ކްރިމިނަލް ކޯޓް

ހުއްދަ ނެތި ގެއަކަށް ވަން މީހަކު ތިން މަހަށް ޖަލަށް

Dec 1, 2021

ހުއްދަ ނެތި ގެއަކަށް ވަން މީހަކު ތިން މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު މި ހުކުމްކޮށްފައިވަނީ ހއ. ދިއްދޫ، މާފޮޅޭގެ، އަލީ އިމްރާނަށެވެ.

ހއ. ދިއްދޫ، ދޮންފަތްބަގީޗާގެއަށް ޖެނުއަރީ 21، 2018 ގައި ހުއްދަ ނެތި ވަދެފައިވާތީ އަލީ އިމްރާންގެ މައްޗަށް ދައުލަތުން އުފުލީ އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އެވެ.

ހުއްދަ ނޫން ތަނަކަށް ވަންނަ މީހަކަށް ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވާ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ.

އަލީ އިމްރާން ދައުވާ އަށް އިއުތިރާފްވެފައިވާތީ އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ އަދަބު ލުއި ކުރުމަށްފަހު އެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބު އިއްވި ހުކުމްގައި ވަނީ ތިން މަހާއި 18 ދުވަހަށް އަލީ އިމްރާން ޖަލަށްލުމަށެވެ.