ޕީޕީއެމް

ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާއެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ގޮތަށް މާލޭގައި އަންނަ ހުކުރު ދުވަހުގެ ރޭ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމައިިފި އެވެ.

އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަންގެ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޖަލު ހުކުމުން ރައީސް ޔާމީން އިއްޔެ މިނިވަންވުމާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ސިޔާސީ ހަރަކާތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ދެ ގުނަ ކުރާނެ ކަމަށެވެ. އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ ޖަލްސާ އަކީ އިދިކޮޅު ހަރަކާތްތައް އަލުން އާ ހިތްވަރާއެކު ފެށުމަށް ބާއްވާ މުހިއްމު ޖަލްސާއެއް ކަމަށާއި އިދިކޮޅު ހަރަކާތްތަކުގެ މުހިއްމު މައުލޫމާތުތަކެއް އެ ޖަލްސާގައި އިއުލާން ކުރާނެ ކަމަށެވެ.

"ހާއްސަކޮށް ރައީސް ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް އޮތް ދުވަސްތަކުގައި ހިންގަވާނެ ހަރަކާތްތަކުގެ ވާހަކަ މިދަންނަވަނީ. އަތޮޅު ތެރެއަށް އިސްކަންދީގެން ހަރަކާތްތަކެއް ފަށާނަން. އެ ޖަލްސާ އަށް އަޅުގަނޑުމެން މިދަނީ ތައްޔާރުވަމުން،" ހުކުރު ދުވަހުގެ ޖަލްސާއަށް އިންތިޒާރު ކުރުމަށް އެދިވަޑައިގެން އަބްދުއްރަހީމް ވިދާޅުވި އެވެ.

ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައިވަނީ ހުކުރު ދުވަހުގެ ރޭ 8:30 ގައި ކާނިވާ ސަރަހައްދުގަ އެވެ. މިއީ ރައީސް ޔާމީން ޖަލު ހުކުމުން މިނިވަންވި ފަހުން ބާއްވާ މިފަދަ ފުރަތަމަ ޖަލްސާ އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން ކުރިއަށް އޮތް ދުވަސްތަކުގަައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ރާއްޖޭގައި އެކި ނަންނަމުގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ކަމަށެވެ. މިގައުމުގެ މިނިވަންކަމާއި އިސްތިގުލާލާއި މާތްވެގެންވާ އިސްލާމް ދީނުގެ ދިފާއުގައި މަސައްކަތް ކުރެއްވުމުގައި ރައީސް ޔާމީން އެންމެ ތަންކޮޅެއް ވެސް ފަސްޖެހިވަޑައިނުގަންނަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ޔާމީން ރާއްޖޭން ބޭރަށް ފުރުން މަނާކުރުމަށް ކޯޓު މެދުވެރިކޮށް ފުލުހުން ހޯދާފައިވާ އަމުރަށް ވެސް އަބްދުއްރަހީމް ފާޑު ވިދާޅުވި އެވެ. އެގޮތުން އެ އަމުރަކީ އޭގެ ޒާތުގައި ބޭނުން ހިފޭނެ އެއްޗެއް ނޫންކަން ފާހަގަކުރައްވާ އަބްދުރަހީމް ވިދާޅުވީ ރައީސް ޔާމީނަކީ ރާއްޖެ ދެކެ ވަރަށް ބޮޑަށް ލޯބިވާ ލީޑަރަކަށް ވާތީ އެމަނިކުފާނު މި ގައުމު ދޫކުރައްވާ ވަޑައިނުގަންނަވާނެ ކަމަށެވެ.

"ރައީސް ޔާމީން ޖަލުގައި އޮންނެވިއިރު މިއަނިޔާވެރި ސަރުކާރުން ކިތައް ފަހަރުތޯ ހުށަހެޅުއްވީ އެމަނިކުފާނު ރާއްޖޭން ބޭރަށް ވަޑައިގަތުމަށް. އެކަމަކު އުނަގަނޑުގައި ރިއްސާ ކަމަށް ހައްދަވައިގެން އަދި ރާއްޖޭން ބޭރުގައި އަރާމުގައި ހުންނެވުމަށް އިސްކަން ދެއްވައިގެން ރައީސް ޔާމީން ބޭރަށް ވަޑައިގެންނެވިތޯ؟ ދެން މިއަދު ޖަލުން މިނިވަންވެގެން އެމަނިކުފާނު ރާއްޖޭން ބޭރަށް ވަޑައިގެންފާނެ ކަމަށް މިސަރުކާރަށް ހީވުމަކީ މޮޔަ ވިސްނުމެއް. ރައީސް ޔާމީން ރާއްޖޭން ބޭރަކަށް ވަޑައެއް ނުގަންނަވާނެ. ދިވެހި ރައްޔިތުންގެ ހިދުމަތުގައި ސާބިތުވެ ހުންނަވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި އިދިކޮޅު ސަފުގެ ކުރީގައި ދެން ހުންނަވާނީ ވެސް ރައީސް ޔާމީން ކަަމަށެވެ. މިސަރުކާރުން ގާނޫނުތަކުގެ ބޭރުން ހިންގާ ހުރިހާ ކަމެއް ހުއްޓުވާ، ޖަވާބުދާރީކުރުވުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އަބްދުއްރަހީމް ދެއްވެވި އެވެ.

ރައީސް ޔާމީން ޖަލުން މިނިވަންވުމާ ގުޅިގެން މާލެއާއި އަތޮޅު ތެރޭގައި އެމަނިކުފާނުގެ ސަޕޯޓަރުން ގެންދަނީ ޖަލްސާތައް ބާއްވާ ކުލަގަދަކޮށް އެ އުފާ ފާހަގަކުރަމުންނެވެ.