ބޯހިމެނުން

ބޯހިމެނުމުގެ މައުލޫމާތުތަކެއް މިމަހު އާންމުކުރަނީ

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާގެ ބައެއް މައުލޫމާތު މިމަހުގެ 30 ވަނަ ދުވަހު އާންމުކުރުމަށް ނިންމައިފި އެވެ.

އެމްބީއެސް އިން ބުނި ގޮތުގައި މިމަހުގެ 30 ވަނަ ދުވަހު އާންމުކުރާނީ އަސާސީ މައުލޫމާތުތަކެވެ.

އެގޮތުން ދިވެހިންނާއި ބިދޭސީންގެ އާބާދީގެ އަދަދު، ޖިންސާއި އުމުރު ފުރާއިން އިދާރީ ރަށްރަށުގެ ފެންވަރުގައި ހާމަކުރާނެ އެވެ. އޭގެ އިތުރުން އިދާރީ ރަށްރަށުގެ ފެންވަރުގައި ގޭބިސީގެ އަދަދާއި އެވްރެޖްކޮށް ގޭބިސީއެއްގައި އުޅޭ މީހުންގެ އަދަދު ހާމަކުރާނެ އެވެ.

މީހުން ނިދާ ދިރިއުޅޭ ގެ އާއި ފްލެޓާއި އެޕާޓްމަންޓާއި ލޭބަ ކުއާޓާ އާއި މަސައްކަތް ހިންގާ ތަންތަނުގެ އަދަދުވެސް ހާމަކުރާނެ ކަމަށް އެމްބީއެސް އިން ވަނީ ބުނެފަ އެވެ.

ބޯހިމެނުމުގެ ޑޭޓާގެ ކޯޑްކުރުމުގެ މަސައްކަތާއި އެކި ދާއިރާތަކުން ނެގިފައިވާ ތަފުސީލު މައުލޫމާތު ވެލިޑޭޓުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް އެމްބީއެސް އިން ވަނީ ބުނެފަ އެވެ.

އެމްބީއެސް އިން ބުނި ގޮތުގައި އެ ބިއުރޯގެ އަމާޒަކީ ބޯހިމެނުމުގެ ތަފާސްހިސާބު ވީހާވެސް ފުޅާ ދާއިރާއެއްގައި ހާމަކުރެވި އަދި ތަފާސްހިސާބުގެ އަލީގައި ކަންކަން ނިންމަން އެހީވުމެވެ.

އެންމެފަހުގެ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުން ރާއްޖޭގައި ދިރިއުޅޭ 452،495 މީހުންގެ ތެރެއިން 355،331 މީހުންނަކީ ދިވެހިންނެވެ. ބިދޭސީންގެ އާބާދީއަކީ 97،164 މީހުންނެވެ.

ރާއްޖޭގައި މީގެކުރިން 2014 ވަނަ އަހަރު ބޭއްވި ބޯހިމެނުމުގެ ނަތީޖާގައިވާ ގޮތުން އޭރު ރާއްޖޭގައި ދިރިއުޅޭ އާބާދީ އަކީ 402،071 މީހުންނެވެ. އޭރު ދިވެހިންގެ އާބާދީއަކީ 338،434 މީހުންނެވެ. ބިދޭސީންގެ އޭރުގެ އާބާދީ އަކީ 63،637 މީހުންނެވެ.