ކްރިމިނަލް ކޯޓް

އަޑުބަރޭ 15 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފި

އަސްއަދު އަލީ (ވ) ގައި އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު (ކ)ގައި -- ފޮޓޯ: އަވަސް
66.7%
33.3%
0%

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ 15 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

އައްސަދު ޖަލަށް ލުމަށް ހުކުމްކުރީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ދައުވާކޮށްފައިވަނިކޮށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޖާމިނުވުމަށްފަހު އަލީ ރާއްޖެ ގެނެސްދޭނެ ކަމަށް ވެފައިވާ އިގުރާރާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުމުންނެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އަޑުއެހުމެއް ބާއްވައި، 72 ގަޑިއިރުތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދިނުމަށް ކޯޓުން އަސްއަދަށް އަމުރު ވެސް ކުރި އެވެ. އެކަމަކު އެ މުއްދަތުގެ ތެރޭގައި އަސްއަދަށް، އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދެވިފައެއް ނުވެ އެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަލީ ކޯޓަށް ހާޒިރުކޮށްދީފައިވާނެ ކަމަށް އަސްއަދު ކޯޓުގައި ވިދާޅުވި އެވެ. އެކަމަކު އެއީ ކޯޓަށް ހާޒިރު ކޮށްދިނުން ކަމަށް މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ގަބޫލެއް ނުކުރައްވަ އެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުގެ އަމުރާ، އަސްއަދު ހިލާފުވި ކަމަށް ބަލައި ކޯޓުގައި މިއަދު ބާއްވާފައިވަނީ އަސްއަދަށް ފިޔަވަޅު އެޅުމަށް ބޭއްވި އަޑުއެހުމެކެވެ. މިއަދުގެ އަޑުއެހުމަށް ހާޒިރުވުމަށް އަސްއަދަށް ޗިޓު ރައްދުކުރެވިފައިވީ ނަމަވެސް ކޯޓަށް ހާޒިރުވެފައި ނުވާ ކަމަށް މަޖިލިސް ފަށަމުން ގާޒީ ވިދާޅުވި އެވެ. އެހެންވެ އަސްއަދަށް ހުކުމް ކުރީ އޭނާގެ ޣައިރު ހާޒިރުގަ އެވެ.

ގާޒީ ހަސަން ސައީދު ވިދާޅުވީ އަލީ ވަހީދު ފުރުން މަނާކޮށްފައި ވަނިކޮށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދީފައިވަނީ ހަތަރު މަސް ދުވަހުގެ ތެރޭގައި އޭނާ ހާޒިރުކޮށްދޭނެ ކަމަށް އައްސަދު ކޯޓުގައި އިގުރާރުވެ ލިޔުމެއްގައި ސޮއިކުރުމުން ކަމަށެވެ.

އޭގެ ފަހުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ހިންގުމަށް އަލީ އެދުމުން ދެ އަޑުއެހުމެއް ބޭއްވި ކަމަށާއި ފަހުން ސުޕްރީމް ކޯޓުން އަމުރު ނެރުމުން އެގޮތަށް ޝަރީއަތް ބާއްވާފައި ނުވާ ކަމަށެވެ. ވީޑިއޯ ކޮންފަރެންސްކޮށް ބޭއްވި އަޑުއެހުމުގައި އަލީ ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށް އައްސަދު ބުނި ނަމަވެސް، އޭނާ ރާއްޖެ ގެންނަން އައްސަދު ކުރި އެއްވެސް ކަމެއް ފެންނަން ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ، އައްސަދުގެ އެ އަމަލަކީ ގަސްދުގައި ކޯޓުގެ އަމުރަކާ ހިލާފުވުން ކަމަށާއި އެގޮތަށް އަމަލުކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށެވެ. އަދި މިއަދު ޗިޓު ރައްދުކުރުމުން، ކޯޓަށް ހާޒިރުނުވެވޭނެ ވަކި ސަބަބެއް ވެސް އޭނާ އަންގާފައި ނުވާ ކަމަށެވެ. އެއީ ވެސް ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ، އައްސަދު ވެފައިވާ އިގުރާރާ އޭނާ ހިލާފުވުމުން އަލީގެ ޝަރީއަތްތައް ކުރިއަށް ގެންދަން ހުރަސް އެޅިފައިވާ ކަމަށެވެ. އޭނާގެ އެ އަމަލުން ކޯޓަށާއި ޝަރީއަތަށް ވެސް ނުބައި ތަސައްވުރެއް ލިބިފައިވާ ކަމަށާއި އެހެންކަމުން އޭނާގެ މައްޗަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

