ރައީސް އަބްދުﷲ ޔާމީން

އެންމެ ކޮރީ އަދުލުގެ ނިޒާމު، އަލުން ޖަލަށް ގެންދިޔަސް ހެޔޮ: ޔާމީން

ރާއްޖޭގައި އެންމެ ކޮރީ -- އެންމެ ގޯހީ -- އަދުލުގެ ނިޒާމުގައި ކަމަށާ އެ ވާހަކަ ދައްކަވައިގެން އަލުން ޖަލަށް ގެންދެވިޔަސް އެ ކޮރުކަން ފިލަންދެން އެ ވާހަކަ ދައްކަވާނެ ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ޝުކުރިއްޔާ ރައްޔިތުން" ގެ ނަމުގައި ޕީޕީއެމްގެ ރަސްމީ އޮފީހުގައި އޮތް ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ދެ އަހަރުގެ ފަހުން ޖަލު ހުކުމުން ސަލާމަތްވެވަޑައިގެން ފަހުން ރައްޔިތުންނާ މުހާތަބު ކުރައްވާ އެމަނިކުފާނު ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

ރައީސް ޔާމީންގެ ވާހަކަފުޅަށް އެކަނި ހާއްސަކޮށް އޮތް ޖަލްސާގައި ވާހަކަދައްކަަމުން އެމަނިކުފާނު ވިދާޅުވީ އަދުލުގެ ނިޒާމު އޮތް ގޮތުން ހަމަޖެހިގެން ގައުމަށް ކުރިއަށް ދެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އަދުލުގެ ނިޒާމުގެ ކަށަވަރުކަން އޮވެގެން ނޫނީ ރާއްޖެއަށް ދިރުމެއް ނެތް ކަމަށް ވިދާޅުވިއެވެ.

"އަދުލުގެ ނިޒާމު އެންމެ ކޮރީ. ކެރިގެން ވާހަކަ ދައްކަންވީ. މިކަމުގެ ވާހަކަ ދައްކައިގެން އަނެއްކާވެސް [ޖަލަށް] ގެންދޭ. އެކަމަކު އަޅުގަނޑުމެންނަކަށް ހަމަޖެހިގެނެއް ކަންކަމެއް ކުރިއަކަށް ނުގެންދެވޭނެ އަދުލުގެ ނިޒާމަކީ ހުރިހާ ފަރާތަކުން، ހުރިހާ ނުފޫޒުތަކުން އެއްކިބާވެފައި އޮތް އަދުލުގެ ނިޒާމެއް ކަމަށް ރައްޔިތުން ގަބޫލުކުރާ މިންވަރަށް ކަށަވަރުކަން ލިބިގެން ނޫނީ ދިވެހިރާއްޖެއަށް ދިރުމެއް ނެތް، ދިވެހިރާއްޖެއަށް ކުރިއެރުމެއް ނެތް،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރަކު ވާހަކަ ދައްކަވާ ކަމަށް ބުނާ އޯޑިއޯތަކެއް އާންމުވެ އެކަމުގެ ކަންބޮޑުވުން އުފެދުނު ނަމަވެސް އަދިވެސް އޯޑިއޯތަކުގެ ސައްހަކަން ކަށަވަރުކޮށް ނުދެއްވޭ ކަމަށެވެ. އަދި އެ މައްސަލާގައި އެއްޗެއް ބުނަން ލަސްވި ލަސްވުމަކީ އިތުރު ސުވާލު އުފެދުނު ކަމެއް ކަމަށެވެ. އެ އޯޑިއޯތަކުން އަދުލުގެ ނިޒާމަށް އޮތް ނުފޫޒު ހާމަވާ ކަމަށާ އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޝަރުއީ އަދުލުގެ ނިޒާމަށް އޮތީ ހަމައެކަނި ދައުލަތުގެ ވެރިންގެ ނުފޫޒު އެކަނި ނޫން ކަމަށެވެ.

"އަބަދުވެސް އަންނަ ޝަކުވާއަކީ ރައީސްކަން ކުރާ މީހަކު ނުވަތަ ވެރިކަމުގެ ފަރާތުން އަދުލްގެ ތެރެއަށް އަތްބާނާ ވާހަކަ. ގަބޫލުކުރަން، އެއީ ކޮށްގެންވާނެ ކަމެއް ނޫން. އެކަމަކު ވަރިހަމަތޯ ރާއްޖޭގައި ތިއްބެވި މުއްސަދި މަހުޖަނުން އޭގެތެރެއަށް އަތްބޭނިއަސް. އެ ވަރިހަމަތޯ. އަދި އެހެން ގޮތްގޮތުން އޭގެތެރެއަށް އަތްބާނާ މީހުން ބޭނުން އެއީ ރަނގަޅު ކަމެއް. ނޫން، މިއިން އެއްވެސް ކަމެއް އޯކޭއެއް ނޫން،"

ރައީސް ޔާމީން ވިދާޅުވީ އަދުލުގެ ނިޒާމުގައި ހުރި ކޮރުކަން ފިލަންދެން އެ ވާހަކަ ދައްކަވާނެ ކަމަށެވެ. ފަނޑިޔާރުން ނުފޫޒުގައި ޖެހިވަޑައިގެން ކަންކަން ނިންމަވަނީ ވަޒީފާގެ ބިރު އޮތުމުން ކަމަށް ބައެއް މީހުން ދެކޭ ކަމަށް ވިދާޅުވެ އެކަމަށްވެސް ރައީސް ޔާމީން ވަރުގަދައަށް ރައްދު ދެއްވިއެވެ. ވިދާޅުވީ އެ ވިސްނުމުގައި ތިއްބެވި ބޭފުޅުން ފަނޑިޔާރުން ދިފާއު ކުރައްވާއިރު ދެ އަހަރު ޖަލުގައި އޮންނަވަން ޖެހިވަޑައިގަތުމުން ރައީސް ޔާމީނާއި އާއިލާއަށް ލިބުނު ހިތްދަތި ކަމުގެ ވާހަކަ ނުދެއްކެވުމުން ސުވާލު އުފެދޭ ކަމަށެވެ.

"ވަޒީފާ ގެއްލިގެން ބިރު ހީވާންޖެހޭނީ ފަނޑިޔާރުން އެކަނިތޯ. ކޮންމެ މީހަކު މާތްﷲ ދުނިޔެއަށް މި ފޮނުއްވަނީ ވަޒީފާއެއް ދެއްވާފަތޯ. ނޫން. އެއް ގޮތަކަށްވެސް އެކަމަކަށް އަޅުގަނޑުގެ ހަމްދަރުދީއެއް ނެތް. ވަޒީފާ ގެއްލިދާނެތީ އަނބިދަރިން ނުކައި ތިބެދާނެތީ އެއީކީ އެތައް އެތައް ބައެއްގެ ހައްގުތަކަށް އަރައިގަންނަން ލިބޭ ޓިކެޓެއް ނޫން އެއީ. އެ ޓިކެޓެއް އެ މީހުންނަކަށް ނުލިބޭނެ،" ޔާމީން ވިދާޅުވިއެވެ.