އަލީ ވަހީދު

އިމިގްރޭޝަންގެ ބަންދެއްގައި ހުރުމުން ކޯޓަށް ހާޒިރު ނުވެވޭނެ ކަމަށް ވަހީދު އަންގައިފި

Dec 1, 2021
1

އިނގިރޭސިވިލާތުގައި އިމިގްރޭޝަންގެ ބަންދެއްގައި ހުރުމުން ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގާފައިވާ މުއްދަތުގައި ކޯޓަށް ހާޒިރުވެވެން ނެތް ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަންގައިފި އެވެ.

ކޯޓަށް ހާޒިރުވެވެން ނެތް ކަމަށް އަލީ ވަހީދު އެންގީ ސިއްހީ ފަރުވާ އަށް އޭނާ ރާއްޖޭން ބޭރަށް ފުރާވަޑައިގަތުމަށް ކްރިމިނަލް ކޯޓުން ހުއްދަ ދިން އިރު އަލީ ވަހީދު ކޯޓަށް ހާޒިރުކުރާނެ ކަމަށް ޖާމިނުވި އަސްއަދު އަލީ (އަޑުބަރޭ) އަށް ފޮނުވި ސިޓީއެއްގަ އެވެ.

އަލީ ވަހީދު ސިއްހީ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހަތަރު މަހަށް ކްރިމިނަލް ކޯޓުން ހުއްދަ ދިނީ އެ މުއްދަތު ހަމަވުމުން އޭނާ ރާއްޖެ ގެނެސްދޭނެ ކަމަށް އަސްއަދު ޖާމިނުވެ އެކަމުގެ އިގުރާރުގައި ސޮއި ކުރެއްވުމުންނެވެ. ނަމަވެސް މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓަށް އަސްއަދު ހާޒިރުކުރުމަށްފަހު މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ ޖާމިނު އިގުރާރާ އަސްއަދު ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި އަލީ ވަހީދު 72 ގަޑިއިރު ތެރޭގައި ކޯޓަށް ހާޒިރުކޮށްދިނުމަށް އަމުރުކޮށްފަ އެވެ. އެ މުއްދަތުގައި އެކަން ނުކުރެވިއްޖެނަމަ އަސްއަދަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ގާޒީ އެންގެވި އެވެ.

ކޯޓުގެ އެ އަމުރާ ގުޅިގެން އާދިއްތަ ދުވަހު އަސްއަދު ވަނީ އަލީ ވަހީދަށް ސިޓީއެއް ފޮނުއްވާފަ އެވެ. އެ ސިޓީގައި ބުނެފައިވަނީ އަލީ ވަހީދު ކޯޓަށް ހާޒިރުކުރުމަށް އޭނާ އަށް 72 ގަޑިއިރުގެ މުއްދަތެއް ދީފައިވާ ކަމަށާއި އެ މުއްދަތުގައި ހާޒިރު ނުކުރެވިއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އެހެންވެ އަސްއަދު ވަނީ ކޯޓުން އަމުރު ކުރި މުއްދަތަށް އަލީ ވަހީދު ކޯޓަށް ހާޒިރުވުމަށް އެދިވަޑައިގެންފަ އެވެ. އަދި އަލީ ވަހީދު ރާއްޖެ ވަޑައިގަތުމަށްޓަކައި ޓިކެޓްގެ ހަރަދު ހަމަޖައްސަވައިދެއްވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

އަސްއަދުގެ ސިޓީ އަށް އާދިއްތަ ދުވަހުގެ ރޭ އަލީ ވަހީދު ފޮނުއްވި ސިޓީގައި ބުނެފައިވަނީ އޭނާ ހުންނެވީ އިނގިރޭސިވިލާތުގައި އިމިގްރޭޝަންގެ ބަންދެއްގައި ކަމަށެވެ. އެހެންވެ ކްރިމިނަލް ކޯޓުން ދީފައިވާ މުއްދަތުގައި ކޯޓަށް ހާޒިރު ނުވެވޭނެ ކަމަށެވެ.

