ޑރ. މުހައްމަދު ޖަމީލް އަހުމަދު

"ބަދަލެއް ބޭނުމެއް ނޫން، ހުންނާނީ ހިދުމަތުގައި"

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގަނޫނީ ވަކީލެއްގެ ހައިސިއްޔަތުން ބުރަ މަސައްކަތްތަކެއް ކުރައްވަމުން އައި ނަމަވެސް ބަދަލުގައި އެއްވެސް ކަމެއް ބޭނުންފުޅުވެވަޑައިނުގަންނަވާ ކަމަށް ކުރީގެ ނާއިބު ރައީސް އަދި ރައީސް ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލްކޮށް މިނިވަން ކުރަން ހުކުމް ކުރުމާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަމީލް ވިދާޅުވީ މިއީ މިހާތަނަށް ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކުރި އެންމެ ބުރަ މަސައްކަތް ކަމަށެވެ.

ޖަމީލް ވިދާޅުވީ މި މަސައްކަތް ކޮށްދެއްވަނީ ރައީސް ޔާމީނަކީ ފެށުނީއްސުރެ މައުސޫމް ބޭފުޅެއްކަން އެނގިވަޑައިގަންނަވާތީ ކަމަށެވެ. މީގެ ކުރިން ރައީސް ޔާމީނާއި ދެކޮޅުވި ނަމަވެސް، މި ސަރުކާރު އައިފަހުން ހިތްހަމަނުޖެހޭ ވަރަށް ގިނަ ކަންކަން ފެނުމާއެކު ކެރިގެން ބަސް ބުނެފައިވާނެ ކަމަށް ވިދާޅުވި އެވެ. އަދި އަދިވެސް މަސައްކަތް ކުރައްވާނީ އެފަދައިން ކަމަށް ވިދާޅުވި އެވެ.

ޖަލު ހުކުމުން ބަރީއަވުމާއެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަކުރެއްވޭނެ އެވެ. ރަނިންމޭޓްކަން ލިބެއްޖެނަމަ ގަބޫލުކުރައްވާނަންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ޖަމީލް ވިދާޅުވެފައި ވަނީ އެފަދަ ކަމަކާމެދި އަދި ނުވިސްނަވާ ކަމަށެވެ. ސިޔާސީ ގޮތުން ހަރަކާތްތެރިވި ނަމަވެސް މިހާރު މަސައްކަތްކުރައްވަމުން އަންނަނީ އަމިއްލަ ޕްރޮފެޝަންގެ ތެރޭގައި އަމިއްލަ ދިރިއުޅުމަށްޓަކައި ކަމަށެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލެއްގެ އިތުރުން އެހެން މައްސަލަތަކުގައި ވެސް ވަކީލެއްގެ ހައިސިއްޔަކުން ވަކާލާތު ކުރައްވަމުން އަންނަކަން ވެސް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑަށް އޮތް އެއްޗެއްގެ ބަދަލުގަ ވަކި އެއްޗެއް ބޭނުންވެގެން ކުރި މަސައްކަތެއް ނޫން މީ. ހަމަ ސާފުކޮށް މިދެންނެވީ. ދެން އަޅުގަނޑަށް ދީފިއްޔާ ޝިޔާޒަށް ދެވޭނީ ކޯންޗެއް ހެއްޔޭ، ޝަމީމަށް ދެވޭނީ ކޯންޗެއްހޭ. އަދި އާސިފަށް ދޭނެ އެއްޗެއް ވެސް އޮންނާނެ ދެއްތޯ؟ މުޅި ޓީމަކުން މިކުރީ. އެހެންވީފަ އެފަދަ ކަމެއް ނެތް،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވެފައި ވަނީ 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް އައުމުގައި އެމަނިކުފާނުގެ މަސައްކަތްތަކެއް ވެސް ފެންނަން އޮތުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ. އޭރު ވެސް އަދި މި މައްސަލައިގެ ތެރެއިން ރައީސް ޔާމީނާއެކު މަސައްކަތް ކުރައްވަން ލިބިވަޑައިގަތުމަކީ ވެސް ލިބިވަޑައިގަތް އުފަލަކާއި ހިތްހަމަޖެހުމެއް ކަމަށެވެ.

މީގެ އިތުރުން، ރައީސް ޔާމީންއަށް ގޮންޖެހުންތަކާއި ތަކުލީފުތައް ކުރިމަތިވީ މި ސަރުކާރުގެ ޒާތީ ކަމެއްގެ ސަބަބުންކަން ފާހަގަކުރައްވައި ޖަމީލް ވިދާޅުވެފައި ވަނީ މި މަސައްކަތް ކުރެވުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ އެކު ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ އާއިލާ އާއި އަދި އިދިކޮޅު ކޯލިޝަނުން ކުރި އިތުބާރާއި ދިން ހިތްވަރު ވަރަށް ބޮޑަށް ފާހަގަކުރެއްވި އެވެ.

ޒާތީ ސަބަބުތަކަކާ ގުޅިގެން މި ސަރުކާރުން އިސްވެ ތިބެ ގާނޫނާ ހިލާފަށް ތަހުގީގު ހިންގައި ކޯޓަށް ނުފޫޒު ފޯރުވައިގެން ހުކުމް އިއްވުމުން ވެސް ކާމިޔާބު ލިބުނީ އެބޭފުޅުންނަށްކަން ޖަމީލް ފާހަގަކުރެއްވި އެވެ. އަދި ރައީސް ޔާމީންގެ ހިދުމަތުގައި އެފަދައިން ހުންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިވަގުތު ކުރިމަގާ ގުޅޭ ގޮތުން އެއްޗެއް ދަންނަވަން ނޭންގުނު ނަމަވެސް ކުރިއަށް އޮތްތަނުގައި މި ސަރުކާރުން ރައީސް ޔާމީނަށް އެތައް ތުރާއެއް ކުރާނެތީ އެކަންކަމުގައި މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޖަމީލް ވަނީ ވިދާޅުވެފަ އެވެ. މި ދައުވާއިން ސަލާމަތްވި ނަމަވެސް އިތުރު މަސައްކަތްތައް އެބަ ހުރި ކަމަށެވެ.

ރައީސް ޔާމީންނަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލު ކުރި ނަމަވެސް ދައުލަތުން ވަނީ އިތުރު ދެ ދައުވާއެއް ކޮށްފަ އެވެ. އެއީ ވ. އާރަށާއި ރ. ފުއްގިރީގައި ޓޫރިޒަމް ތަރައްގީކުރަން ދޫކޮށްގެން ލިބުނު ފައިސާ ލޯންޑާ ކޮށްފައިވާ މައްސަލައިގަ އެވެ.