އައްސަދު ކޯޓުގައި ވެފައިވާ އިގުރާރާ ހިލާފުވެފައިވާތީ އާއި މިހާތަނަށް ވެފައިވާ އިގުރާރާ އެއްގޮތަށް އަލީ ކޯޓަށް ހާޒިރުކޮށްދެވިފައި ނުވާތީ 15 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ގާޒީ ވަނީ އަމުރުކުރައްވާފަ އެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލައިފައިވާ ޖިންސީ ގޯނާތަކާ ގުޅޭ ދައުވާތަކުގެ އަޑުއެހުމެއް މިމަހުގެ ހަތް ވަނަ ދުވަހު ބާއްވަވާނެ ކަމަށް ވެސް ގާޒީ ވަނީ އިއުލާނުކުރައްވާފަ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޑރ. ރާމީ ޙަސަން މަނިކު މ.ވައިޖެހޭގެ

އިބޫ އަށް ވަރިހަމަ "އަޑުބަރޭ" އިންސާނެއްގެ ކަންފަތް މަތީގައި، ގައިގައިހުރި ބާރަކަށް އަޅާ ވިހެލިޔަސް. ސްޓޭޓް މިނިސްޓަރު ކަމުގައި ބަހައްޓާނެ. އިބޫ ގެ ބޭފުޅެއްގެ ކަންފަތްޕުޅު މަތީގައި "އަޑުބަރޭ" އަޅާވިހެލި ނަމަ، ސްޓޭޓް މިނިސްޓަރ ކަމުގައި "އަޑުބަރޭ" ބަހައްޓާނެ ބާ؟ އަޅެފަހެ ކޮންކަހަލަ މީހެއްތަ އިބޫ މިއީ؟؟؟ އެހެން މީހުންނާއި ދޭތެރޭ ކަންތައް ކުރަންވާނީ ތިމާމީހާ އާއި ދޭތެރޭ އެހެންމީހުން ކަންތައް ކުރަން އެދޭ ފަދައިން-ކަން އިބޫ އަށް ހަމަ ނޭންގެނީތަ؟ އިންސާނިއްޔަތާއި ޙިލާފު ޢަމަލު ކުރާ މީހުން މަޤާމުން ވަކިކުރަން ޖެހޭ. އެހެން ނޫނީ އެކުރެވެނީ އެކަމަށް ތާޢީދު!

ޝައްފަ

ތެދުފުޅެއް. އަޅާވިހެލީމަ ވެސް މަޤާމުގައި ބެހެއްޓީ. މުޢާލާތް ކެނޑުނީމަ އަޑުބަރޭ ވަކިކޮށްގެން ބޮނޑި ބޮވިއްޖެ އެއްނު. އަޑުބަރޭ ފިލީ. ދެން ނުކުންނާނީ އިބޫ ގެ ވާހަކަތައް އަޑުބަރޭގެ ދުލުން.

ކުރުކުރު

15 ދުވަހަށް ބަންދުކުރީމަ ހުރިހާކަމެއް ހަމަޖެހުނީ އުތަ… މީވާ ސަރުކާރެއް މީހުން ގުބޯ ހެއްދުމުގަވެސް މިވަރެއް ނެއް…ޗަކޮއެމެން ދެން އަތްތަޅާ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345