- އެއާލައިން ހަފުތާއަކު ދެ ފްލައިޓް ބާއްވާނެ
- ފްލައިޓް އޮންނާނީ ފްރެންކްފަޓްއިން މާލެއަށް
- ފުލްތަންސާއަކީ ޔޫރަޕުގެ އެންމެ ބޮޑު އެއް އެއާލައިން
ޔޫރަޕުގެ އެންމެ ބޮޑު އެއް އެއާލައިން، ޖަރުމަނުގެ ލުފްތަންސާ އިން ރާއްޖެ އާއި ޖަރުމަނާ ދެމެދު ސީދާ ފްލައިޓްތައް މިއަދު ފަށައިފި އެވެ.
ލުފަތަންސާގެ ފުރަތަމަ ފްލައިޓް މިއަދު ހެނދުނު ވަނީ އެއާޕޯޓްގައި ޖައްސައިފަ އެވެ. އެ ފްލައިޓުން އައި ޕެސެންޖަރުންނަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
މި ފްލައިޓް ދަތުރުކުރާނީ ޖަރުމަނުގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ ފްރެންކްފަޓާއި ރާއްޖެއާ ދެމެދު އެވެ. މި އެއާލައިނުން ހަފުތާއަކު ދެ ދުވަހު ދުވަހު އުދުހޭނެ އެވެ.
ޖަރުމަނުގެ ގައުމީ އެއާލައިން ކަމަށްވާ "ލުފްތަންސާ" އަށް މަރުހަބާ ކިޔުމަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ރަމީޒު ވިދާޅުވީ ޖަރުމަނަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރާ ގައުމު ކަމަށެވެ.
"މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޖަރުމަނުން 85،000 ޓޫރިސްޓުން ޒިޔާރަތް ކޮށްފި. ވަރަށް އުފަލާއެކު ދަންނާނީ މިއީ ދެ ޕަސެންޓުގެ ކުރިއެރުމެކޭ. އެހެންވެ ލުފްތަންސާ އެއާލައިންގެ ސަބަބުން އިތުރު ފުރުސަތު ތަކެއް ހުޅުވިގެންދާނެ. މި އެއާލައިންގެ ސަބަބުން އެހެން މަންޒިލްތަކުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ވެގެންދާނެ،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ރާއްޖޭން ޒިޔާރަތްކުރާ އަހަރު ފާހަގަކުރާއިރު، މި ދަތުރުތަކުގެ ސަބަބުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ.
" އަންނަ އަހަރު އައިޓީބީ ބާލިންގެ ޕާޓްނަރަކީ ރާއްޖެ. މިއީ ވަރަށް ރަނގަޅު ފެށުމެއް،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ އައިއެންއައިއޭ ތަރައްގީ ކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށެވެ.
"ޓާމިނަލް ބޮޑުވެގެންދާއިރު މިހާރު ޓާމިނަލްއަށްވުރެ ތިން ގުނަ ބޮޑުވާނެ. ރަންވޭވެސް ބޮޑު ވެގެންދާނެ،" ޒަމީރު ވިދާޅުވި އެވެ.
މި އަހަރުގެ ކުރީކޮޅު ދަތުރުތައް މެދުގަނޑާލުމަށްފަހު، ބްރިޓިޝް އެއާވޭސްގެ ދަތުރުތައް ވެސް އަލުންވަނީ ފަށާފަ އެވެ.ލުފްތަންސާ އެއާލައިންއަކީ 200 ގައުމަށް ދަތުރުތައް ބާއްވާ އެއާލައިނެކެވެ. މި އެއާލައިންގެ ފްލީޓްގެ އަދަދު 298 އަށް އަރަ އެވެ. މި އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ކުރާނީ އާދީއްތަ ދުވަހާއި ބުރާސްފަތި ދުވަހު އެވެ.