ކްރިމިނަލް ކޯޓް

ކުޑަކަމުދިޔަ މީހާ ދޮޅު މަހަށް ޖަލަށްލުމަށް ހުކުމްކޮށްފި

Dec 1, 2021

އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތާއި ރައީސް އޮފީހުގެ ދޮރުމައްޗާއި އަދި ޖުމްހޫރީ މައިދާނަށް ކުޑަކަމު ދިޔަ މީހާ އެއް މަހާއި 19 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

މިދިޔަ އޮކްޓޯބަރު ތިންވަނަ ދުވަހުގެ އެކި ވަގުތުތަކުގައި އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތާއި ރައީސް އޮފީހުގެ ދޮރުމައްޗާއި އަދި ޖުމްހޫރީ މައިދާނަށް ކުޑަކަމުދިޔަ މައްސަލާގައި މ. ޝޭޑީހޯމް، ހަސަން ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލީ އާންމު މަސްލަހަތަށް ގެއްލުން ހުރި ކަމެއް ކުރުމުގެ ކުށުގެ ދެ ދައުވާ އެވެ.

އެ މައްސަލާގައި ފުލުހުން އޭނާ ހައްޔަރުކުރުމަށްފަހު ދޫކޮށްލުމުން އިބްރާހިމީ މިސްކިތަށް ވަދެ މިސްކިތުގައި އޮތް ހަތިމަކަށް ރަތްކުޅު ޖެހި މައްސަލާގައި ވެސް ފުލުހުން އޭނާ ހައްޔަރުކުރި އެވެ. މި މައްސަލާގައި ވެސް އޭނާގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފަ އެވެ. އެކަމަކު އަދި ހުކުމެއް ކޮށްފައެއް ނުވެ އެވެ.

ޒިޔާދުގެ މައްޗަށް މިދިޔަ މަހުގެ 16 ވަނަ ދުވަހު އުފުލި ދެ ދައުވާ އަށް އޭނާ ވަނީ ޝަރީއަތުގައި އިއުތިރާފް އެވެ. އަދި ޖަލު ބަންދުގެ ބަދަލުގައި ޖޫރިމަނާގެ އަދަބެއް ކަނޑައަޅައިދޭން ކޯޓުގައި އެދިފައިވެ އެެވެ. ނަމަވެސް ހުތުރުކަން ބޮޑު އަމަލު ޒިޔާދު ހިންގާފައިވަނީ އިސްލާމްދީނާއި ރާއްޖޭގެ ގަައުމިއްޔަތާ ގުޅުންހުރި ތަންތަނުގައި ކަމަށްވާތީ ޖޫރިމަނާގެ އަދަބެއް ކަނޑައަޅަން ގާޒީ ދީބަނާޒް ފަހްމީ ވަނީ ދެކޮޅު ހައްދަވާފަ އެވެ.

ޒިޔާދުގެ އަމަލަށް ބަލައި ކުރި ހުކުމްގައި ވަނީ ދައުލަތުން އުފުލި ދެ ދައުވާގެ ތެރެއިން ކޮންމެ ދައުވާ އަކަށް އެއް މަހާއި ހަ ދުވަހުގެ ހުކުމަކާ އެކު ޖުމްލަ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށެވެ. އެކަމަކު ޒިޔާދު އެންމެ ފަހުން ހައްޔަރުކުރި ގޮތަށް ބަންދުގައި ބަހައްޓާފައި ހުރުމުގެ ސަބަބުން އެ ދުވަސްތަކަށް ކެނޑުމަށްފަހު ހުކުމްގައިވާ އަދަބުގެ ގޮތުގައި އޭނާ ތަންފީޒު ކުރާނީ އެއް މަހާއި 19 ދުވަހެވެ.

ފުލުހުން މީގެކުރިން ބުނީ ޒިޔާދަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް އެނގިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ބަންދުގެ މަޖިލީހެއްގައި ފުލުހުން ބުނީ އޭނާގެ ނަފްސާނީ ބައްޔެއް ހުރިތޯ ބަލަމުންދާ ކަމަށާއި ޒިޔާދުގެ އާއިލާ އިން އޭނާއަށް އެއްބާރުލުން ދޭން ބޭނުން ނުވާ ކަމަށެވެ. ޖެންޑާ މިނިސްޓްރީން ހެދި ޓެސްޓްތަކުން ޒިޔާދަކީ ނަފްސާނީ ބައްޔެއް ހުރި މީހެއް ނޫން ކަން ވަނީ އެނގިފަ އެވެ.