ޝަރީއަތް ނިމެންދެން ޖަލަށްލާފައިވާ މީހުން ޕީޕީއެމްގެ ސަރުކާރެއްގެ ފުރަތަމަ 10 ދުވަސް ތެރޭގައި އިރާދަކުރެއްވިއްޔާ މިނިވަން ކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ހއ. އިހަވަންދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުގައި -- ވާނުވާގައި-- ހަތް އަހަރުވެފައި ތިބި މީހުން އެބަ ތިބި ކަމަށާއި އެމީހުންގެ ޝަރީއަތް ނިމެން ނޫޅޭ ކަމަށެވެ.
ފަނޑިޔާރުންގެ ކަންކަން ރެގިއުލޭޓް ކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ މުއްދަތު ޖަހަން ޖެހޭނީ ބޮޑެތި މުޖުރިމުން ކަމަށް ތުހުމަތު ކުރެވޭ ކަންކަމުގައި ކަމަށެވެ.
"މިސާލަކަށް ބޮޑެތި ޓެރަރިޒަމްގެ އަމަލު ހިންގާ މީހުން، ބޮޑެތި މާރާމާރީގައި މީހުންގެ ގުނަވަންތައް ބުރިކޮށްލުން ނޫނީ މީހާގެ ޖިސްމަށް ބޮޑެތި ގެއްލުންދޭ މީހުން މި ފަރާތްތައް ދޫކޮށްލާފައި މުޖުތަމައުގައި ތިބުން އެއީ ނުރައްކާތެރި ފަރާތެއް ކަމަށްވަންޏާ އެމީހުން ބަންދުކުރަން މުއްދަތު ޖަހާ. އެހެން މީހުންނަކީ ބަންދުކުރަން މުއްދަތު ޖެހޭނެ ބައެއް ނޫން. އަޅުގަނޑުމެން މިކަން ގާނޫނުން ކަށަވަރު ކުރާނަން" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ހަރަކާތުގައި ސަރުކާރާއި ދެކޮޅަށް އަޑުއުފުލަން ނިކުންނަނީ ސަރުކާރުން ވިޔާނުދާ ކަންތައްތަކެއް ކުރާތީ ކަމަށެވެ. ހައްގުތައް ހޯދަން ނިކުންނަ ޕާޓީގެ ސިޔާސީ މީހުން ހައްޔަރުކޮށް މުއްދަތު ޖަހާ ކަމަށާއި އެފަދަ ފަރާތްތަކަށް މުއްދަތު ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ކުދި ކުށްތަކާޢި ކުދި ތުހުމަތުތަކުގައި މީހުން އަބަދު ޖަލުގައި ގެންގުޅެންވީ ކީއްކުރަންތޯ ޔާމީން ވަނީ ސުވާލު ކުރައްވާފަ އެވެ.
"މިއީ އިންސާފުތޯ؟ ކޮން ކަމަކާތޯ އޭނާ ޝަރީއަތް ނިމެންދެން ޖަލަށްލާން ޖެހެނީ؟ ފުލުހުން ތިވަރުގެ އިންޓެލިޖެންސް ރިޕޯޓް ތައްޔާރުކުރާ ބަޔަކު އިންޓެލިޖެންސް ހުރިއްޔާ އޭނަގެ މައްޗަށް ތުހުމަތެއްކޮށްފަ ފަނޑިޔާރުގެއަށް މައްސަލަ ވައްދަންވީނުންތޯ؟ ކީއްކުރަންތޯ އޭނަގެ މައްސަލަ ނިމެންދެން އޭނަ ޖަލުގައި ބަހައްޓަންވީ؟ މީހާ ޖަލުގައި ބަހައްޓައިގެންތޯ ތަހުގީގު ފުރިހަމަ ކުރަންޖެހެނީ؟" ރައީސް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެއްފަހަރު ބަންދުގެ މުއްދަތު ޖެހުމަށްފަހު ދެވަނަ ފަހަރު ބަންދުގެ މުއްދަތު ޖަހަން ދިއުމުގެ ބަދަލުގައި ދައުވާ ކުރަން ޖެހޭނެ ކަމަށެވެ.