ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ގެކޮޅު، ހ. ދޫވެއްސާއި އިދިކޮޅު ޕީޕީއެމްގެ އޮފީހަށް ސްޕްރޭކޮށް ގެއްލުން ދިން މައްސަލައިގައި ހައްޔަރުކުރި މީހާ ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ. ފުލުހުންގެ ބަންދުން އެ މީހާ ދޫކޮށްލީ ކޯޓުން އެ ގޮތަށް އަމުރު ކުރުމުންނެވެ.
ޔާމީންގެ ގެކޮޅާއި އަދި ޕީޕީއެމް އޮފީހަށް ސްޕްރޭކޮށް ގެއްލުންދިން މައްސަލައިފައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އުމުރުން 20 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އޭނާގެ ބަންދަށް ކޯޓުން ފުރަތަމަ ދިނީ ފަސް ދުވަހެވެ.
ފުލުހުން ދެންމެ ބުނީ އެ މީހާގެ ބަންދަން ދިން މުއްދަތު ހަމަވުމުން އިތުރަށް ބަންދުގައި ބެހެެއްޓުމަށް މުއްދަތު މަޖިލީހަށް ހާޒިރުކުރުމުން ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. އެ މީހާ ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހު ކަމަށްވެސް ބުންޏެވެ.
އެ މީހާ ފުލުހުންގެ ބަންދުން ވީއްލުނު ނަމަވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ރައީސް ޔާމީންގެ ގެކޮޅު ދޫވެހި ރަސްމީ ދޮރާއްޓާއި ގަރާޖު ގޭޓުގައި ޔާމީންގެ ފޮޓޯއާއެކު ސްޕްރޭކޮށްފައިވާ ލިޔުމުގައި ބުނަނީ ޔާމީން ހައްޔަރުކުރުމަށެވެ. އަދި ޕީޕީއެމް އޮފީހާއި އެ އޮފީސް ދޮރުމަތީ ހަރުކޮށްފައި ހުރި ޕޯސްޓަރުގައި ވެސް އެހެން ލިޔެފައިވެ އެވެ.