ލައިފްސްޓައިލް

އެތައް ހާސް ފަގީރުންގެ "ލަންގަރް ބާބާ" މަރުވެއްޖެ

އިންޑިޔާގެ އެތައް ހާސް ފަގީރުންނަކަށް ކޮންމެ ދުވަހަކު ތާޒާ، ހޫނު ކެއުން ކާންދިން މަހުޖަނަކު މަރުވެއްޖެ އެވެ. ޗަންދީގަޅްގައި ހުންނަ ޕޯސްޓްގްރެޖުއޭޓް އިންސްޓިޓީއުޓް އޮފް މެޑިކަލް އެޑިއުކޭޝަން އެންޑް ރިސާޗްގެ ބޭރުގައި މި މީހާ ކޮންމެ ދުވަހަކު ވެސް ކެއްކުމުގެ މަސައްކަތް ކުރަމުން އެތަނަށް އަންނަ ހުރިހާ ފަގީރުންނަށް އޭނާގެ އަމިއްލަ ޚަރަދުގައި ކާން ދެމުން ގެންދާތާ ވަރަށް ގިނަ ދުވަސް ތަކެއް ވެއްޖެ އެވެ. އުމުރުން 86 އަހަރުގެ މި މީހާ މަރުވީ މިދިޔަ ހޯމަ ދުވަހު އެވެ.

ޖަގްދީޝް ލާލް އަހޫޖާ ނަމަކަށް ކިޔާ މި މީހާ، އެ ހިސާބުގަނޑުގެ މީހުންގެ މެދުގައި މަޝްހޫރުވެފައި ވަނީ "ލަންގަރް ބާބާ" ގެ ނަމުންނެވެ. ލަންގަރް އަކީ ކައްކަން ބޭނުންކުރާ ފާޑެއްގެ އުނދުނެކެވެ. ޗަންދީގަޅްގެ މަގެއްގައި އުނދުން ބަހައްޓައިގެން މިމީހާ އަމިއްލައަށް ކައްކައިގެން ފަގީރުންނަށް ކާން ދޭން ފަށާފައި ވަނީ 1981 ވަނަ އަހަރު އެވެ.

ސާޅީހަށް ވުރެ ގިނަ އަހަރު އަމިއްލަ ޚަރަދުގައި އަމިއްލަ އަތުން ކައްކައިގެން އެތައް ހާސް މިހުންނަކަށް ކޮންމެ ދުވަހަކު ކާން ދިނުމުގެ މަސައްކަތް ކުރުމުގެ ސަބަބުން، އިންޑިޔާ ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ޕަދްމާ ޝްރީ އެވޯޑު މިދިޔަ އަހަރު ޖަގްދީޝް އަށް ދީފައި ވެއެވެ.

މެންދުރުން ފެށިގެން ރޭގަނޑު ވަރަށް ލަސް ވަންދެން ޖަގްދީޝްގެ ތާޒާ ވެޖެޓޭރިއަން ކާނާ ލިބެން ހުރެ އެވެ. ކޮންމެ މީހަކު ވެސް އައިސް ކާލައިގެން ދާންވީ އެވެ. އެއްވެސް އުޖޫރައެއް އޭނާ އެއްވެސް މީހެއްގެ އަތަކުން ނުނަގަ އެވެ.

އެވްރެޖްކޮށް ދުވާލަކު ޖަގްދީޝް 2000 ނުވަތަ 2500 މީހުންނަށް ކާން ދެ އެވެ. އަދި ޚާއްސަ މުނާސަބަތުތަކުގައި އޭނާ ދުވާލަކު 4000 މީހުންނަށް ވެސް ކާން ދެއެވެ.

ކޮވިޑް-19 ޕެންޑެމިކް ތެރޭގައި ވެސް ޖަގްދީޝް އޭނާގެ މަސައްކަތަށް ހުއްޓުމެއް ނުގެނެ އެވެ. އޭނާ ކައްކާ އެއްޗެތި ކާން އައިސް ތިބޭ މީހުންގެ ދިގު ކިޔޫ ނޯންނަ އިރެއް ނުދެ އެވެ.

ޖަގްދީޝް އަކީ ކެންސަރު ބަލި ޖެހިފައިވާ މީހެކެވެ. ނަމަވެސް ބަލި ހާލުގައި ވެސް އޭނާ މީހުންނަށް ކާން ދިނުމުގެ މަސައްކަތުގައި ދެމި ހުއްޓެވެ. އަދި އޭނާގެ މުދަލުން ބޮޑު ބައެއް ފަގީރުންނަށް ކާން ދީދީ ހުސްވިއިރު ވެސް އޭނާގެ އެއްވެސް ޝަކުވާއެއް ނެތެވެ. އެގޮތުން 2015 ގައި ޖަގްދީޝް ވަނީ އޭނާގެ ގެތަކާއި ބިންތަކުގެ ތެރެއިން ހަތް ވަނަ ތަން 1.5 ކްރޯޑު ރުޕީސް އަށް ވިއްކާލާފަ އެވެ. އެއީ އޭނާ ކައިރިއަށް ކާން އަންނަ މީހުންގެ ކެއުން އިންތިޒާމް ކުރުމަށެވެ.