އަލީ ވަހީދު ދެއްވި ޖަވާބާ ގުޅިގެން އަސްއަދު ވަނީ އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދިނުމަށް އެހީތެރިވެ ދެއްވުމަށް އެދިވަޑައިގެން އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރު ޑރ ފަރަހަނާޒު ފައިސަލަށް ވެސް ސިޓީ ފޮނުއްވާފަ އެވެ.

ކްރިމިނަލް ކޯޓުން ދީފައިވާ މުއްދަތުގައި އަލީ ވަހީދު ކޯޓަށް ހާޒިރުކުރުމަށް ކުރެއްވި މަސައްކަތް އެނގޭ ގޮތަށް ހުރިހާ ލިޔުންތަކެއް އަސްއަދު މިހާރު ވަނީ ކޯޓަށް ހުށަހަޅުއްވާފަ އެވެ. އަދި މައްސަލައިގެ އަޑުއެހުމެއް ވީހާވެސް އަވަހަށް ބާއްވައިދިނުމަށް ވެސް އަސްއަދު ކޯޓުގައި އެދިފައިވެ އެެވެ.

އަސްއަދާ އެކު މަސައްކަތް ކުރައްވާ ވަކީލަކު ވިދާޅުވީ އަލީ ވަހީދުގެ މައްސަލާގައި އަސްއަދު ޖާމިނުވީ އެންމެ ހަތަރު މަސް ދުވަހަށް ކަމަށެވެ. އެ މުއްދަތުގައި އަލީ ވަހީދު ކޯޓަށް ހާޒިރު ނުވެގެން ކޯޓުން އަސްއަދާ ސުވާލެއް ވެސް ކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

"ހަގީގަތުގައި ޖާމިނު އެއްބަސްވުމަކީ ވެސް ވަކި މުއްދަތަކަށް ހަދާނެ އެއްޗެއް. މިމައްސަލާގައި އެ މުއްދަތަކީ ހަތަރު މަސް. ހަތަރު މަސް ތެރޭގައި ކޯޓުން ނެތް އަލީ ވަހީދު ރާއްޖެ ނައިސްގެން އަސްއަދާ ސުވާލުކޮށްފައެއް. އެހެންވީމާ ޖާމިނުވި މުއްދަތު ނިމިގެން ގޮސްފައި އެވަނީ،" ނަން ނުޖެހުމަށް ޝަރުތުކޮށް ވަކީލް ވިދާޅުވި އެވެ.

މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަސްއަދު ވިދާޅުވީ ޖާމިނު އިގުރާރާ އެއްގޮތަށް ހަތަރު މަސް ތެރޭގައި އަލީ ވަހީދު ވަނީ އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޝަރީއަތަކަށް ހާޒިރުކޮށްފައި ކަމަށެވެ. އަސްއަދު އެހެން ވިދާޅުވުމާ ގުޅިގެން ގާޒީ ހަސަން ސައީދު އެ ދުވަހު ވިދާޅުވީ ދައުވާ ލިބޭ ފަރާތުގެ ހައިސިއްޔަތުން އަލީ ވަހީދު ކޯޓަށް ހާޒިރު ނުވެ އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަަމަށް ސުޕްރީމް ކޯޓުން އަންގާފައިވާތީ އަލީ ވަހީދު ކޯޓަށް ހާޒިރުކުރެވުނު ކަމަށް ނުބެލެވޭނެ ކަމަށެވެ.

އަލީ ވަހީދު ހައްޔަރުކުރުމުގެ އަމުރެއް ވެސް ކުރިމިނަލް ކޯޓުން މިހާރު ވަނީ ފުލުހުންގެ މައްޗަށް ނެރެފަ އެވެ. އެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން ފުލުހުން ވަނީ އިންޓަޕޯލްގެ އެހީތެރިކަން ހޯދައިގެން އަލީ ވަހީދު ރާއްޖެއަށް ގެނައުމުގެ މަސައްކަތް ފަށާފަ އެވެ.