުރިހާ ރައްޔިތުން ވެސް ބިއުރޯގެ ވެބްސައިޓްގައިވާ ފޯމު މެދުވެރިކޮށް ވީ އެންމެ އަވަހަކަށް މައުލޫމާތުތައް ފުރިހަމަ ކޮށްދިނުމަށް އެ އިދާރާއިން ވަނީ އެދިފަ އެވެ.

މި ސާވޭ މެދުވެރިކޮށް ލިބޭ މައުލޫމާތަކީ ދިވެހިރާއްޖޭގެ ޖުމުލަ އާބާދީގެ އަންދާޒާކޮށް އެކުލަވާލުމުގައި ބޭނުންކުރެވޭނެ މައުލޫމާތުތަކެއް ކަމަށާއި މައުލޫމާތުގެ ސިއްރު ހިފަހައްޓާނެ ކަމަށް އެ ބިއުރޯއިން ވަނީ ބުނެފަ އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިއަހަރުގެ ސެޕްޓެމްބަރު މަހު ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާ ރިޕޯޓްގައިވާ ގޮތުން ރާއްޖޭގައި ދިރިއުޅެނީ 452،495 މީހުން ނެވެ. މީގެ ތެރެއިން 355،331 މީހުންނަކީ ދިވެހިން ނެވެ. ބިދޭސީންގެ އާބާދީއަކީ 97،164 މީހުން ނެވެ.