ޖަގްދީޝްގެ އުމުރުން 12 އަހަރުގައި އޭނާ ޕާކިސްތާނުގެ ޕިޝާވަރުން އިންޑިޔާއަށް ހިޖްރަކުރި އެވެ. އެއީ އިންޑިޔާ އާއި ޕާކިސްތާނު ވަކި ދެ ގައުމުގެ ގޮތުގައި ހަމަޖެހުނު އަހަރު ކަމަށްވާ 1947 ގައެވެ. އެންމެ ކުރިން އޭނާ ދިރިއުޅުނީ އަމްރިތުސަރް އާއި ޕިޝާވަރުގެ ރެފިއުޖީ ކޭމްޕް ތަކުގަ އެވެ.

ޗަންދީގަރް އަށް ދިރިއުޅުން ބަދަލުކޮށް މޭވާ ވިއްކައިގެން އާމްދަނީ ހޯދަން ޖަގްދީޝް ފެށީ އުމުރުން 21 އަހަރުގަ އެވެ. އޭނާގެ ދޮންކެޔޮ ވިޔަފާރި ކުރިއަރައިގެން ދިޔަ ވަރުން "ބަނާނާ ކިންގް" ގެ ނަމުގައި އޭނާ މަޝްހޫރުވި އެވެ.

ފަގީރުންނަށް ކާން ދިނުމުގެ ކަންތައް ފެށުނުގޮތް ކިޔައިދެމުން ޖަގްދީޝް ވަރަށް ކުރިން ދީފައިވާ އިންޓަވިއު އެއްގައި ބުނީ އެންމެ ފުރަތަމަ ލަންގަރް (އުނދުން ބަހައްޓައިގެން ކައްކައިގެން ކާން ދިނުން) ފެށީ އޭނާގެ ފިރިހެން ދަރިފުޅުގެ އަށް ވަނަ އުފަން ދުވަހު އެވެ. އެ ދުވަހު ކާން ދިނީ ދަރިފުޅުގެ އެކުވެރި ކުދިން ކޮޅަކަށެވެ.

"އެ ދުވަހު އަހަންނަށް ކުދިންގެ މޫނުން އުފާވެރިކަން ފެނި އަހަރެން ކުޑައިރު އުޅުނު ހާލު ހަނދާންވި،" ޖަގްދީޝް ބުނެފައި ވެއެވެ.

އޭގެ ފަހުން ކޮންމެ ދުވަހަކުވެސް އެ މަސައްކަތްކުރަން ޖަގްދީޝް ނިންމައި މަސައްކަތް ފެށީ އެވެ.

މެންދުރު ގަޑީގައި އޭނާ ކާން ދިނުމުގެ މަސައްކަތް ފަށާނެ ގަޑިއަށް ގިނަ ބަޔަކު އިންތިޒާރު ކުރެ އެވެ. ހޮސްޕިޓަލުތަކުގައި ތިބޭ ބަލި މީހުންނާއި އެމީހުންގެ އެހީތެރިން ވެސް އެތަނަށް އައިސް ޖަގްދީޝް އަތުން ކާނާ ގެންދެ އެވެ. އާއްމުކޮށް ޖަގްދީޝް ތައްޔާރުކުރަނީ ބަތާއި މުގުރިހައާއި ހަލުވާ އެވެ. އަދި ކޮންމެ މީހަކަށް ވެސް ދޮންކެޔޮވަކެއް ދެއެވެ.

ކެންސަރު ބަލީގެ މީހުންނަށް ބިސްކޯދު ދެއެވެ. އަދި ކުޑަކުދިންނަށް މެޓަޔާއި ލޮލީޕޮޕް އަދި ފުއްޕާހަން ވެސް ބަހަ އެވެ.
ޖަގްދީޝް މަރުވުމުގެ ހިތާމައިގައި ތައުޒިޔާ ކިޔަމުން ޕަންޖާބުގެ ޗީފް މިނިސްޓަރު ވިދާޅުވި ގޮތުގައި ފަގީރުންނާއި ކާނާގެ އިތުރުން ހިލޭ ބޭސް ހޯދައިދިނުމުގައި ޖަގްދީޝް ކޮށްފައިވާ މަސައްކަތަކީ ލާމަސީލު މަސައްކަތެކެވެ.

ޖަގްދީޝް މަރުވި ދުވަހުވެސް އޭނާގެ އުނދުނުން ތައްޔާރުކުރި ކާނާ ފަގީރުންނަށް ދެމުން ގެންދިޔަ އެވެ. އެއީ އޭނާ މަރުވަމުން ކޮށްފައިވާ ވަސިއްޔަތަކަށް ވާތީ އެވެ.

އެ ދުވަހު ކާން ތިބި އެންމެންގެ ތުންފަތުގައި ވަނީ ޖަގްދީޝް އަށްޓަކައި ހެޔޮ ދުޢާ އެވެ. އެމީހުންގެ ލޮލުން ހޯސް ލާފައި ކަރުނަ ފައިބަމުން ދިޔަ އެވެ.

ޖަގްދީޝްގެ މި މަސައްކަތް ހުއްޓާނުލާ ކުރިޔަށް ގެންދެވޭނެ ގޮތެއް ވުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ ފަގީރުން އެންމެ އެދޭ ގޮތެވެ.