ރައީސް އަބްދުﷲ ޔާމީން

ޔާމީން ފުރުން މަނާކޮށް އަމުރެއް ނެރެފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުރުން މަނާކޮށް އަމުރެއް ނެރެފި އެވެ.

ފުލުހުން ދެންމެ ބުނީ ޝަރީއަތުގައި ހުރި މައްސަލަތަކަކާއި ގުޅިގެން ރައީސް ޔާމީން ފުރުން މަނާކުރުމުގެ އަމުރެއް ނެރެދިނުމަށް އެދުމުން ކޯޓުން އެ އަމުރު ނެރެފައިވާ ކަމަށެވެ. އަމުރު ނެރެދިނުމަށް އެދުނީ ފުލުހުންނެވެ.

ފުލުހުން އެދުނު ގޮތަށް އެ އަމުރު ދެންމެ ނެރެދީފައިވާ ކަމަށްވެސް ބުންޏެވެ. އަމުރު ނެރެފައިވަނީ ހަތް ދުވަހުގެ މުއްދަތަކަށެވެ.

ރައީސް ޔާމީން ފުރުން މަނާކުރުމުގެ އަމުރަކަށް ފުލުހުން ކްރިމިނަލް ކޯޓުގައި އެދުނީ ގއ. ވޮޑަމުލާ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކުރުމާ ގުޅިގެންނެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ފުރަތަމަ ދައުވާ އިން އެމަނިކުފާނު ސަލާމަތްވެ ވަޑައިގެންނެވި ނަމަވެސް އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ ދެ ދައުވާ އެއް މިހާރުވެސް ވަނީ އުފުލާފަ އެވެ. އެއީ ރ. ފުއްގިރި އާއި ވ. އާރަށު މައްސަލާގައި އުފުލާފައިވާ ދެ ދައުވާ އެވެ.