ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ ލީޑާޝިޕާ ބައްދަލުކުރައްވާ ގޮތަށް ނިންމަވައިފި އެވެ.
މިއީ އެމަނިކުފާނު ޖަލުން މިނިވަންވަޑައިގަތުމަށް ފަހު ޕާޓީގެ ލީޑަޝިޕާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ. އެ ބައްދަލުވުން ތާވަލުކޮށްފައި ވަނީ މިރޭ 8:30 އަށެވެ.
ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ އާއި ގުޅިގެން ދަށުކޯޓުން އިއްވި ފަސް އަހަރުގެ ޖަލުހުކުމް ހުކުމް ބާތިލްކޮށް ސުޕްރީމް ކޯޓުން އެމަނިކުފާނު މިނިވަންކުރީ މިއަދު އެވެ.
ރައީސް ޔާމީން ޖަލަށްލި ފަހުން އެމަނިކުފާނު ގޭބަންދަށް ބަަދަލުކުރެއްވި ނަމަަވެސް ސިޔާސީ މަސައްކަތްތަކުގައި އުޅުއްވުން އޮތީ މަނާކޮށްފަ އެވެ.
އަވަސްއަށް އެނގިފައިވާ ގޮތުގައި މިރޭ ރައީސް ޔާމީން ބައްދަލުކުރައްވާ ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް/ޕީއެންސީ ތަމްސީލުކުރައްވާ ބައެއް މެމްބަރުންނާއި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ފަދަ ބޭފުޅުން ހިމެނެ އެވެ.
ވޮޑަމުލާގެ މައްސަލައިގައި ރައީސް ޔާމީން ޖަލަށް ލާން ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގައެވެ. ނަމަވެސް މިއަދު ވަނީ އެ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފަ އެވެ. އެ ހުކުމުން ރައީސް ޔާމީން މިއަދު ސަލާމަތް ވެފައި ވަނީ މި މައްސަލައިގައި ހިމެނޭ އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާކަމާ މެދު ޝައްކު އުފެދި އަދި މުހިންމު ހެކިންތަކެއްގެ ހެކިބަސް ގޯސްކޮށް ނަގައިފައިވުމުންނެވެ. އެ ފައިސާ އަކީ ހަގީގަތް ނޭނގޭ ފައިސާއެއް ކަމަށް ހުކުމްގައި ވަނީ ކަނޑައަޅައިފަ އެވެ.
ރައީސް ޔާމީންނަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލު ކުރި ނަމަވެސް ދައުލަތުން ވަނީ މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާއެއް ކޮށްފަ އެވެ. އެއީ ވ. އާރަށާއި ރ. ފުއްގިރީގައި ޓޫރިޒަމް ތަރައްގީކުރަން ދޫކޮށްގެން ލިބުނު ފައިސާ ލޯންޑާ ކޮށްފައިވާ މައްސަލައިގަ އެވެ.